ސުޕްރީމް ލީޑަރަކަށް އައްޔަން ކުރުމުގެ ކުރިން މުޖުތަބާ ޚާމަނާއީ ވަނީ އަވަހާރަކޮށްލާފަ، އޭނާ މިހާރު ދުނިޔޭގަ ނެތް: އިޒްރޭލް މީޑިއާ
އީރާނުގެ އައު ރޫހާނީ ލީޑަރު މުޖްތަބާ ހާމަނާއީ، އިސްރާއީލް ޑިފެންސް ފޯސް (އައިޑީއެފް) އިން ދިން ވައިގެ ހަމަލާއެއްގައި މީގެ ދުވަސްތަކެއް ކުރިން އަވަހާރަވެފައިވާ ކަމަށް އިޒްރޭލުގެ އަސްކަރިއްޔާއާއި ހަވާލާދީ އެ ގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފި އެވެ. މި ހަމަލާއާ ގުޅޭ ރަސްމީ ތަފްސީލުތަކެއް އަދި މިހާތަނަށް ދެގައުމުން ކުރެ ގައުމަކުން ކަށަވަރުކޮށްދީފައެއް ނުވެ އެވެ.
އިޒްރޭލު މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، މުޖްތަބާ ހާމަނާއީ ވަނީ އޭނާގެ ބައްޕަ އަލީ ޚާމަނާއީ އާއި އެކު އަވަހާރަވެފަ އެވެ. ނަމަވެސް އީރާނުން ވަނީ ސިއްރިއްޔާތުގައި އައު ރޫހާނީ ލީޑަރަކަށް މުޖުތަބާ ޚާމަނާއީގެ ނަން ފާސްކޮށް އޭނާ އައްޔަންކޮށްފަ އެވެ.
އީރާނުން މިކަން ސިއްރުކުރަމުން އަންނަ ކަމަށާއި އެކަން އީރާނުން ކުރީ ބޭރު ދުނިޔެއަށް ދެއްކުމުގެ ގޮތުން ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ. އަދި އީރާނުން އަދިވެސް އަމަލުކުރަމުންދަނީ މުޖްތަބާ ހާމަނާއީ މަގާމުގައި ދެމިހުންނެވި ކަމަށް ދެއްކުމަށް ކަމަށް އިޒްރޭލުގެ އަސްކަރިއްޔާ އާއި ހަވާލާދީ އެ ގައުމުގެ މީޑިއާ ރިޕޯޓުތަކުން ވަނީ ބުނެފަ އެވެ.
މި ހާދިސާއަކީ މެދުއިރުމަތީގެ މަސްރަހު ނުހަނު ބޮޑަށް ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައި ހިނގާފައިވާ ކަމެއް ކަމަށް ބެލެވެއެވެ. އީރާނުގެ އެންމެ މަތީ ވެރިޔާގެ މަގާމާ ގުޅޭގޮތުން މިފަދަ އަޑުތަކެއް ފެތުރިފައިވާއިރު، މިއީ އެގައުމުގެ ދާޚިލީ އަދި ޚާރިޖީ ސިޔާސަތަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެ އެވެ.
އީރާނުގެ ސަރުކާރުން މިހާތަނަށް މި ހަބަރުތައް ދޮގުކޮށް ނުވަތަ އެއްވެސް ބަޔާނެއް ނެރެފައެއް ނުވެ އެވެ. މި މައުލޫމާތަކީ ކަށަވަރުނުވާ މަސްދަރުތަކުން ލިބިފައިވާ މައުލޫމާތުތަކެއް ކަމަށްވާތީ، ކުރިއަށް އޮތް ދުވަސްތަކުގައި މިކަމުގެ ހަގީގަތް އިތުރަށް ސާފުވެގެންދާނެ ކަމަށް ބެލެވެއެވެ.
Ads by MACL
