ނަތަންޔާހޫއަކީ ގައުމަށް ގައްދާރު ވެފައިވާ ޚާއިނެއް ކަމަށް ބުނެ އިޒްރޭލުގެ އިންޓެލިޖެންސް ވެރިޔާ އިސްތިއުފާ ދީފި
އިސްރާއީލުގެ ދާޚިލީ ޖާސޫސީ އިދާރާގެ ވެރިޔާ ރޮނެން ބާރް، ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ދެމެދު އުފެދުނު ބޮޑު ހިޔާލުތަފާތުވުންތަކަކަށްފަހު މަގާމުން އިސްތިއުފާ ދީފިއެވެ. ރޮނެން ބާރް ވަނީ ނަތަންޔާހޫއަކީ "ގައުމަށް ހިޔާނާތްތެރިވެފައިވާ ޚާއިނެއް" ކަމަށް ސިފަކޮށްފައެވެ.
މަގާމުން ވަކިވަމުން ރޮނެން ބާރް ދެއްވި ބަޔާނުގައި ވިދާޅުވީ، އީރާނާއެކު ކުރަމުންދާ ހަނގުރާމައަކީ ބޭރުގެ ލޮބީ ގްރޫޕްތަކާއި ހަތިޔާރު ވިއްކާ ފަރާތްތަކުން ގުޅިގެން ރާވައިގެން ހިންގާ ބޮޑު ރޭވުމެއް ކަމަށެވެ. އަދި މިއީ މުޅި ދުނިޔޭގެ ކުރިމަތީގައި އިސްރާއީލުގެ ރައްޔިތުންނަކީ ނަފްރަތު ކުރެވޭ ބަޔަކަށް ހެދުމަށް ހިންގާ އަމަލެއް ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
ރޮނެން ބާރް އިތުރަށް ވިދާޅުވީ، މި ހަނގުރާމައަކީ ހަނގުރާމައިގެ ތެރެއިން ލިބޭ މަންފާގެ ބައި އެޅުމަށްޓަކައި ނަތަންޔާހޫ އަމިއްލައަށް އުފައްދައިގެން އުޅޭ ކަމެއް ކަމަށެވެ.
"ކަންތައްތައް ދަނީ ރަނގަޅަކަށް ނޫން. މުޅިން ގޯސްކޮށް. ރައްޔުތުން ދަނީ ގައުމު ދޫކޮށް ފިލަމުން. ގައުމަށް އޮތް ލޯތްބާއި ގައުމީ ރޫހަށް ވަނީ ނެތި ގޮސްފަ،" އޭނާ ވިދާޅުވިއެވެ.
އިސްރާއީލުގެ މިހާރުގެ ހާލަތާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އޭނާ ފާހަގަކުރެއްވި ގޮތުގައި، މިހާރު ސިފައިންގެ ތެރެއަށް ވަދެ ހަނގުރާމަ ކުރަން ބޭނުންވާ އެކަކުވެސް ނެތެވެ. އަދި ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ ތަންތަން ސާފުކުރުމަށް ވޮލަންޓިއަރެއްގެ ގޮތުގައި ނުކުންނާނެ މީހަކުވެސް މިހާރު ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ބަޔާން ނިންމަވާލައްވަމުން ރޮނެން ބާރް ވިދާޅުވީ، އީރާނުގެ ދެކޮޅުވެރިކަމުގެ ސަބަބުން އިސްރާއީލުގެ ހުރިހާ ހިސާބުޖެހުންތަކެއް މިހާރު ވަނީ ފުނޑުފުނޑުވެފައި ކަމަށެވެ.
އޭނާ ވަނީ ނަތަންޔާހޫއަކީ ހަމައެކަނި ގައުމަށް އޮތް ނުރައްކަލެއް ނޫން ކަމަށާއި، އޭނާއަކީ މުޅި އިންސާނިއްޔަތަށްވެސް ހުރި ޚާއިނެއް ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
Ads by MACL
