ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެމްޑީޕީގެ ދެ ވެރިކަމުގައި ވެސް ރައްޔިތަކަށް ލިބުނު މަންފާއެއް ނެތް، އިސްވެރިން ދިޔައީ ދައުލަތް ސާފުކޮށްލައިގެން: އަލީ އާރިފު

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީރު އަލީ އާރިފު
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީރު އަލީ އާރިފު

އިދިކޮޅު އެމްޑީޕީއަށް ރާއްޖޭގެ ވެރިކަން ކުރުމަށް ލިބުނު ދެ ފުރުސަތުގައި ވެސް ގައުމު ސާފުކޮށްލައިގެން ދިޔައިރު އާއްމު ރައްޔިތުންނަށް ލިބުނު ފައިދާއެއް ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީރު އަލީ އާރިފު ވިދާޅުވެއްޖެއެވެ.

އަލީ އާރިފު މިހެން ވިދާޅުވީ ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ ފަރާތުން މާލެ ސިޓީގެ މާފަންނު އުތުރު ދާއިރާގައި ކުރިއަށްގެންދިޔަ ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން ދެއްވި ބަސްދީގަަތުމެއްގައެވެ.

ވަޒީރު އަލީ އާރިފު ވިދާޅުވީ އެމްޑީޕީގެ ވެރިކަންތަކުގައި ފެނުނީ އެ ޕާޓީގެ އިސްސަފުގައި އުޅުއްވާ ބޭފުޅުން ބޮޑެތި ޖަރީމާތައް ހިންގެވި މަންޒަރު ކަމަށެވެ.

"އެމްޑީޕީގެ ދެ ވެރިކަމުގައިވެސް ދިވެހި ރައްޔިތަކަށްވީ އެއްވެސް މަންފާއެއް ނޯންނާނެ، އެބޭފުޅުންގެ ތެރޭގައި އިސްކޮށް ތިއްބެވި ބޭފުޅުން ހިންގެވި ޖަރީމާއެއް ފިޔަވައި. އެއިން ކޮންމެ ބޭފުޅަކު ދިޔައީ ދައުލަތް އާއްމު ބަހުރުވައިންނަމަ ސާފުކޮށްލާފަ،" އަލީ އާރިފު ވިދާޅުވިއެވެ.

ރައީސް މައުމޫނުގެ ވެރިކަމާއި ރައީސް ޔާމީނުގެ ވެރިކަމުގައި އުފެއްދި ބިންތައް އެމްޑީޕީގެ ވެރިކަންތަކުގައި ބަހައިލިއިރު، ގިނަ ބިންތައް ދީފައިވަނީ އެ ޕާޓީގެ އިސްވެރިންނާ ގާތް ގުޅުން އޮތް މީހުންނަށް ކަމަށް އަލީ އާރިފު ތުހުމަތު ކުރެއްވިއެވެ.

އެގޮތުން އެއް އާއިލާއަކަށް ޖެހިޖެހިގެން ފަސް ހަ ގޯތި ހުޅުމާލެއިން ދޫކުރިއިރު، ނިކަމެތި ރައްޔިތުންނަށް ގޯތި ދިނީ މާލެ ކައިރީގައި ނުހިއްކައި ހުރި ފަޅުތަކާއި ފަރުތަކުން ކަމަށް އޭނާ ވިދާޅުވިއެވެ.

ކައުންސިލުތައް އެމްޑީޕީއަށް ދޭންވީ ސަރުކާރު ޖަވާބުދާރީކުރުވުމަށް ކަމަށް ބުނެ އެމްޑީޕީން ދައްކަމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުން ވަޒީރު ވިދާޅުވީ، މި ސަރުކާރު ޖަވާބުދާރީކުރުވުމުގެ ފުރުސަތު ރައީސް ޑރ. މުއިއްޒު ސީދާ ރައްޔިތުންނަށް ދެއްވަމުންދާ ކަމަށެވެ. އަދި ކައުންސިލުތަކުގެ ތެރެއިން ސަރުކާރު ޖަވާބުދާރީކުރުވުމަށް ކުރެވޭނެ ކަމެއް ނެތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަލީ އާރިފު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާ މިހާރުވެސް ގެންދަވަނީ ވަޒީރުންނާއި ކުންފުނިތަކުގެ ވެރިންނާއެކު ރައްޔިތުންގެ ގާތަށް ވަޑައިގެން، ސަރުކާރު ހިންގަވާ ގޮތާ މެދު ރައްޔިތުންގެ ހިޔާލު ހޯއްދަވައި ސުވާލު ކުރުމުގެ ފުރުސަތު ދެއްވަމުންނެވެ.

"ތަކުރާރުކޮށް މިދަންނަވަނީ ރައީސް މުއިއްޒު އެހެން މީހަކު ޖަވާބުދާރީ ކުރުވާކަށް ޖެހިވަޑައިނުގަންނަވާނެ. މިހާރުވެސް އެ އުޅުއްވަނީ އަމިއްލަފުލަށް ރައްޔިތުންގެ ގާތަށް ނުކުމެވަޑައިގެން،" އޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ވެރިކަންތަކުގައި ގައުމަށް އެތައް ގެއްލުމެއް ދީފައިވާ ކަމަށާއި، މިހާރުގެ ސަރުކާރަށް ކުރީގެ ސަރުކާރުން ދިން ގެއްލުންތަކުން އަރައިނުގަނެވިގެން އުޅެންޖެހިފައިވާ ކަމަށްވެސް އަލީ އާރިފު ވިދާޅުވިއެވެ. މިގޮތުން ޕީޕީއެމްގެ ވެރިކަމުގައި ފ. އަތޮޅުގައި ހިންގަން އުޅުނު މަޝްރޫއު ހުއްޓުވި ގޮތް އޭނާ މިސާލެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ.