ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން ސިޔާމްގެ އެމްޑީއޭއިން ވެސް ތާޢީދުކޮށްފި
ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން ތަޢީދުކުރާކަން، މިދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދުގެ ޕާޓީ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް، އެމްޑީއޭއިން ހާމަކޮށްފި އެވެ.
އެ ޕާޓީން ވަނީ އެކަން ހާމަކޮށް ބަޔާނެއް ނެރެފަ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ނިންމުމަށް ތާޢީދުކުރާ ސަބަބުތައް ވެސް ވަނީ ސާފުކޮށްދީފަ އެވެ.
އެމްޑީއޭ އިން ބުނި ގޮތުގައި ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ ރާއްޖޭގެ އިޤްތިސާދީ ޙާލަތާއި، ޤައުމުގެ ސުލްހަމަސަލަސްކަމަށް ރިޢާޔަތްކުރާއިރު، ދިވެހި ދައުލަތަށާއި، ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތެވެ. އަދި އިންތިޚާބުތައް އެއް ދުވަހެއްގައި ބޭއްވުމަކީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށާއި ދަރަނި މެނޭޖްކުރަން ލިބޭނެ ވަރަށް ބޮޑު ލުޔެއް ކަމަށް ސަރުކާރުން ބުނާ ބުނުމަށް ފުރިހަމައަށް ތާޢީދު ކުރާ ކަމަށެވެ.
Ads by BMLބަޔާނުގައި ބުނީ ޕާޓީގެ ރައީސް އަޙްމަދު ސިޔާމް މުޙައްމަދަކީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށާއި، އިޤްތިޞާދީ ގޮންޖެހުންތަކުން އަރައިގަތުމަށް ބޭނުންވާ ޒިންމާދާރު ސިޔާސަތުތައް އެކަށައެޅުމަށް ވަކާލާތުކުރާ ބޭފުޅެއްކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ޙައިސިއްޔަތުންނާއި ރާއްޖޭގެ ވިޔަފާރިވެރިއެއްގެ ޙައިސިއްޔަތުން، އަބަދުވެސް އިސްކަން ދެނީ ޤައުމުގެ އިޤްތީޞާދީ ހަމަޖެހުމާއި އިޖުތިމާޢީ ބަދަހިކަމަށްކަމަށެވެ.
އިންޚާބުތައް އެއް ދުވަހެއްގައި ބޭއްވުމަކީ ދަޢުލަތުގެ ޚަރަދުތައް ކުޑަކުރުމަށާއި ދަރަނި މެނޭޖުކުރުމަށް ލިބޭނެ ވަރަށް ބޮޑު ލުޔެއްކަމަށް ސަރުކާރުން ބުނާ ބުނުމަށް އެ ޕާޓީން އިޢުތިރާފުވާކަމަށް ވަނީ ބުނެފަ އެވެ. އެހެންކަމުން މިއީ އިޤްތިޞާދު ދެމެހެއްޓުމަށާއި ޤައުމުގެ ކުރިއެރުމަށް އެޅޭ މުހިންމު ފިޔަވަޅަކަށްވާތީ، ދެ އިންތިޚާބު އެއް ދުވަހުގެއްގައި ބޭއްވުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް ސަރުކާރުން ނިންމެވި ނިންމެވުމަށް އެ ޕާޓީން މަރުޚަބާ ކިޔާކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.
ހަމައެއާއެކު ޚަރަދުތައް ކުޑަކޮށް، އިޤްތިޞާދު ވަރުގަދަކުރުމުގައި ދަޢުލަތުގެ ހުރިހައި މުވައްސަސާތަކުން ގުޅިގެން މަސައްކަތްކުރުމަށް ގޮވާލާކަމަށްވެސް އެމްޑީއޭގެ ބަޔާނުގައިވެއެވެ.
އެމްޑީއޭއިން އަބަދުވެސް ދެމިއޮންނާނީ ދިވެހި ރައްޔިތުންގެ އެންމެން މަތީ މަސްލަޙަތު ޙިމާޔަތްކުރުމުގައިކަމަށާއި ޤައުމުގެ އިޤްތިޞާދީ ހަމަޖެހުމާއި ރައްޔިތުންގެ ކުރިމަގުގެ ބާއްޖަވެރިކަން ކަށަވަރުކުރުމަށް ކުރެވޭ އެންމެހާ މަސައްކަތްތަކުގައި ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދޭކަމަށްވެސް އެ ޕާޓީން ވަނީ ބުނެފައެވެ.
ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ޤާނޫނު އަސާސީއަށް އިސްލާޙު ގެނެސްފައިވާއިރު، އެ އިސްލާޙު ތަސްދީޤު ކުރެއްވުމުގެ ކުރީން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް އަންނަ މަހުގެ ހަތަރުވަނަ ދުވަހު ކުރިއަށް ގެންދަން ވަނީ ތާވަލު ކޮށްފަ އެވެ.
އެ ވޯޓްގައި "ފެންނަ" ކަމަށް ވޯޓްލާން ސަަރުކާރު ހިންގާ ޕީއެންސީއާ ޖުމްހޫރީ ޕާޓީން ވަނީ އެދިފަ އެވެ. ކުރީގެ ވިސްނުން ބަދަލުކޮށް އެމްޑީޕީން ވަނީ އެ ވޯޓާއި ކުއްލިގޮތަކަށް ދެކޮޅު ހަދާފަ އެވެ. އަދި އެ ވޯޓްގެ ޙަޤީޤަތް އޮޅޭ ގޮތަށް ދަނީ އެކި ވާހަކަތައް ފަތުރަމުންނެވެ.
އެމްޑީޕީގެ ކުރީގެ ދެ ރައީސުން ކަމަށްވާ އިބްރާހިމް މުޙައްމަދު ސޯލިހާއި މުޙައްމަދު ނަޝީދަކީ ވެސް އިންތިޚާބުތައް އެއް ދުވަހެއްގައި ބޭއްވުމަށް ތާޢީދު ކުރައްވާ ކުރީން ވާހަކަ ދައްކަވާފައިވާ ދެ ބޭފުޅުންނެވެ. މި ފަހަރުވެސް ނަޝީދު ފުރަތަމަ ވިދާޅުވީ އެގޮތަށެވެ. ނަަމަވެސް އެމްޑީޕީން އެ ވޯޓަށް ދެކޮޅު ހެދުމުން ފަހުން ނިންމުން ބަދަލުކުރެއްވީ އެވެ.
Ads by MACL
