ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ފުޓްސަލް ކުރިއެރުވުމަށް ބުރަ މަސައްކަތްތަކެއް ކުރާނެ، މިއަހަރު އެފްއޭއެމްގެ ފުޓްސަލް ލީގާއި، ފުޓްސަލް މުބާރާތް އޮންނާނެ!

ފުޓްސަލް ކުރިއެރުވުމަށް ބުރަ މަސައްކަތްތަކެއް ކުރާނެ، މިއަހަރު އެފްއޭއެމްގެ ފުޓްސަލް ލީގާއި، ފުޓްސަލް މުބާރާތް އޮންނާނެ!

އެފްއޭއެމް އިން ފުޓްސަލް ކުޅިވަރާ ހަވާލުވެފައި ވުމުން، އެ ކުޅިވަރު ކުރިއެރުވުމަށް ބުރަ މަސައްކަތްތަކެއް ކުރާނެ ކަމަށާއި ޤައުމީ ފުޓްސަލް މުބާރާތަކާއި ފުޓްސަލް ލީގެއް ކުޅެން މި އަހަރުގެ ކަލަންޑަރުގައި ހިމަނައިގެން ބަޖެޓު ވެސް ފާސްކޮށްފައިވާ ކަމަށް އެފްއޭއެމްގެ ރައީސް ތޯރިގް ވިދާޅުވެއްޖެއެވެ.

ތިން އަހަރުގެ މެދުކެނޑުމަކަށްފަހު ބޭއްވި އެފްއޭއެމްގެ އޯޑިނަރީ ކޮންގްރެސް ނިންމާލުމަށްފަހު "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަވަމުން ޠާރިޤް ވިދާޅުވީ، މީގެކުރިން ފުޓްސަލް އަކީ ސީދާ އެފްއޭއެމްގެ ބެލުމުގެ ދަށުން ކުރިއަށްދާ މުބާރާތަކަށް ނުވާތީ ދިމާވާ ދަތިތަކެއް ހުރި ކަމަށެވެ.

ޠާރިޤް އިތުރަށް ވިދާޅުވީ، ޤައުމީ ފުޓްސަލް މުބާރާތަކާއި ފުޓްސަލް ލީގެއް ކުޅެން މި އަހަރުގެ ކަލަންޑަރުގައި ހިމަނައިގެން ބަޖެޓު ވެސް ފާސްކޮށްފައިވާ ކަމަށެވެ.

"މިހާރު އެފްއޭއެމް އިން މި އަހަރުގެ ކަލަންޑަރުގައި ހިމަނާފައިވާނެ އަދި ބަޖެޓުވެސް ފާސްވެގެން ދިޔައިރުގައި މުޅި ރާއްޖެއަށް ހުޅުވާލައިގެން ފުޓްސަލް މުބާރާތް ބޭއްވުމަށްޓަކައި އަދި ފުޓްސަލް ލީގު ވެސް ފެށުމަށްޓަކައި މި އަހަރުގެ ކަލަންޑަރުގައި ހިމެނިގެން ގޮސްފައިވާނެ". ޠާރިޤް ވިދާޅުވިއެވެ.
އެފްއޭއެމް އިން މި އަހަރުގެ ކަލަންޑަރު އަދި އާންމުކޮށްފައި ނުވާއިރު، މި މުބާރާތްތައް އޮންނާނެ ސީދާ ތާރީޚެއް އަދި ކަށަވަރުވެފައެއް ނުވެއެވެ.

ރަސްމީ ސިފައެއްގައި ރާއްޖޭގައި ފުޓްސަލް ކުޅެން ފެށިތާ 20 އަށްވުރެ ގިނަ އަހަރު ވެފައިވާއިރު، އެފްއޭއެމްގެ ހިންގުމާ ޠާރިޤް ހަވާލުވެވަޑައިގެންނެވުމާ ހަމައަށް ވެސް ފުޓްސަލްގެ ކަންކަން ކުރިއަށް ދިޔައީ އެފްއޭގެ ބެލުމުގެ ދަށުންނެއް ނޫނެވެ.

އެހެންނަމަވެސް އައު ޒައާމަތާއެކު ފުޓްސަލްއަށް ވެސް ދޭންޖެހޭ މަގާމު ހޯދައިދިނުމަށް ކުރި މަސައްކަތާއެކު، ފުރަތަމަ ފަހަރަށް އެފްއޭގެ ބެލުމުގެ ދަށުން، ރާއްޖޭގެ ފުރަތަމަ ރަސްމީ ޤައުމީ ފުޓްސަލް ޓީމު އެކުލަވާލައި، މި އަހަރު ޖެނުއަރީ މަހުގައި އޮތް ސާފް ފުޓްސަލް ޗެމްޕިއަންޝިޕުގައި ވަނީ ވާދަކޮށްފައެވެ.

އެފްއޭއެމްއާއި ސަރުކާރުން ކުރި މަސައްކަތުން ޤައުމީ ފުޓްސަލް ޓީމު މި މުބާރާތަށް ފުރީ، އޭގެކުރިން މަސް ދުވަހު ޗައިނާގައި ތަމްރީނު ކޭމްޕެއް ވެސް ކުރިއަށް ގެންގޮސްފައެވެ. އަދި ފުރަތަމަ ފަހަރަށް ރާއްޖޭގެ ފުޓްސަލްގެ ޤައުމީ ޓީމަށް ބިދޭސީ ކޯޗަކު އައްޔަންކުރީ ވެސް މި ޒައާމަތުގެ ތެރެއިންނެވެ.

މި ކަންކަމުގެ އެހީގައި، ތައިލެންޑުގައި ކުރިއަށްދިޔަ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ތަށި ރާއްޖޭގެ ޤައުމީ ފުޓްސަލް ޓީމުން އުފުލާލީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ސައްތައިންސައްތަ މޮޅުވުމުގެ ރެކޯޑަކާއެކުގައި ކަން ފާހަގަކޮށްލެވެއެވެ.