ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ތެލުގެ އަގު 25 އިންސައްތަ ބޮޑުވެ، ތެޔޮ ފީފާއެއްގެ އަގު 119 ޑޮލަރަށް އަރައިފި

ތެލުގެ އަގު 25 އިންސައްތަ ބޮޑުވެ، ތެޔޮ ފީފާއެއްގެ އަގު 119 ޑޮލަރަށް އަރައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ނުތަނަވަސްކަމާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މިއަދު ވަރަށް ބޮޑަށް އުފުލިއްޖެ އެވެ.

މި ހަމަނުޖެހުންތަކުގެ ސަބަބުން މެދުއިރުމަތިން ބޭރުކުރާ ހަކަތައިގެ ސަޕްލައިއަށް ބުރޫއަރާފާނެ ކަމުގެ ބިރު ބޮޑުވެފައިވާއިރު، ބްރެންޓް ކްރޫޑްގެ އަގު ވަނީ ގާތްގަނޑަކަށް 25 އިންސައްތަ މައްޗަށް ގޮސްފަ އެވެ.

މި ބަދަލާއެކު ބްރެންޓް ކްރޫޑް ފީފާއެއްގެ އަގު މިހާރު ހުރީ 119.50 ޑޮލަރުގަ އެވެ. މިއީ 2022 ވަނަ އަހަރުގެ މެދުތެރެއަށް ފަހު ތެލުގެ އަގު މިހާ މަތީ މިންވަރަކަށް އުފުލުނު ފުރަތަމަ ފަހަރެވެ.

ހަމަ އެއާއެކު، އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަމީޑިއަޓްގެ އަގު ވެސް ވަނީ ފީފާއަކަށް 119.48 ޑޮލަރަށް އުފުލިފަ އެވެ. މިއީ ތާރީހުގައި ވެސް އެއް ދުވަހެއްގެ ތެރޭގައި އެމެރިކާ ތެލުގެ އަގު މިހާ ބޮޑަށް މައްޗަށް ދިޔަ ފުރަތަމަ ފަހަރުކަން ފާހަގަކުރެވެ އެވެ.

އިގްތިސާދީ މާހިރުން ވިދާޅުވާ ގޮތުގައި، ހޯރްމޫޒް ކަނޑުއޮޅި ފަދަ މުހިންމު ސަރަހައްދުތަކުން ތެޔޮ އުފުލުމަށް ދިގު މުއްދަތަކަށް ހުރަސް އެޅިދާނެ ކަމުގެ ބިރު އޮތުމަކީ ބާޒާރަށް މި ބަދަލުތައް އަންނަ މައިގަނޑު ސަބަބެވެ. އައިޖީ މާކެޓްގެ އެނަލިސްޓް ޓޯނީ ސައިކަމޯ ފާހަގަކުރެއްވި ގޮތުގައި، މެދުއިރުމަތީގެ ހަމަނުޖެހުންތައް ހައްލުވާނެ ފަދަ ނިޝާނެއް ފެންނަން ނެތުމަކީ ބާޒާރުގެ ނުތަނަވަސްކަން އިތުރުވާ ސަބަބެއް ކަމަށެވެ.

މިހާރު ވެސް އިރާގު، ކުވެއިތު އަދި ޔޫއޭއީ ފަދަ ގައުމުތަކުން ތެޔޮ އުފައްދާ މިންވަރު މަދުކުރަން ފަށާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އައިއެންޖީގެ މާހިރުން ބުނާ ގޮތުގައި ތެޔޮ ރައްކާކުރާނެ ޖާގައިގެ ދަތިކަމުގެ ސަބަބުން ބައެއް އުފެއްދުންތެރިންނަށް ވަނީ ސަޕްލައި މެދުކަނޑާލަން ވެސް މަޖުބޫރުވެފަ އެވެ.

ތެލުގެ އަގަށް އައި މި ބަދަލާއެކު ކާބޯތަކެތީގެ ބާޒާރަށް ވެސް ވަނީ އޭގެ އަސަރުކޮށްފަ އެވެ. މެލޭޝިޔާގެ ޕާމް އޮއިލްގެ އަގު 9 އިންސައްތަ އުފުލިފައިވާއިރު، ސޯޔާބީން އޮއިލް އަދި ޒުވާރީގެ އަގުތައް ވެސް ވަނީ ބޮޑުތަނުން މައްޗަށް ގޮސްފަ އެވެ. މީގެ އިތުރުން، ސިނާއީ މަސައްކަތްތަކަށް ބޭނުންކުރާ އެލްމިނިއަމް ޓަނެއްގެ އަގު ވަނީ ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި އެންމެ މަތީ މިންވަރު ކަމަށްވާ 3,544 ޑޮލަރަށް އަރާފަ އެވެ.

މި ހުރިހާ ބަދަލުތަކަކާއެކު، އެމެރިކާ ޑޮލަރުގެ އަގު ވަރުގަދަވެ ބޮންޑް ޔީލްޑް މައްޗަށް ދިއުމުގެ ސަބަބުން ރަނުގެ އަގު ވަނީ 2 އިންސައްތައަށް ވުރެ ބޮޑަށް ދަށްވެފަ އެވެ. ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި ހަކަތައިގެ އަގު މިހާ ބޮޑަށް އުފުލުމަކީ ދުނިޔޭގެ އިންފްލޭޝަން އިތުރުވެ، ކުރިއަށް އޮތް ތަނުގައި އިންޓްރެސްޓް ރޭޓް ކުޑަކުރުމަށް އޮތް ފުރުސަތުތައް ހަނިވެގެންދާނެ ކަމެކެވެ.