ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ދެ އިންތިޚާބު އެއްކުރާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދަނީ އޮޅުވާލަމުން؛ އެފަދަ އޮޅުވާލުންތަކުގަ ރައްޔިތުން ޖެހިގެން ނުވާނެ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކުރާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދަނީ ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅުވާލަމުން ކަމަށާއި ތައުލީމީ ހޭލުންތެރި ރައްޔިތުން  އެފަދަ މީހުންގެ ވާހަކައިގައި ނުޖެހުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފި އެވެ.

މި ސަރުކާރުން ރާވައިގެން، ރައްޔިތުންނަށް އޮޅުވާލަން، ޚަރަދު ކުޑަކުރުމުގެ ބަހަނާގައި ދެ އިންތިޙާބު އެއްކޮށްލަން މަސައްކަތް ކުރާކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުން އަންނަނީ ތުހުމަތުތަކެއް ކުރަމުންނެވެ. ރައީސް މުއިއްޒު ވަނީ އިދިކޮޅު ފަރާތްތަކުގެ މި ތުހުމަތުތައް ދޮގުކުރައްވައި ކަމުގެ ހަގީގަތް ރައްޔިތުންނަށް އޮޅުންފިލުވައިދެއްވާފަ އެވެ.

އެގޮތުން "ދަ ގްރޭޓަރ އައްޑޫ އިވެންޓް" ގެ ނަމުގައި ބޭއްވި ހަރަކާތުގައި ރައީސް ވިދާޅުވީ ދެ އިންތިޚާބު އެއްކުރާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އޮޅުވާލަމުންދާ ކަމަށާއި އެފަދަ މީހުންގެ ވާހަކައިގައި ތައުލީމީ ހޭލުންތެރި ރައްޔިތުން ޖެހިގެން ނުވާނެ ކަމަށެވެ. އެމަނިކުފާނު ހުށަހަޅުއްވާފައިވާ ޤަރާރަކީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ހުށަހަޅާފައިވާ ބިލުގައިވާގޮތަށް، ޤާނޫނުއަސާސީން ކަނޑައަޅާފައިވާގޮތަށް ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މިހާރު ހިނގަމުންދާ ދައުރު ކުރުވާންޖެހޭތީ އެކަމަށްޓަކައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ހުށަހަޅުއްވާފައިވާ ޤަރާރެއް ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޤައުމީ ވިސްނުމުގައި ވިސްނާ ކޮންމެ މީހަކުވެސް ބޭނުންވާނީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ކަމަށެވެ. އެ ބަދަލާއެކު މަޖިލިސް އިންތިޚާބުގައިވެސް ވޯޓުލާ ރައްޔިތުންގެ އަދަދު އިތުރުވެ، ގިނަ ރައްޔިތުން ބައިވެރިވުން އިންތިޚާބުގައި ހިމެނިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އިންތިޚާބެއްވައި ވޯޓުލާ ރައްޔިތުންގެ އަދަދު މަދުވުމަކީ ޑިމޮކްރަސީއަށް ލިބިގެންދާ ހީނަރުކަމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ރައްޔިތުންގެ މަންދޫބުން ހޮވުމަށްޓަކައި ނުކުންނަ އަދަދު ގިނަވެއްޖެއްޔާ އެ ޑިމޮކްރަސީ ފައްކާވެގެން އެބަދޭ. އެހެންވީމަ އެންމެ ގިނަ ރައްޔިތުން ވޯޓުލާ ދުވަހު މި އިންތިޚާބުވެސް (މަޖިލިސް އިންތިޚާބު) ބޭއްވިގެން ދިޔައިމަ އެ ރައްޔިތުންގެ މަންދޫބުން ހޮވުމަށްޓަކައި އެންމެ ގިނަ ރައްޔިތުން ވޯޓުލުމުގެ ފުރުސަތު އެބަ ލިބޭ. އެހެންވީމަ ރައްޔިތުންގެ ފަރާތުން ގޮސް މަޖިލީހުގައި ވާހަކަދައްކަވާ މެންބަރުންނަކީ ވީހާވެސް ގިނަ ރައްޔިތުން ވޯޓުލައިގެން ހޮވިފައިތިބި ބަޔަކަށް ހެދުމަކީ މި ރާއްޖޭގެ މުސްތަގުބަލަށްޓަކައިވެސް އަދި މި ރާއްޖޭގައި މިއޮތް ޑިމޮކްރަސީ ފައްކާކުރުމަށްޓަކައިވެސް ވަރަށް މުހިންމު ކަމެއް،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ތަފާސްހިސާބުތައް ހިއްސާ ކުރައްވައި ރައީސް ވިދާޅުވީ އެންމެ ގިނަ ބަޔަކު ބައިވެރިވާ އިންތިޚާބަކީ ރިޔާސީ އިންތިޚާބު ކަމަށެވެ. އަދި އޭގެ 6 މަސް ދުވަސް ފަހުން މަޖިލިސް އިންތިޚާބު ބާއްވާއިރު އެ އިންތިޚާބުގައި ވޯޓުލާ ރައްޔިތުންގެ އަދަދު %10 އާއި %12 އާ ދެމެދުގެ އަދަދަކަށް މަދުވެގެންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން ރައްޔިތުންގެ ބައިވެރިވުން އިތުރުވުމުގެ އިތުރުން ޤައުމުގައި ސިޔާސީ ހަމަޖެހުންވެސް ގާއިމުވެގެންދާނެ ކަމަށެވެ. އެގޮތުން، ރިޔާސީ އިންތިޚާބަށްފަހު 6 މަސް ދުވަސް ފަހުން މަޖިލިސް އިންތިޚާބު ބާއްވައި އެ މަޖިލީހުގެ މެޖޯރިޓީ އިދިކޮޅަށް ލިބިއްޖެނަމަ ނުވަތަ 6 މަސް ދުވަހުގެ މުއްދަތުގެ ތެރޭގައި މަޖިލީހުގައި އިދިކޮޅު މެންބަރުން ގިނަ ކަމުގައިވާނަމަ ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރުވައި ހަމަޖެހުން ގެއްލުވާލުމުގެ ފުރުސަތު ފަހިވެގެންދާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.