އީރާނަށް ދެމުންދާ ހަމަލާތަކާ ގުޅޭގޮތުން ޓްރަމްޕް ދެއްކެވި ވާހަކަތަކަށް ތާއީދުކޮށް "އަތްޖެހުމުން" މެސީއަށް ފާޑުކިޔުން އަމާޒުވަނީ
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލުކުރައްވައި، އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާ ގުޅޭގޮތުން ޓްރަމްޕް ދެއްކެވި ވާހަކަފުޅުތަކަށް އާޖެންޓީނާގެ ފުޓްބޯޅަ ތަރި ލިއޮނަލް މެސީ ތާއީދުކޮށް އަތްޖެހުމުން އޭނާއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ މީގެ ކުޑަދުވަސްކޮޅެއް ކުރިން މެސީ އާއި އޭނާގެ ޓީމު، އިންޓަ މިއާމީއަށް މަރުހަބާ ކިޔުމަށް ވައިޓް ހައުސްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ވޮޝިންޓަންގައި ބޭއްވި މި ރަސްމިއްޔާތުގައި ޓްރަމްޕް ވަނީ މެސީއަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައެވެ. ނަމަވެސް، އެމެރިކާގެ ރައީސާ ބައްދަލުކޮށް، އޭނާ ދެއްކެވި ސިޔާސީ ވާހަކަފުޅުތަކަށް މެސީ އަތްޖެހުމުން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ. މިދިޔަ ޑިސެމްބަރު މަހު އިންޓަ މިއާމީން އެމް.އެލް.އެސް ތަށި ކާމިޔާބުކުރުމާ ގުޅިގެން ބޭއްވި މި ބައްދަލުވުމުގައި، މެސީ ވަނީ ޖެހިޖެހިގެން ދެވަނަ ފަހަރަށް ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ.
Ads by BMLމެސީއާ މުހާތަބު ކުރައްވައި ޓްރަމްޕް ވިދާޅުވީ، އެމެރިކާގެ އެއްވެސް ރައީސަކަށް މީގެ ކުރިން ވިދާޅުވުމުގެ ފުރުސަތު ލިބިވަޑައިނުގެންނެވި ބަސްފުޅެއް ދެންނެވުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. އެއީ 'ލިއޮނަލް މެސީ، ވައިޓް ހައުސްއަށް އައުމުން މަރުހަބާ ކިޔުން ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އަދި މެސީއަކީ އާދަޔާ ހިލާފު އުނދަގޫ ހާލަތެއްގައި ހުރެގެންވެސް ކާމިޔާބީ ހޯދާ ކުޅުންތެރިއެއްގެ ގޮތުގައި ޓްރަމްޕް ސިފަކުރެއްވިއެވެ.
މި ރަސްމިއްޔާތު ފެށިގެން ދިޔައީ ސިޔާސީ އަދި އަސްކަރީ ވާހަކަތަކުންނެވެ. ޓްރަމްޕް ވަނީ އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާ ބެހޭގޮތުން ވާހަކަ ދައްކަވާފައެވެ. މީގެ އިތުރުން ވެނެޒުއޭލާގެ މަޝްރަހާއި، ކިއުބާއާ ގުޅޭގޮތުން ނިންމަން އުޅޭ ނިންމުންތަކުގެ ވާހަކަވެސް ޓްރަމްޕްގެ ތަގުރީރުގައި ހިމެނުނެވެ. މެސީ މި ހަފްލާގައި އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ.
ޓްރަމްޕްގެ ވާހަކަފުޅު ފެއްޓެވީ އީރާނަށް އަމާޒުކޮށް އެމެރިކާ އާއި އިސްރާއީލުން ދެމުންދާ ހަމަލާތަކަށް ތައުރީފު ކުރައްވަމުންނެވެ. މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ދެމުންދާ މި ހަމަލާތަކުގައި މިހާތަނަށް 1,230 އަށްވުރެ ގނަ މީހުން ވަނީ މަރުވެފައެވެ. މި ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ތެހެރާނުން ވަނީ އިސްރާއީލަށާއި މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މިސައިލާއި ޑްރޯން ހަމަލާތަކެއް ފޮނުވާލާފައެވެ.
މިފަދަ ނުތަނަވަސް ދަނޑިވަޅެއްގައި، ހަނގުރާމައަށް ތާއީދުކުރާ ފަދަ މޭރުމަކުން ޓްރަމްޕް ދެއްކެވި ވާހަކަފުޅުތަކަށް މެސީ އަތްޖެހުމަކީ އޭނާގެ ސަޕޯޓަރުންގެ މެދުގައި ބޮޑު ބަހުސަކަށް ވެފައިވާ ކަމެކެވެ.
Ads by MACL
