އަތޮޅުތެރޭގެ 14 ރަށަކަށް ބޭނުންވާ އެމްބިއުލާންސްތައް ހަވާލުކޮށްފި
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސިއްހީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ގާސިމް ވިދާޅުވީ، ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑު ސަމާލުކަމެއް ދެއްވާ ކަމަށެވެ. އަދި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުގެ ހާލަތު އޮތީ ވަސީލަތްތަކުގެ ގޮތުންނާއި އިމާރާތުގެ ގޮތުން ވަރަށް ބޮޑަށް ދަށަށް ގޮސްފައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ސިއްހީ ދާއިރާގެ ތަރައްގީއަށް ކުރެވެމުންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން ގާސިމް ވިދާޅުވީ، މިހާރުވެސް 135 ރަށެއްގައި ސިއްހީ ހިދުމަތަށް ބޭނުންވާ އިމާރާތްތައް ބިނާކުރަމުންދާ ކަމަށެވެ. މީގެ އިތުރުން 31 ރަށެއްގެ މަސައްކަތް ހަވާލުކުރުމުގެ މަރުހަލާ ކުރިއަށްދާ ކަމަށާއި، މި މަޝްރޫއުތަކަށް ގާތްގަނޑަކަށް 5 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އިންސާނީ ވަސީލަތްތައް އިތުރުކުރުމުގެ ގޮތުން މިދިޔަ އަހަރު 1000 އަށްވުރެ ގިނަ މުވައްޒަފުން ސިއްހީ ދާއިރާއަށް ނަގާފައިވާކަން ފާހަގަކުރައްވަމުން ގާސިމް ވިދާޅުވީ، މިހާތަނަށް އެންމެ ބޮޑަށް އެމްބިއުލާންސް ބޭނުންވެފައިވާ ރަށްރަށުގެ ތެރެއިން 56 ރަށަކަށް އެމްބިއުލާންސް ވަނީ ފޯރުކޮށްދީފައި ކަމަށާއި އަދި އިތުރު 14 ރަށަކަށް އެމްބިއުލާންސް ހަވާލުކުރެވުކުރެވިފައިވާ ކަމަށެވެ. އަދި އިތުރު ރަށްރަށަށް އެމްބިއުލާންސް ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިހާތަނަށް ސަރުކާރު ފެށިގެން އައިތަނަށް އެންމެ ބޮޑަށް އެންބިއުލާންސް ބޭނުންވެފައިވާ ރަށްރަށުގެ ތެރެއިން 56 ރަށަކަށް އެންބިއުލާންސް ވަނީ ފޯރުކޮށްދީފައި. އަދި އިތުރު 14 ރަށަކަށް އެންބިއުލާންސް މި ހަވާލުކުރެވުނީ. އަދި އިތުރު ރަށްރަށައް އެންބިއުލާންސް ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން." އަޙްމަދު ގާސިމް ވިދާޅުވިއެވެ.
މިފަހަރު އެމްބިއުލާންސް ހަވާލުކުރި ރަށްތަކުގެ ތެރޭގައި ހދ. ނެއްލައިދޫ، ހދ. ހަނިމާދޫ، ށ. މަރޮށި، ރ. ވާދޫ، ރ. ފައިނު، ޅ. ހިންނަވަރު، ކ. ތުލުސްދޫ، ކ. މާފުށި، އދ. މާމިގިލި، ފ. ފީއަލި، މ. ރަތްމަންދޫ، ތ. ވިލުފުށި، ލ. ދަނބިދޫ އަދި ސ. މަރަދޫ ހިމެނެއެވެ.
މި ރަސްމިއްޔާތުގެ ތެރެއިން އެމްބިއުލާންސްތަކާއި ވެހިކަލްތައް މަރާމާތުކޮށް ސާވިސް ކުރުމާ ގުޅޭ ފަހުމުނާމާއެއްގައި ވެސް ވަނީ ސޮއިކޮށްފައެވެ. މި މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) އާއެވެ. މިއީ އަތޮޅުތެރޭގެ ރަށްތަކަށް މެދުކެނޑުމެއްނެތި އެމްބިއުލާންސްގެ ހިދުމަތް ދިނުމަށް ސަރުކާރުން ގެންގުޅޭ އަމާޒަށް ވާސިލުވުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
Ads by MACL
