އެމެރިކާގެ ޝަރުތުތައް ގަބޫލުނުކުރާ ނަމަ އީރާނުގެ ސުޕްރީމް ލީޑަރު އަވަހާރަކޮށްލަން ޓްރަމް ތާއީދު ކުރާނެކަމަށް ބުނެ އިންޒާރު ދީފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޝަރުތުތަކަށް އީރާނުގެ އާ ރޫޙީ ލީޑަރު މުޖުތަބާ ޚާމަނާއީ އިޖާބަ ނުދޭނަމަ، އޭނާ އަވަހާރަކޮށްލުމަށް ކުރެވޭ މަސައްކަތްތަކަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ތާއީދުކުރައްވާނެ ކަމަށް އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ ވޯލް ސްޓްރީޓް ޖާނަލްއިން ރިޕޯޓްކޮށްފިއެވެ. ޓްރަމްޕް މިކަން އޭނާގެ އަރިސް ބޭފުޅުންނަށް އަންގަވާފައިވާ ކަމަށްވެސް އެ ނޫހުން ބުނެފައިވެއެވެ.
ވޯލް ސްޓްރީޓް ޖާނަލްއިން އިތުރަށް ބުނެފައިވަނީ، އިސްރާއީލުން މިހާރު އިސްނަގައިގެން އީރާނުގެ ލީޑަރުންނަށް އަމާޒުކޮށް ހަމަލާދިނުމުގެ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. މީގެ ތެރޭގައި އީރާނުގެ މިހާރުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީ އަވަހާރަކޮށްލުމަށް އިސްރާއީލުން އޮޕަރޭޝަނެއް ހިންގާފާނެ ކަމަށް އެމެރިކާގެ އޮފިޝަލުން ލަފާކުރެއެވެ. ޓްރަމްޕް ވަނީ މުޖުތަބާ ޚާމަނާއީ އީރާނުގެ އެންމެ މަތީ ވެރިޔާގެ މަގާމަށް އައްޔަންކުރުމުގެ ކަންކަން ކުރިއަށްދާނެ ކަމާމެދު ސުވާލު އުފައްދަވާފައެވެ.
ހަނގުރާމައިގެ ސަބަބުން މަޝްރަހު ގޯސްވުން
Ads by BMLއެމެރިކާ އާއި އިސްރޭލު އީރާނާއި ދެކޮޅަށް އިސްވެ، ފެށި ހަނގުރާމަ އާއި ގުޅިގެން ސަރަހައްދީ މަސްރަހު ނުތަނަވަސްވެފައިވާ މި ދަނޑިވަޅުގައި، ގަތަރުގެ ފޮރިން މިނިސްޓަރު ވަނީ މިހާރު ހިނގަމުންދާ ކަންކަމުގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށާއި ސަޕްލައި ޗެއިންއަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެފައިވާ ކަމަށް ވިދާޅުވެފައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މިކަމުގެ އަސަރު ހަމައެކަނި އެއް ގައުމަކަށް ނޫން ނަމަވެސް، މުޅި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމަށް މީގެ ނުރައްކާ އެބައޮތެވެ.
އަނެއްކޮޅުން ބަހްރޭންގެ ރަސްގެފާނު ވަނީ އެ ގައުމުގެ ވައިގެ ސިފައިން ތިބީ ތައްޔާރީ ހާލަތެއްގައި ކަމަށް ވިދާޅުވެފައެވެ. އަދި ބަހްރޭންގެ ރައްޔިތުން މިއަދު ތިބީ ކުރިއަށްވުރެ ވަރުގަދަކޮށް އަދި އެއްބައިވަންތަކޮށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިދިޔަ ހަފްތާގައި ސައިޕްރަސްގައި ހުންނަ އިނގިރޭސިވިލާތުގެ އަކްރޮޓީރީ ބޭސްއަށް ދިން ޑްރޯން ހަމަލާއާ ގުޅޭގޮތުން އިނގިރޭސި ޑިފެންސް މިނިސްޓަރު ވިދާޅުވީ، އެ ޑްރޯން ފޮނުވާލާފައިވަނީ ލުބުނާނުން ނުވަތަ އިރާގުން ކަމަށެވެ. ހަމައެއާއެކު، އިރާގުގެ ސަލާމަތީ ބާރުތަކުން ވަނީ ބަޣުދާދު އިންޓަނޭޝަނަލް އެއާޕޯޓް ކައިރިންނާއި ވިކްޓޯރިއާ މިލިޓަރީ ބޭސްއަށް އަމާޒުކޮށް ފޮނުވާލި ޑްރޯންތަކެއް ވައްޓާލާފައެވެ.
މި ހަމަނުޖެހުންތަކުގެ ތެރެއިން އިސްރާއީލު ސިފައިން ވަނީ އީރާނުގެ އަސްކަރީ އެއާޕޯޓްތަކަށް އަމާޒުކޮށް ދިން ވައިގެ ހަމަލާތަކުގެ ބުރެއް ނިންމާލާފައިވާ ކަމަށް އިއުލާންކޮށްފައެވެ. މިއީ ސަރަހައްދީ މަސްރަހު އިތުރަށް ގޯސްވެ، ބޮޑު ހަނގުރާމައަކަށް މަގުފަހިވެދާނެ ކަމެއްގެ ގޮތުގައި މުހައްލިލުން ދެކެއެވެ.
Ads by MACL
