ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އީރާނުގެ އާ ރޫހާނީ ލީޑަރު ކަނޑައަޅައިފި, ކުޑަވަގުތު ކޮޅެއްގެ ތެރޭގައި އިއުލާނުކުރަނީ!

އީރާނުގެ އާ ރޫހާނީ ލީޑަރު ކަނޑައަޅައިފި, ކުޑަވަގުތު ކޮޅެއްގެ ތެރޭގައި އިއުލާނުކުރަނީ!

އީރާނުގެ އެންމެ މަތީ ވެރިޔާ ނުވަތަ ރޫހާނީ ވެރިޔާ ހޮވުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ މަޖިލީހުން، އެ މަގާމަށް ބޭފުޅަކު ކަނޑައަޅާފައިވާ ކަމަށް އިއުލާނުކޮށްފިއެވެ. ނަމަވެސް، އެ މަގާމަށް ހޮވުނު ބޭފުޅެއްގެ ނަން އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

އީރާނުގެ އިސްލާމީ އިންގިލާބުގެ ރޫހާނީ ވެރިޔާ އަލީ ޚާމަނާއީ، އެމެރިކާ އާއި އިސްރާއީލުން ދިން ހަމަލާއެއްގައި އަވަހާރަވުމާ ގުޅިގެން، އާ ވެރިޔަކު ހޮވުމަށް ބޭއްވި ބައްދަލުވުމަށްފަހު، އެސެމްބްލީ އޮފް އެކްސްޕާޓްސްގެ މެންބަރު މުހުސިން ހައިދަރީ ވިދާޅުވީ، "އެންމެ އެކަށީގެންވާ ކެންޑިޑޭޓަކު މަޖިލީހުގެ އަޣުލަބިއްޔަތުން މިހާރު ވަނީ ކަނޑައަޅާފައި" ކަމަށެވެ. މިކަން އެ މަޖިލީހުގެ އެހެން މެންބަރެއް ކަމަށްވާ މުހައްމަދު މެހްދީ މީރުބާގިރީ ވެސް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

މި ނިންމުމާ ގުޅިގެން އިސްރާއީލުން ވަނީ އިންޒާރު ދީފައެވެ. އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފައިވަނީ، ޚާމަނާއީގެ މަގާމަށް އަންނަ ކޮންމެ މީހަކަށް ވެސް ހަމަލާދޭނެ ކަމަށާއި، އަދި އެ މަގާމަށް މީހަކު އައްޔަންކުރުމުގައި ބައިވެރިވާ ފަރާތްތަކަށް ވެސް ފާރަވެރިވާނެ ކަމަށެވެ. ޚާމަނާއީ އަވަހާރަވީ މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ތެހެރާނަށް ދިން ހަމަލާއެއްގައެވެ.

އާ ރޫހާނީ ވެރިޔާގެ މަގާމަށް އެންމެ ބޮޑަށް ބެލެވެނީ އަލީ ޚާމަނާއީގެ ދަރިކަލުން، އުމުރުން 56 އަހަރުގެ މުޖުތަބާ ޚާމަނާއީއެވެ. ނަމަވެސް، ބައްޕަގެ ފަހުން ދަރިފުޅު ވެރިކަމަށް އިސްކުރުމަކީ އީރާނުގެ ދީނީ އިލްމުވެރިންގެ މެދުގައި ބަހުސް އުފެދިފައިވާ ކަމެކެވެ. މީގެ އިތުރުން، ފާއިތުވި މަސްތަކުގައި އީރާނުގައި ހިނގި ހަމަނުޖެހުންތަކުގައި 7,000 އަށްވުރެ ގިނަ މީހުން މަރުވެފައިވާތީ، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ދަނީ މި ނިންމުމަށް ފާޑުކިޔަމުންނެވެ.

އީރާނުގެ ލީޑަޝިޕްގެ ތެރޭގައި ބޮޑެތި ހިޔާލުތަފާތުވުންތަކެއް ހުރިކަން ވެސް މި ދަނޑިވަޅުގައި ވަނީ ހާމަވެފައެވެ. ރައީސް މަސްއޫދު ޕެޒެޝްކިއަން ގަލްފުގެ ގައުމުތަކަށް ހަމަލާ ނުދޭނެ ކަމަށް ވިދާޅުވެފައި ވަނިކޮށް، އާދީއްތަ ދުވަހު ސައުދީ އަރަބިއްޔާ، ޔޫއޭއީ، ގަތަރު، ބަހްރޭން އަދި ކުވެއިތަށް ވަނީ ޑްރޯން ހަމަލާތަކެއް ދީފައެވެ. ސައުދީން ބުނި ގޮތުގައި އެ ގައުމުން ވަނީ 15 ޑްރޯން ވައްޓާލާފައެވެ.

އީރާނާއި އިސްރާއީލާ ދެމެދު ހަނގުރާމަ ވަރުގަދަވެފައިވާއިރު، ރަޝިޔާއިން އީރާނަށް ޖާސޫސީ މައުލޫމާތު ފޯރުކޮށްދެމުންދާ ކަމަށް އެމެރިކާގެ މީޑިއާތަކުން ރިޕޯޓުކުރެއެވެ. އީރާނުގެ ގާނޫނުއަސާސީ ބުނާގޮތުން، 88 މެންބަރުންގެ މައްޗަށް އެކުލެވޭ އެސެމްބްލީ އޮފް އެކްސްޕާޓްސްއަކީ ގައުމުގެ އެންމެ މަތީ ވެރިޔާ ހޮވުމުގެ ބާރު ލިބިގެންވާ ހަމައެކަނި ފަރާތެވެ.