އަހަރެމެން ހަމަލާ ނުދިންނަމަ އީރާނުން ނިއުކުލިއަރ ހަތިޔާރު ހެދީސް: ޓްރަމްޕް
އިޒްރޭލް އާއި އެމެރިކާ ގުޅިގެން އީރާނަށް ހަމަލާ ނުދިންނަމަ އީރާނުން ނިއުކުލިއަރ ހަތިޔާރު އުފައްދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
އިރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން ނުރައްކާތެރި އިންޒާރެއް ދެއްވައި، ޓްރަމްޕް ވިދާޅުވި ގޮތުގައި އެމެރިކާއިން އެޅި ފިޔަވަޅުތަކުގެ ސަބަބުން އިރާނުން ނިއުކްލިއާ ހަތިޔާރު ހޯދުމަށް ކުރަމުންދިޔަ މަސައްކަތް ވަނީ މަޑުޖެހިފައެވެ.
މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ދެ ހަފުތާ ތެރޭގައި ހަމަލާ ނުދިން ނަމަ، އީރާނުގެ އަތުގައި ނިއުކްލިއާ ހަތިޔާރު ހުރީސް ކަމަށެވެ. އަދި މިއީ އިރާނުގެ ނިއުކްލިއާ ގާބިލުކަން ހުރި މިންވަރާ މެދު ޓްރަމްޕް ކުރެއްވި ސީދާ ތުހުމަތެކެވެ.
ޓްރަމްޕް އިތުރަށް ވިދާޅުވީ، ބުއްދި ސަލާމަތުން ނެތް ބައެއްގެ އަތުގައި ނިއުކްލިއާ ހަތިޔާރު ހުރުމަކީ ނުރައްކާތެރި ކަންތައްތަކެއް މެދުވެރިވެދާނެ ކަމެއް ކަމަށެވެ.
"މޮޔައިންގެ އަތަށް ނިއުކްލިއާ ހަތިޔާރު އެރުމުން، ވަރަށް ގޯސް ކަންތައްތައް ހިނގާނެ،" ޓްރަމްޕް ވިދާޅުވިއެވެ.
އިރާނުގެ ނިއުކްލިއާ މައްސަލައަކީ ބައިނަލްއަގުވާމީ މައިދާނުގައި އަބަދުވެސް ބޮޑު ބަހުސަކަށް ވެފައިވާ މައްސަލައެކެވެ. އެމެރިކާއިން އަބަދުވެސް ތުހުމަތު ކުރާ ގޮތުގައި އިރާނުން ދަނީ ސިއްރިއްޔާތުގައި ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް އިރާނުން މި ތުހުމަތުތައް އަބަދުވެސް ދޮގުކުރެއެވެ.
ޓްރަމްޕްގެ މި ވާހަކަތަކާ ގުޅިގެން ބައެއް ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ. އެގޮތުން، މީގެ ކުރިން ހިރޯޝީމާ އަދި ނާގަސާކީއަށް ނިއުކްލިއާ ބޮން އެޅި ގައުމުން، ދުނިޔޭގެ ފުލުހުންގެ ދައުރު އަދާކުރަން އުޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.
Ads by MACL
