އެންމެ ހޫނު ދުވަސްތައް ފެށިއްޖެ; ހޫނުމިން އެންމެ މައްޗަށް ދާނީ މެންދުރުފަހު 2:00 ހާއިރު!
ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ހޫނުގަދަ ދުވަސްވަރާއެކު، ދުވާލުގެ ވަގުތުތަކުގައި އިހުސާސްކުރެވޭ ހޫނުމިން އެންމެ މައްޗަށް ދާނީ މެންދުރުފަހު 2:00 ހާއިރު ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ. ކޮންމެ އަހަރެއްގެ ވެސް މާރިޗު އަދި އޭޕްރީލް މަހަކީ ރާއްޖެއަށް އެންމެ ހޫނުގަދަ ދުވަސްވަރުކަން އެ އިދާރާއިން ފާހަގަކުރެއެވެ.
މެޓް އޮފީހުން ވިދާޅުވި ގޮތުގައި މި ދުވަސްވަރު ވައި މަޑުވެ، އުޑުމަތީގައި ވިލާ މަދުވުމުގެ އިތުރުން ވައިގެ ތެތްކަން މަތީގައި ހިފެހެއްޓިފައި ހުރެއެވެ. މީގެ އިތުރުން ދުވާލުގެ ހޫނުމިން މަތިވާ މިންވަރާއި ރޭގަނޑުގެ ފިނިކަން ދަށްވާ މިންވަރާ ދެމެދު ހުރި ފަރަގު ކުޑަވުމުގެ ސަބަބުން، އާންމު ވައިގެ ހޫނުމިނަށްވުރެ އިހުސާސްކުރެވޭ ހޫނުމިން އިތުރަށް މަތިވެއެވެ. އަންނަ މަހުވެސް އާންމު ހާލަތަށްވުރެ ހޫނުމިން މަތިވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ހޫނުގަދަވުމުގެ ސަބަބުން ދިމާވެދާނެ ސިއްހީ މައްސަލަތަކުގެ ތެރޭގައި ވަރުދެރަވުން، އަކުނިވަޔަށްދެމުން، ބޮލުގައި ރިއްސައި ބޯއެނބުރުން އަދި ހަށިގަނޑުން ފެންމަދުވުން ހިމެނެއެވެ. މީގެ އިތުރުން ލޮލަށް ގެއްލުންވުމާއި، އަވީގައި ހަންގަނޑު އެނދުމުގެ ސަބަބުން ރަތްވެ ފޮޅުނެގުން ފަދަ ކަންކަން ދިމާވެދާނެ ކަމަށް ސިއްހީ މާހިރުން އިންޒާރުދެއެވެ.
ހޫނުން ރައްކާތެރިވުމަށްޓަކައި ބޭރަށްދާއިރު ކުޑަ، އަވިއައިނު އަދި ފުޅާ ތޮތްޕެއް ބޭނުންކުރުމަށް އިރުޝާދު ދެއެވެ. އަދި ކުލަމަޑު، ދޫ ހެދުން ލުމަށާއި، ކަރުނުހިއްކި ނަމަވެސް ގިނައިން ފެން ބުއިމަށް ސަމާލުކަން ދޭންޖެހެއެވެ. ހަށިގަނޑުން ފެން ބޭރުވުން އިތުރުވާތީ ހަކުރު ގިނައިން އެކުލެވޭ ބުއިންތައް މަދުކުރުމަކީ ވެސް މުހިންމު ކަމެކެވެ.
ޚާއްޞަ ގޮތެއްގައި ހޫނުގަދަ ވަގުތުތަކުގައި ކުޑަކުދިން ބޭރަށް ނުގެންދިއުމަށާއި، ކޮންމެހެން ދާންޖެހިއްޖެ ހާލަތެއްގައި ވެސް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް މެޓް އޮފީހުން އިލްތިމާސްކުރެއެވެ. މިއަދުގެ ރެކޯޑުތަކަށް ބަލާއިރު މާލެ ސަރަހައްދުގައި އިހުސާސްކުރެވޭ ހޫނުމިން ހުރީ 36 ޑިގްރީ ސެލްސިއަސްއަށް ވުރެ މަތީގައެވެ.
Ads by MACL
