ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ދަރިފުޅަށް 2 އަހަރު ވަންދެން، ދޭވަގުތު އިތުރުކުރަން ފާސްކޮށްފި

ދަރިފުޅަށް 2 އަހަރު ވަންދެން، ދޭވަގުތު އިތުރުކުރަން ފާސްކޮށްފި

ކުދިންނަށް ދެ އަހަރު ވަންދެން, މުސާރައިން ނުކެނޑޭ ގޮތަށް އަންހެން މުވައްޒަފުންނަށް ދުވާލަކު ދެ ފަހަރަށް ބައިގަޑިއިރުގެ ހުސް ވަގުތުކޮޅެއް ލިބޭ ގޮތް ހެދުމަށް ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުގެ އިއްތިފާގުން މިއަދު ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހަށް އެ އިސްލާހު ހުށަހެޅުއްވީ، މަޑަވެލި ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝަމީޒެވެ.

މިހާރު ގާނޫނުގައި އޮންނަނީ، ދުވާލަކު ދެ ފަހަރަށް ބައިގަޑިއިރުގެ ހުސްވަގުތު ލިބޭނީ ކުއްޖާއަށް އަަހަރެއް ވަންދެން ކަމަށެވެ. އެހެންވެ، ކުދިން ކައިރިއަށް ދިޔުމަށް ލިބޭ ހުސްވަގުތު އިތުރުކުރުމަށް ބިލުގައި ވަނީ ހުށަހަޅާފައެވެ.

މަޖިލީހުން މި ބިލު ފާސްކުރީ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީން ފާސްކޮށް ނިންމި ގޮތަށް ބިލަށް އިތުރު އިސްލާހެއް ގެނައުމަކާ ނުލައެވެ.
މި ބިލު މަޖިލީހުން ފާސްކޮށްފައިވަނީ ޖަލްސާއަށް ހާޒިރުވެވަޑައިގެންނެވި 62 މެންބަރުންގެ އިއްތިފާގުންނެވެ.

މުވައްޒަފަކު ވިހެއުމާ ގުޅިގެން ލިބޭ ޗުއްޓީއަށްފަހު އެނބުރި ވަޒީފާއަށް ނުކުންނަ ދުވަހުން ފެށިގެން ދަރިފުޅުގެ ކަންކަން ބެލެހެއްޓުމަށް ދަރިފުޅު ކައިރިއަށް ދިއުމަށް ދުވާލަކު ދެފަހަރު 30 މިނެޓުގެ ވަގުތުކޮޅެއް ދޭން ވަޒީފާއާ ބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. ނަމަވެސް މިހާރު ޤާނޫނުގައިވާ ގޮތުން މި މުއްދަތު ދީފައިވަނީ 1 އަހަރު ދުވަހަށެވެ.

ސަރުކާރުގެ ފަރާތުން މިހާރު ޤާނޫނަށް ހުށަހެޅުއްވި އިސްލާހުގައިވާގޮތުން ވިހެއުމަށްފަހު ލިބޭ ޗުއްޓީއަށްފަހު މުވައްޒަފު އަނބުރާ ވަޒީފާއަށް ނުކުންނަ ދުވަހުން ފެށިގެން ދަރިފުޅުގެ އުމުރުން 2 އަހަރު ދުވަސް ވަންދެން އެ ދަރިފުޅަށް ކޮށްދޭންޖެހޭ ކަންކަން ކޮށްދިނުމަށް ވަގުތު ދޭން ޖެހޭނެއެވެ. އެގޮތުން، މުސާރައިން ނުކެނޑޭގޮތަށް ކޮންމެ ދުވަހަކުވެސް ދަރިފުޅު ގާތަށް ދިއުމަށް 30 މިނެޓުގެ ހުސްވަގުތުކޮޅެއް ދުވާލަކު ދެފަހަރު ދޭން ޖެހޭނެކަމަށް އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.

މި މުއްދަތު ކޮންމެ ދުވަހަކު 45 މިނެޓުގެ ހުސްވަގުތު ދެ ފަހަރަށް ދޭ ގޮތަށް ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރު އިސްލާހު ހުށަހެޅުއްވިއެވެ. ނަމަވެސް މަޖިލީހުން ފާސްކުރީ އެ އިސްލާހު ބަލައި ނުގަތުމަށެވެ.

ކޮންމެ މުވައްޒަފަކަށްވެސް ޑިއުޓީ ވަގުތުން 1 ގަޑިއިރުގެ ހުސްވަގުތު މިހާރު ދޭންޖެހެއެވެ. ވިހެއުމަށްފަހު ދަރިފުޅަށް ދެ އަހަރުވަންދެން އެ ދަރިފުޅު ކައިރިއަށް ދިއުމަށް ދޭންޖެހޭ ވަގުތަކީ މި ވަގުތުގެ އިތުރަށް ދޭންޖެހޭ ވަގުތެވެ.

މި އިސްލާހުގައި ވަޒީފާއިން ވަކިކުރުމުގައި ދޭންޖެހޭ މުއްދަތަށް އިސްލާހު ގެނައުމަށް ވަނީ ހުށަހަޅާފައެވެ. އެގޮތުން، މިހާރު ޤާނޫނުގައި 6 މަސް ދުވަހާއި 1 އަހަރު ދުވަހާ ދެމެދުގެ މުއްދަތަކަށް ވަޒީފާގައި ހުރި މުވައްޒަފަކު ވަކިކުރާނަމަ ދެ ހަފުތާގެ މުއްދަތެއް ދޭންޖެހޭ ކަމަށް ކަނޑައަޅާފައިވާއިރު އިސްލާހުގައި 1 އަހަރަށްވުރެ ދިގު ނޫން މުއްދަތެއްގައި ވަޒީފާގައި އުޅޭ ކޮންމެ މުވައްޒަފަކަށް 2 ހަފުތާގެ ނޯޓިސް ދޭންޖެހޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.

މީގެ އިތުރުން ބައެއް ބާވަތްތަކުގެ ވިޔަފާރިތަކަށް ބިދޭސީން ގެނައުމަށް ދައްކަންޖެހޭ ކޯޓާ ފީ ދެއްކުން އިސްތިސްނާ ކުރުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ލިބިގެންދާގޮތަށްވެސް ވަޒީފާއާބެހޭ ޤާނޫނަށް އިސްލާހު ގެނައުމަށް ވަނީ ހުށަހަޅުއްވާފައެވެ. މިފަދަ އިސްތިސްނާއެއް ދެވޭނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށާއި އައު ވިޔަފާރިތަކަށް ފުރުސަތު ދިނުމުގެ އިތުރުން ވިޔަފާރީގެ ވާދަވެރިކަން އުފެއްދުމަށްކަމަށް ވަނީ ބަޔާންކޮށްފައެވެ.