ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ނިއުރޭޑިއަންޓްގެ ނޫ ޖާރޒީގައި އަނެއްކާވެސް "ޓޫކިލޯ"!

އެފްއޭއެމް ވެޓެރެންސް ކަޕް 2026" މުބާރާތުގައި ނިއުގެ ޖާޒީގައި ޓޫކިލޯ ކުޅެނީ. މިއީ ކުޅުމާއި ދުރުގައި ގިނަ އަހަރުތަކެއް ވަންދެން ހުރުމަށް ފަހު ނިއުގެ ޖާޒީގައި ޓޫކިލޯ ފެނިލި ފުރަތަމަ ފަހަރު.
އެފްއޭއެމް ވެޓެރެންސް ކަޕް 2026" މުބާރާތުގައި ނިއުގެ ޖާޒީގައި ޓޫކިލޯ ކުޅެނީ. މިއީ ކުޅުމާއި ދުރުގައި ގިނަ އަހަރުތަކެއް ވަންދެން ހުރުމަށް ފަހު ނިއުގެ ޖާޒީގައި ޓޫކިލޯ ފެނިލި ފުރަތަމަ ފަހަރު.

ދިވެހި ފުޓްބޯޅައިގެ ތާރީޚުގައި ރަން އަކުރުން ފަވާލެވިފައިވާ ފުޓުބޯޅަ ލެޖެންޑް މުހުތާރު ނަސީރު (ޓޫކިލޯ) އަނެއްކާވެސް ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ނޫ ޖާރޒީގައި ފެނިލައިފި އެވެ.

ގޯލްޑެން ބޯއީގެ ނަމުން މަޝްހޫރު ވެފައިވާ، ޓޫކިލޯ މިފަހަރު ދަނޑުމަތިން ފެނިގެން ދިޔައީ ރަސްމީކޮށް ނޫނެވެ. އެއީ ރާއްޖޭގެ ފުޓުބޯޅައިގެ މައި އިދާރާ އެފްއޭއެމް އިން އިންތިޒާމު ކޮށްގެން މި ރަމަޟާން މަހު ކުރިޔަށް ގެންދާ "އެފްއޭއެމް ވެޓެރެންސް ކަޕް 2026" މުބާރާތުގަ އެވެ.
މިއީ ކުޅުމާއި ދުރުގައި ގިނަ އަހަރުތަކެއް ވަންދެން ހުރުމަށް ފަހު ނިއުގެ ޖާޒީގައި ޓޫކިލޯ މިގޮތަށް ވެސް ފެނިލި ފުރަތަމަ ފަހަރެވެ.

ވެޓެރަންސް މި މުބާރާތުގައި ޓޫކިލޯ ކުޅެމުން ދަނީ ނޫކުލައިގެން 19 ނަމްބަރު ޖާޒީގަ އެވެ.

ނިއުރޭޑިއަންޓުން ހާމަކޮށްފައިވާ ގޮތުގައި، ރާއްޖޭގެ ފުޓްބޯޅަ ތާރީޚުގައި އެ ނަމެއް ފުހެނުލެވޭނެ ފަދަ ރީތި ހަނދާންތަކެއް އެކުލެވިފައިވާ މުޚުތާރު ނަސީރު (ޓޫކިލޯ) އަނެއްކާ ވެސް އެ ކްލަބުގެ ފަޚުރުވެރި ޖާރޒީގައި ފެނިގެންދިއުމަކީ ލިބުނު އުފަލެއް ކަމަށެވެ. އަދި އެއީ އެ ކުލަބުގެ ހަމަ ކޮންމެ ސަޕޯޓަރަކަށް ވެސް ލިބޭނެ ބޮޑު ހިތްހަމ ޖެހުމެއް ކަމަށެވެ.

ރާއްޖޭގެ އެންމެ ކާމިޔާބު ފުޓުބޯޅަ ކްލަބް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ޗެއާމަން އަޙުމަދު މުބީން ވިދާޅުވީ ގިނަ އަހަރުތަކަކަށް ފަހު ނިއުގެ ޖާޒީގައި ދަނޑަށް ނުކުމެ، ޓޫކިލޯ ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ކަމަށެވެ. އެގޮތުން މި މުބާރާތުގެ ސެމީ ފައިނަލަށް ނިއު ގެންގޮސްދިނުމުގައި ޓޫކިލޯގެ ދައުރު ވަރަށް ބޮޑު ކަމަށެވެ.

"ޓޫކިލޯ އާއި ބެހޭ ގޮތުން އެއްޗެއް ދަންނަވާ ނަމަ ދަންނަވާނީ ޓޫކިލޯގެ ކުޅުމުގެ ފެންވަރަށް ބަލާއިރު ހަމަ ބެސްޓޭ. އޭނާގެ އެންމެ ރަންޒަމާނުގެ މޮޅު ކުޅުން އަދި ވެސް ދަނޑުމަތީގައި އެބަ ދައްކާ. ހަމަ އެއްވެސް ތަފާތެއް ނެތް. މި މުބާރާތުގައި ވެސް އޭނާގެ ކުޅުމަށް ހަމަ ތައުރީފު ހައްގު، އަދި ވެސް ހަމަ ވަރަށް މޮޅު އޭނަ." ޖީލް އޮންލައިން އަށް މައުލޫމާތު ދެއްވަމުން މުބީން ވިދާޅުވި އެވެ.

ތޮއްޑޫއަށް އުފަން، ޒޯންލީގް ފުޓްބޯޅަ މުބާރާތުގައި މަހިބަދޫ ޓީމުން ވިދާލި މުޚްތާރު ނަސީރު (ޓޫކިލޯ) އަކީ ރާއްޖޭގައި އުފެދުނު އެންމެ ހުނަރުވެރި އަދި މޮޅެތި ކުޅުންތެރިންގެ ތެރޭގައި ގުނާލެވުނު ކުޅުންތެރި އެކެވެ. ޒޯން މުބާރާތުން ވިދާޅި ޓޫކިލޯ ވަނީ އޭނާގެ ކެރިއަރުގައި ރާއްޖޭގެ އެންމެ ބޮޑެތި ނަން މަޝްހޫރު ކުލަބުތަކުގެ ތެރޭގައި ހިމެނުނު އައިއެފްސީ، ވިކްޓަރީ އަދި އީގަލްސް އަދި ވެލެންސިއާ ފަދަ ބޮޑެތި ކްލަބްތަކަށް ކުޅެ މޮޅު ކުޅުމެއް ދައްކާފަ އެވެ.

"ގޯލްޑަން ބޯއީ" ގެ ނަމުން މަޝްހޫރުވެފައިވާ މުހުތާރު ނަސީރު (ޓޫކިލޯ) އަކީ ދިވެހި ފުޓްބޯޅައިގެ ތާރީޚުގައި ރަން އަކުރުން ފަވާލެވިފައިވާ ނަމެކެވެ. އޭނާ އެންމެ ބޮޑަށް މަޝްހޫރުވެގެން ދިޔައީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖެއިން ފުރަތަމަ ފަހަރަށް ކާމިޔާބު ކުރިއިރު، ފައިނަލް މެޗުގައި އިންޑިއާ ކޮޅަށް ވައްދާލި ލަނޑާއި އެކު މުޅި ގައުމު އުފާވެރިކުރުވި ހިސާބުންނެވެ. މިއާއި އެކު 2008 ވަނަ އަހަރު ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދި އޭނާ އެވެ.

2008 ވަނަ އަހަރު ގައުމަށް ރީތި ނަން ހޯދައިދުނުމަށް ފަހު ޓޫކިލޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލީ 2012 ވަނަ އަހަރުގައެވެ. އެއީ އޭނާގެ އަމިއްލަ ދިރިއުޅުމުގެ ކަންކަން ހުރިގޮތުންނާއި، ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުމުގެ ބޭނުމުގައި ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ނަމަވެސް، އަހަރުތަކެއް ފަހުން އަނެއްކާވެސް ނިއުރޭޑިއަންޓްގެ ޖާރޒީގައި އޭނާ ފެނިގެންދިއުމަކީ ދިވެހި ފުޓްބޯޅައަށް ލޯބިކުރާ ފަރާތްތަކަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.