ރައްޔިތުންނަށް ޚިދުމަތްކުރަން ބޭނުންވާ ވެރިން ކައުންސިލް އިންތިހާބު ކާމިޔާބު ކުރަން މަސައްކަތް ކުރާނެ: ފަލާހު
ރައްޔިތުންނަށް ހަގީގީ މާނައިގައި ހިދުމަތްކުރަން ބޭނުންވާ ކޮންމެ ވެރިޔަކުވެސް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެ އެވެ.
"ދަ ގްރޭޓަރ އައްޑޫ ވިޝަން" ގެ ތަފްސީލު ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ، ރައްޔިތުންނަށް ހިދުމަތްކުރަން ބޭނުންނުވާ ވެރިޔަކަށް ކައުންސިލް އިންތިހާބު ލިބުނަސް ނުލިބުނަސް "ބޮޑު ވަރިހަމަ" ވެފައި އޮތުން ވަރަށް ފަސޭހަވާނެ ކަމަށެވެ.
"އޭރަށް ރައްޔިތުންގެ ގާތަށް ގޮސް ބުނެވޭނެ ކައުންސިލްތައް ނުލިބުނީމަ ތިމަންނާމެންނަށް މާ ބޮޑު ކަމެއް ކޮށްދެވޭކަށް ނެތޭ. މިހެން ކިޔާފައި ދޫކޮށްލަން ފަސޭހަވާނެ،" ފަލާހު ވިދާޅުވިއެވެ.
މާޒީގައި ސިޔާސީ ބޭފުޅުން ކައުންސިލް އިންތިހާބު އެއީ މާ މުހިންމު ކަމެއްގެ ގޮތުގައި ނުދެކެނީ ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ހަގީގީ ވިސްނުން ނުގެންގުޅޭތީ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅު މިކަމުގައި ތަފާތު ކަމަށާއި، އެމަނިކުފާނަށް ކައުންސިލް އިންތިހާބަކީ ވަރަށް މުހިންމު އިންތިހާބެއް ކަމަށް ފަލާހު ވިދާޅުވިއެވެ.
ފަލާހު ވިދާޅުވި ގޮތުގައި ސަރުކާރުން ރަށްރަށުގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ ކައުންސިލަރުންގެ ފަރާތުންނެވެ. ރައީސް މުއިއްޒަކީ ސަރުކާރު ހިންގުމުގެ އެންމެ މުހިންމު ތިން މަގާމު ފުރުއްވާފައިވާ ބޭފުޅަކަށް ވާތީ، އެ ތަޖުރިބާގެ އަލީގައި މިހާރު ކުރައްވަމުން ގެންދަވަނީ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވިއެވެ.
ކުރިއަށް އޮތް ކައުންސިލް އިންތިހާބު ރައީސަށް މުހިންމު ވަނީ އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުތަކާ އެއްގޮތަށް މުޅި ރާއްޖޭގެ ތަރައްގީގެ ދުވެލި ހަލުއިކުރުމަށް ކަމަށްވެސް ފަލާހު ފާހަގަކުރެއްވިއެވެ. އަދި ޕީއެންސީގެ ޓިކެޓުގައި އައްޑޫ ސިޓީއަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ފުރިހަމަ ތަސައްވުރެއް އެބައޮތް ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން، ސިޓީއެއްގެ ރައްޔިތުން މާލެއަށް ޒިޔާރަތްކޮށް މިފަދަ ބޮޑު ޖަލްސާއެއް ބޭއްވި މިއީ ފުރަތަމަ ފަހަރުކަން ފާހަގަކުރައްވައި، ފަލާހު ވަނީ އައްޑޫގެ ރައްޔިތުންނަށް ރައީސްގެ ނަންފުޅުގައާއި ޕާޓީގެ ނަމުގައި ޝުކުރު އަދާކުރައްވާފައެވެ.
Ads by MACL
