ހަގީގީ ހާދިސާ: ދިވެއްސެއް އުމްރާގެ އަޅުކަމަށް ކުރި އުއްމީދު، ދިމާވި ހާދިސާއާއި ދުޢާ އިޖާބަ ކުރެއްވި އަސަރުގަދަ ވާހަކަ!
މި ކޮންޓެންޓަކީ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ދިވެއްސަކަށް ދިމާވި ހަގީގީ ހާދިސާއެއް ގެނެސްދީފައިވާ ގޮތެވެ. ތިރީގައި މިވާ ލިޔުމަކީ އެފަރާތުގެ އަމިއްލަ މިލްކެކެވެ. މިއީ އިތުރަށް މީހުން ހޭލުންތެރިކަން އިތުރުކޮށްދިނުމަށް ގެނެސްދެވޭ ކޮންޓެންޓެކެވެ. ވެރިފަރާތުގެ ލިޔުމަށް އެއްވެސް އުނި އިތުރެއް ގެންސްފައި ނުވާނެއެވެ.
ލިޔުނީ: ލީން ޝަރީފް
މިދިޔަ އަހަރުގެ ރޯދަ މަހެވެ. ފަހު ދިހައިގައި، ވަރަށް ޝައުގުވެރިކަމާއެކު ލައިލަތުލްޤަދްެރި ވިލޭރޭ ހޯދުމަށް ބުރަކޮށް މަސައްކަތް ކުރަމުން އަންނަނިކޮށް، އޮނަވިހީގެ ރެއެއް ކަމުގައިވާ އަދި ލައިލަތުލްޤަދްރި ކަމަށް އުއްމީދުކުރެވޭ 27 ވިލޭރޭ، ތަރާވީހަށް ފަހު ނިދި، ދަމު ނަމާދަކަށް ނުހޭލެވުނެވެ. ފަތިހު ތެދުވެ، އެކަމާ ވަރަށް ރޮވުނެވެ.
ހީކުރީ އެ ފަދަ މާތް ރެއެއް އިރާދަކުރައްވާ ވަރަށް ވުރެ، އަހަރެންގެ އަމަލުތައް ގޯހީ ކަމަށެވެ. މާތް ﷲ އަހަންނަށް އެ ރޭ އިރާދަނުކުރެއްވީ ކަމަށެވެ. އެހެން ހިތަށް އަރާ ގިސްލަ ގިސްލާ ރޮވުނެވެ. ދެން ހަމަ އެ ވަގުތު ގުޅީ މައްކާގައި އޭރު ހުރި ގާތް ރަހުމަތްތެރިއަކަށެވެ. އެ ވާހަކަތައް އޭނާއަށް ކިޔައިދިނުމުން، ބުނީ އެ ފަދަ ކަމެއް އޭނާއަށް ވެސް ދިމާވި ކަމަށެވެ. އަދި އޭނާ ވެސް ހިތަށް އެރީ އެ ފަދައިން ކަމަށެވެ. އެކަމަކު އޭގެ ބަދަލުގައި ޖެހިގެން އައި ރޭ އެއަށް ވުރެ ބުރަކޮށް އޭނާ އަޅުކަމުގައި ހޭދަކުރީ ކަމަށް ބުންޏެވެ.
"އެހެން މެދުވެރި ނުވި ނަމަ، ދެ ވަނަ ރޭ އަހަރެންނަށް އެހާ ބުރަކޮށް އަޅުކަމުގައި ނޫޅެވުނީހެއްނުދޯ.. އެހެންވީމައި، ﷲ ކޮންމެ ކަމެއް ވެސް މެދުވެރި ކުރައްވާނީ އެންމެ ރަނގަޅަށް،" މިހާރު ދީނީ ތައުލީމް ހާސިލްކޮށްގެން ހުރި އެކުވެރިޔާ ބުންޏެވެ.
Ads by BMLއޭނާ ދެން އަހަރެން ކައިރީ އެދުނީ އެރޭ ވެސް ދުއާ ކުރުމަށެވެ. މިއަށް ވުރެ ރަނގަޅުގޮތެއް ވުމަށް އެދި ﷲގެ ހަޒުރަތުގައި އެދުމަށެވެ.
އެކުވެރިޔާ ބުނިގޮތަށް އެރޭ އަހަރެން ދުއާ ކުރީމެވެ. އެ ރޯދަ މަހުގެ 27 ވިލޭރޭގެ ދަމު ނަމާދު ނުކުރެވުނަސް، ދެން އަންނަ ރޯދަ މަހު އެއަށްވުރެ ފުރިހަމައަށް އެކަން އިރާދަކުރެއްވުމަށެވެ. ވަކި ކަމެއް އަހަރެން ނުދަންނަވަމެވެ.
އެކަމަކު ﷲގެ ރަހްމާން ވަންތަކަން ބަލާބަލާށެވެ. މި ރޯދަ މަހުގެ ފަހު 15 އަހަރެން މި ހޭދަކުރީ ދުނިޔެމަތީގައި އެންމެ މާތްވެގެންވާ ބިމުގަ އެވެ. ފަހު ދިހައިގެ ތަރާވީހާއި ދަމު ނަމާދު މި ކުރީ ހަރަމްފުޅުގަ އެވެ. މިދިޔަ އަހަރު ގެއްލިގެން ރޮވުނު 27 ވިލޭރޭގެ ބަދަލުގައި މި އަހަރު ހަމަ އެރޭ، އަހަރެންނަށް ގެފުޅާ ކައިރީގައި، ﷲއަށް ދުއާ ދެންނެވުމުގެ ފުރުސަތު ލިބުނެވެ. އޮނަހިރި ރެއެއްގައި ތަވާފްކޮށް، ތިން އުމްރާ ކުރުމުގެ ފުރުސަތު ލިބުނެވެ.
އަޅުންގެ ދުއާ، އުއްމީދު ނުކުރާހާ ފުރިހަމައަށް ﷲ އިޖާބަކުރައްވާ ނޫން ހެއްޔެވެ؟، ގައިމު ރޯދަ މަހަށް ތިން މަހަށްވީ އިރުވެސް، މުޅި އާއިލާއާ އެކު އުމްރާ ކުރުމުގެ މާލީ ތަނަވަސްކަމެއް ނެތެވެ. އެ ވިސްނުމެއް ވެސް ނެތެވެ. ހުރިހާ ކަމެއް ވެސް މެދުވެރިކުރެއްވީ، އަޖައިބުކުރަނިވި ގޮތަކަށް، އެހާމެ ފުރިހަމަ ކޮށެވެ.
ﷲގެ ރަހުމަތް އަބަދުވެސް އަހަރެންނާއެކު ވެ އެވެ. މި ރޯދަ މަހަށް ތައްޔާރުވުމަށް، ހާއްސަކޮށް އެންމެ ފުރިހަމައަށް ދުއާ ކުރުމަށް އަހަރެން ކުރު ކޯސްތައް ހެދީމެވެ. އަދި އެއިން ލިބުނު ފިލާވަޅުތަކުގެ އަލީގައި ދުއާ ކުރަން ފެށީމެވެ. އެންމެ ބޭނުންވާ ކަންތައްތައް، ﷲގެ ރިވެތި ނަންފުޅުތައް ހިމަނައިގެން ލިޔެ، ވަކި ފޮތެއްގައި ނޯޓު ކުރީމެވެ. އަބަދުވެސް އެ ދުއާތައް ކިއީމެވެ. ދުއާ އިޖާބަކުރެއްވުން ބޮޑުކަމަށް ބަޔާންވެފައި ވަގުތުތަކުގައި އެ ދުއާތައް ކިއީމެވެ. ބަންގި ގޮވުމާއެކު، ބަންގި ދުއާ ކިޔުމަށް ފަހު، ގަމަތް ދިނުމުގެ ކުރިން އެ ދުއާތައް ކިއީމެވެ. ވާރޭ ވެހިގަންނައިރަށް، ދުވެފައި ގޮސް ދުއާ ފޮތް ނަގަމެވެ. ހުކުރު ދުވަަސް ދުއާ ކުރުމަށް ހާއްސަކުރަމެވެ.
ދުއާ ފޮތުގައި އަހަރެން ވަރަށް ބޮޑު ކަމަކަށް އެދި، ލިިޔެފައިވާނެ އެވެ. އެއީ އެތައް ދުވަހެއްގެ އުއްމީދެވެ. ގަވައިދުން ދުއާ ކުރަން ފެށިތާ އެންމެ ދެ ހަފުތާގެ ތެރޭގައި، އަލް މުޖީބު، އަހަރެންގެ އެ ދުއާ އިޖާބަކުރައްވައިފި އެވެ. އާއްމު މީހެއްގެ ސިކުނޑި ވިސްނާލައިފި ނަމަ، އެއީ ބުރަކޮށް މަސައްކަތް ކުރަން ޖެހޭ، ގިނަ ދުވަސް ނަގާފާނެ ކަމެކެވެ. އެކަމަކު އެންމެ ކުޅަދުންވަންތަ އިލާހަށް، ލަހެއް ފަހެއް ވޭ ހެއްޔެވެ؟ އެ ކަލާނގެއަށް کُنْ އެވެ؛ ވަގުތުން އެކަމެއް ވެ ދެ އެވެ.
އަހަރެންގެ ދުއާތައް ﷲ އިޖާބަކުރައްވަ އެވެ. އެކަމަކު އެކަލާންގެ އަހަރެން އިމްތިހާން ވެސް ކުރައްވަ އެވެ. އެތައް ގޮތަކުންނެވެ.
ރޯދަ މަހު އުމްރާއަށް ދިޔުމަށް އޮންލައިންކޮށް ފައިސާ ދައްކަން އުޅުމުގެ ތެރޭގައި ހެދުނު ގޯހަކުން ފައިސާއެއް ނުދެއްކުނެވެ. ޖެހިގެން އައި ދުވަހު އެކަމަށް މަސައްކަތް ކުރުމުން ބުނީ ޖާގަ ފުލް ވެއްޖެ ކަމަށެވެ. ރޯދަ މަހަށް ކުޑަތަން ވެފައި އޮތުމުން އިތުރު ގުރޫޕަކުން ވެސް ފުރުސަތެއް ނުލިބުނެވެ. ދެރަވި ނަމަވެސް ﷲގެ ރަހުމަތުން އުއްމީދު ކަނޑައެއް ނުލަމެވެ. އެންމެ ފަހު ވަގުތު އެ ގުރޫޕުން ގުޅާފައި ބުނީ ހަތަރު ޖާގަ ހުސްވެއްޖެ ކަމަށެވެ. އެންމެ ހަތަރު ޖާގަ އެވެ. އަހަރެން ބޭނުންވާ އަދަދަށެވެ.
މައްކާއަށް ދިޔުމަށް ފޮށިތަންމަތި ތައްޔާރުވެއްޖެ އެވެ. ދުއާ ފޮތުގައި ލިޔެގެން އަހަރެން ކުރި ބޮޑު ދުއާ އިޖާބަ ކުރައްވައިފި އެވެ. އެކަމަކު ޖެހިގެން އައި ދުވަހު ބަލިވެގެން ޑޮކްޓަރަށް ދެއްކުމުން، ސްކޭންކޮށްފައި ބުނީ ހަށިގަނޑުގައި ގޯހެއް އުޅޭ ކަމަށެވެ. ވަގުތުން އޮޕަރޭޝަންކޮށްފައި އެތެރެ ހަށީގެ މުހިއްމު ގުނަވަނެއް ނަގަން ޖެހޭނެ ކަމަށެވެ. މާލެ ދާން އެދުމުން ވެސް ރަށު ހޮސްޕިޓަލުން ބުނީ އެހާ ވަގުތެއް ނެތް ކަމަށެވެ.
"މާލެ ދެވޭނެހާ ޔަގީންކަމެއް ވެސް ނެތް،" ޑޮކްޓަރު އެ ދުވަހު ބުންޏެވެ.
އުމްރާ ދަތުރާ ގުޅޭގޮތުން ސުވާލުކުރުމުން ޑޮކްޓަރުގެ ޖަވާބަކަށްވީ 'ނައު ފޮގެޓް އެބައުޓް ދަ އުމްރާ' އެވެ. ތި އޮޕަރޭޝަންކޮށްފައި ދޮޅު މަސް ދުވަސް އެނދުން ނުތެދުވެވި އޮންނަން ޖެހޭނެ އެވެ. އެ ވަގުތު ނުއެއް ރޮވެވެ އެވެ. ހިތަށް އެރީ، ކޮންމެ މީހަކު ކޮންމެ އެއްޗެއް ކިޔަސް، 'މައި ލޯޑް ވިލް ނެވާ ލީވް މީ' އެވެ. ހަމަ ތަކުރާރުކޮށް، ސިކުނޑިން ބުނަމުން ދިޔައީ އެހެންނެވެ.
ކޮންމެ އަކަސް ބޮޑު އޮޕަރޭޝަނަކަށް ތައްޔާރުވެއްޖެ އެވެ. ލޭ ހޯދައިފި އެވެ. އޮޕަރޭޝަން ތިއޭޓަރާއި މީހާ ވެސް ރެޑީ ކޮށްފި އެވެ. އާއިލާއާއި ދަންނަ މީހުން ހޮސްޕިޓަލަށް އައިސް ރޯ މަންޒަރު ދުށީމެވެ. ހާއްސަކޮށް، މައިދައިތަ އެނދުގައި ބޯ އަޅާލައިގެން ގިސްލަ ގިސްލާފައި ރުއެވެ. އެހެން މީހަކު އައިސް ބުންޏެވެ.
"ލީން އަކީ ހާދަ ރަނގަޅު ކުއްޖެކެ. ލީން އަށް މިހާ ދެެރަގޮތެއް މިވީ ކިހިނެއް ހެއްޔެވެ"
އެހެން މީހަކު ބުންޏެވެ.
"އަޅެ އޭނަ އެ އުޅެނީ ހަފުތާއެއް ފަހުން އުމްރާއަށް ދާށޭ. މިހެން ވީމައި ކިހާ ދެެރަވާނެ ހެއްޔެވެ؟"
މީހުންގެ ވާހަކަތަކުން، މީހުން ރޯތަން ފެނުނީމައި އަހަރެންނަށް ރޮވުނެވެ. އެކަމަކު ގަބޫލުކުރީ، އަހަރެންގެ އިލާހު، އަހަރެން ދޫކޮށް ނުލާނެ ކަމަށެވެ. އަހަރެން އައްސަބޫރަށް، ތަކުރާރުކޮށް، ހިތުގެ އަޑިން ދުއާ ކުރީ ކެތްތެރިކަމަށެވެ. މިކަމާ ކުރިމަތިލުމަށް ހިތްވަރަށެވެ.
ﷲގެ ކުޅަދުންވަންތަކަން ދެކި ބަލާށެވެ. އޮޕަރޭޝަން ކުރުމަށް އެންމެ ގަޑިއިރަކަށް ވެފައި އޮއްވާ، ޑޮކްޓަރު ބޮޑު ޓީމަކާއެކު، ވޯޑަށް ވަދެ އަހަރެންގެ ބޮލުގައި ފިރުމާލާފައި ބުންޏެވެ.
'ޔޫއާ ލަކީ އެވެ. ލޭގެ ނަތީޖާ ދައްކަނީ އެހެން ގޮތަކަށެވެ. އެހެންވީމައި، އޮޕަރޭޝަން ކުރުން މާދަމާއަށް ލަސްކޮށްލާނީ އެވެ."
ވަގުތުގެ ބޭނުން ހިފައިގެން، ލޯންޗެއް ކުއްޔަށް ހިފައިގެން ވަގުތުން އަހަރެމެން އިމަޖެންސީގައި މާލެ އައީމެވެ. އައިސް ޓްރީ ޓޮޕް ހޮސްޕިޓަލަށް ދެއްކީމެވެ. އެ މީހުން ވެސް ފުރަތަމަ ހީކުރީ ކުރީގެ ޑޮކްޓަރު ހީކުރި ގޮތަށެވެ. އެކަމަކު، ސްކޭން އިތުރަށް ޔަގީން ކުރުމަށް، ހަށިގަނޑުން ތިން ތަނެއް ތޮރުފާލައިގެން، ކެމެރާ ލައްވައިގެން ޑޮކްޓަރުން އަހަރެންގެ ހާލަތު ބެލި އެވެ. ނަތީޖާ އައީ، އަހަރެން އުއްމީދު ކުރި ގޮތަށެވެ. އަހަރެންގެ ހާލަތު މުޅިން ރަނގަޅެވެ. ހަމަ އެއްވެސް މައްސަލައެއް ނެތެވެ.
ކަނޑައެޅިފައި ދުވަހަށް، އުމްރާއަށް ދިޔުމުގެ ހުއްދަ ލިބުނެވެ. ޑޮކްޓަރުން އެދުނީ، ފުރޮޅުލީ ގޮނޑީގައި އިނުމަށެވެ. އެކަމަކު މައްކާގެ މާތްބިމަށް އައުމާއެކު، ﷲ ފިޔަވައި، އިތުރު އެހެން އެހީއެއް އަހަރުމެންނަކަށް ބޭނުމެއް ނުވި އެވެ.
މިއިން ދުވަހަކު މީހުން އެއް ނުވާވަރަށް، މި ރޯދަ މަހު ހަރަމްފުޅަށް މީހުން އެއްވެ، ފިތި ބާރުވި ނަމަވެސް، އަހަރެންގެ ހަށިގަނޑަށް ވެރިވެފައިވަނީ އާދަޔާހިލާފު ބާރެކެވެ. ގެފުޅު ވަށައިގެން ތަވާފް ކުރެވުނެވެ. މީހުންގަނޑުގެ ތެރެއިން ގޮސް، ގެފުޅުގައި އަތްލައި، ބޮސްދީ، މަތިވެރި އިލާހަށް ޝުކުރު އަދާކުރުމުގެ ފުރުސަތު ލިބުނެވެ. ގަދަވެ ސަލާމަތުން، އިތުރު އެހީއެއް ނެތި، ތިން އުމްރާ ކުރުމުގެ ފުރުސަތު ލިބުނެވެ. الحمد لله
އަހަރެންގެ ނަސޭހަތަކީ މި އެވެ. ﷲގެ ރަހުމަތުން އުއްމީދު ކަނޑާ ނުލާށެވެ. ކިތަންމެ ކުޑަ ކަމެއް ބޭނުން ވިޔަސް، ބޮޑު ކަމެއް ޖެހުނަސް އެކަލާނގެއަށް ދުއާ ކުރާށެވެ. އަދި ﷲ އެ ދުއާ އިޖާބަކުރައްވާނެ ކަމަށް ގަބޫލު ކުރާށެވެ. ތިއީ ﷲ ލޯބިވާ އަޅެކެވެ. ތިއަޅާގެ ދުއާ އިޖާބަ ނުކުރަންވީ ކީއްވެހެއްޔެވެ؟
Ads by MACL
