މި އަހަރު 76 ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ޤާއިމްކުރަނީ
މިއަހަރުގެ ތެރޭގައި ރާއްޖޭގެ 76 ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ޤާއިމްކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާއިން ގެނެސްދޭ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.
ޞިއްޙީ ވަޒީރު ވިދާޅުވީ، އަތޮޅުތަކުގެ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ކުދި އާބާދީތަކުގެ ޞިއްޙީ މަރުކަޒުތަކުގައި ލެބޯޓަރީގެ ޚިދުމަތް ނެތުން ކަމަށެވެ. މީގެ ސަބަބުން އާދައިގެ ޓެސްޓުތައް ހެދުމަށްވެސް މާލެއަށް ނުވަތަ ކައިރި އެހެން ރަށްރަށަށް ދަތުރުކުރަން ޖެހުމަކީ ރައްޔިތުންނަށް ކުރިމަތިވާ ބޮޑު ތަކުލީފެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ލެބޯޓަރީގެ ޚިދުމަތް ނެތް ރަށްރަށުގައި އެ ޚިދުމަތް ޤާއިމްކުރުމަށް ޚާއްޞަ ސިޔާސަތެއް ކަނޑައަޅުއްވާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މި މަޝްރޫޢުގެ ދަށުން މިހާތަނަށް 11 ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ރަސްމީކޮށް ފަށާފައިވާކަންވެސް ވަޒީރު ހާމަކުރެއްވިއެވެ.
Ads by BMLވަޒީރުގެ ވާހަކަފުޅުގައި ވިދާޅުވީ، "ރައީސުލްޖުމްހޫރިއްޔާ ސިޔާސަތެއްގެ ގޮތުން ނިންމެވީ، އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިއިރު ލެބޯޓްރީ ސަރވިސްގެ ޚިދުމަތް ލިބެން ނެތް 76 ރަށުގައި، މިއަހަރު ނިމުމުގެ ކުރިން ލެބޯޓަރީގެ ޚިދުމަތް ޤާއިމްކޮށް ނިންމުން." މިހާރުވެސް ގިނަ ރަށްތަކެއްގައި މި ޚިދުމަތް ފެށުމަށްޓަކައި ތައްޔާރުވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ލެބޯޓަރީގެ ޚިދުމަތަކީ އަސާސީ ޚިދުމަތަކަށްވާއިރު، ސަރުކާރުގެ އަމާޒަކީ ކޮންމެ ރައްޔިތަކަށްވެސް އެމީހަކު ހުރި ރަށަކުން މި ޚިދުމަތް ލިބޭނެ މަގު ފަހިކޮށްދިނުމެވެ. މި ޚިދުމަތުގެ ސަބަބުން ބަލިތައް ދުރާލާ ދެނެގަނެވި، ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް ސަރުކާރުން ކުރާ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ޞިއްޙީ ވުޒާރާއިން ދެކެއެވެ.
Ads by MACL
