އެމްޑީޕީން ސަރުކާރު ޖަވާބުދާރީ ކުރަން މަސައްކަތް ނުކުރޭ؛ ރައްޔިތުންނަށް ފައިދާހުރި ކޮންމެކަމެއްގައި ހަދަނީ ދެކޮޅު: ޝުޖާއު
ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިއްބެވި އެމްޑީޕީގެ މެންބަރުން ސަރުކާރު ޖަވާބުދާރީކުރުވަން އެއްވެެއްސް މަސައްކަތެއް ނުކުރާ ކަމަށާއި އޭގެ ބަދަލުގައި އެމްޑީޕީން ރައްޔިތުންނަށް ލާބައާއި މަންފާ ލިބޭ ކަންކަމުގައި ހަދަނީ ދެކޮޅުކަމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ. ޝުޖާއު މިހެން ވިދާޅުވީ ޕީއެންސީން ކުރިއަށްގެންދާ "ދިވެހިންގެ ރާއްޖެ" ޕްރޮގުރާމުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
ޝުޖާއު ވިދާޅުވީ މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ 12 ވަރަކަށް މެންބަރުންނަށްވުރެ ބޮޑަށް، ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ މެންބަރުން ސަރުކާރު ޖަވާބުދާރީކުރުވަން މަސައްކަތް ކުރައްވާ ކަމަށެވެ. އަދި ޑިމޮކްރެޓިކް ނިޒާމަށް ލޯބިކުރައްވާ ވެރިޔަކު ހުންނަވާއިރު، ނުރަނގަޅު ކަމެއް ހިނގާނަމަ އަމިއްލަ ޕާޓީންވެސް ސަރުކާރު އެކައުންޓަބަލް ކުރާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"އެކަމަކު އެމްޑީޕީން އެކަން އެބަފެނޭތޯ؟ ރައްޔިތުންނަށް ލާބައާއި މަންފާ ލިބޭ ކަމެއްކަމަށްވަންޏާ އޮންނާނީ ދެކޮޅުހަދާފައި 20 ވަނަ މަޖިލީހުގައި،" ޝުޖާއު ވިދާޅުވިއެވެ.
އެމްޑީޕީގެ އަމަލުތައް ހުރި ގޮތުގެ ތަފުސީލަށް ވަޑައިގަންނަވަމުން ޝުޖާއު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި 19 ވަނަ މަޖިލީހުގެ އަޣުލަބިއްޔަތު ބޭނުންކޮށްގެން އެމަނިކުފާނު މަގާމުން އަޒުލުކުރުމުގެ މަސައްކަތް އެމްޑީޕީން ފެށި ކަމަށެވެ.
މީގެ އިތުރުން ކެބިނެޓުގެ ބައެއް ވަޒީރުންނަށް ރުހުން ދިނުމަށް އިންކާރުކުރުމާއި، ބަޖެޓުގައި ހިމެނި މުހިއްމު ކަންކަމަށް އެ ޕާޓީން ދެކޮޅުހެދިކަން އޭނާ ފާހަގަކުރެއްވިއެވެ.
Ads by BMLޝުޖާއު އިތުރަށް ވިދާޅުވީ މި ސަރުކާރުން މިހާތަނަށް ހުށަހެޅި އެއްވެސް ބަޖެޓަކަށް އެމްޑީޕީން ވޯޓު ދީފައިނުވާ ކަމަށެވެ. އަދި މިއީ ރައްޔިތުންގެ ފަޅީގައި އޮވެގެން ސިޔާސީ ޕާޓީއަކުން މަސައްކަތް ކުރާނެ ގޮތްތޯ އޭނާ ސުވާލު އުފެއްދެވިއެވެ.
މިހާރު ވެރިކަމުގައި ތިއްބެވި ބޭފުޅުން އިދިކޮޅުގައި ތިއްބެވިއިރު، ދައުލަތުގެ ބަޖެޓުތަކަށް ވޯޓުދީ، ވަޒީރުންނަށް ރުހުން ދިންކަން ފާހަގަކުރައްވައި ޝުޖާއު ވިދާޅުވީ، މިއަދު ވެރިކަމުގައި އޮތް ފިކުރާއި އެމްޑީޕީގެ ފިކުރާ ދެމެދު އޮތް ބޮޑު ތަފާތު މިކަންކަމުން ހާމަވާ ކަމަށެވެ.
Ads by MACL
