ޗެމްޕިއަންސް ލީގު: ވަރުގަދަ ލިވަޕޫލް ހަމަބިމަށް ތިރިކޮށް، ގަލަތަސަރާއީން ކުއާޓާގެ އުންމީދު އާކޮށްފި
ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ ސޯޅައިގެ ފުރަތަމަ ލެގުގައި އަންގާރަ ދުވަހުގެ ރޭ ކުޅުނު ފޯރިގަދަ މެޗުގައި މާރިއޯ ލެމީނާ ކާމިޔާބުކޮށްދިން ހަމައެކަނި ލަނޑާއެކު، ގަލަތަސަރާއީން ލިވަޕޫލްގެ މައްޗަށް 1-0 ގެ ނަތީޖާއަކުން ކުރިހޯދައިފި އެވެ.
ރާމްސް ޕާކްގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ ކުރީކޮޅު. މެޗުގެ ހަތްވަނަ މިނެޓުގައި ލެމީނާ ކާމިޔާބުކުރީ ލިބުނު ކޯނަރަކުން ބޮލުން ޖަހައެވެ.
މެޗު ފެށިގެން ފުރަތަމަ މިނެޓުގެ ތެރޭގައި ލިވަޕޫލްގެ ފްލޯރިއަން ވާޓްޒްއަށް ވަނީ ލަނޑު ޖަހާނެ ރަނުގެ ފުރުސަތެއް ލިބިފައެވެ. މި ފުރުސަތު އޭނާއަށް ލިބުނީ ލެމީނާއަށް ހެދުނު ގޯހަކުން ކަމަށްވީ ނަމަވެސް، ވާޓްޒް އަތުން އެ ފުރުސަތު ބޭކާރުވިއެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން ލެމީނާ ވަނީ ގަލަތަސަރާއީއަށް ލަނޑު ޖަހައިދީ، އޭނާގެ ފަރާތުން ކުރިން ހެދުނު ގޯހުގެ ބަދަލު ހޯދައިދީފަ އެވެ.
މެޗުގެ ފުރަތަމަ ހާފުގެ ތެރޭގައި ލިވަޕޫލުން ވަނީ ނުރައްކާތެރި ހަމަލާތަކެއް އުފައްދާފަ އެވެ. މުހައްމަދު ސަލާހު އާއި ހޫގޯ އެކިޓިކޭ އަދި އެލެކްސް މެކް އެލިސްޓަރ ގުޅިގެން އުފެއްދި ހަމަލާއެއްގައި ވާޓްޒްއަށް އިތުރު ފުރުސަތެއް ލިބުނު ނަމަވެސް، އޭނާއަށް އެ ބޯޅަ ގޯލަށް ފޮނުވާލެވޭ ގޮތެއް ނުވިއެވެ. އަނެއްކޮޅުން ގަލަތަސަރާއީގެ ނޯއާ ލޭންގް އަދި ޑެވިންސަން ސަންޗޭޒް ފޮނުވާލި ހަމަލާތައް ލިވަޕޫލްގެ ކީޕަރު ގިއޯގީ މަމަރްޑަޝްވިލީ ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފަ އެވެ.
މެޗުގެ ފުރަތަ ހާފުގެ ކުޅުނުން ނިމުނީ އެއްލަނޑުގެ ލީޑެއްގައި ގަލަތަސަރާއީ ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގައި ވެސް ދެ ޓީމުގެ ފަރާތުން ފެނިގެން ދިޔައީ ވަރަށް ވާދަވެރި ކުޅުމެކެވެ. މި ފާހުގެ ކުޅުން ފެށިގެން ފުރަތަމަ ހަލާ ފޮނުވާލީ ލިވަޕޫލުންނެވެ. ލިވަޕޫލްގެ ޑޮމިނިކް ސޮބޯސްލާއީ ފޮނުވާލި މި ހަމަލާ ގަލަތަސަރާއީގެ ކީޕަރު އުގުރްޖާން ޗަކީރް ވަނީ ދިފާއުކޮށްފަ އެވެ. މީގެ އިތުރުން ލިވަޕޫލުގެ ދެވަނަ ހަމަލާ މެކް އެލިސްޓަރ ފޮނުވާލި ނަމަވެސް އެ ބޯޅަ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ. މެޗުގެ ފަހުކޮޅު ސަންޗޭޒްގެ ފަރާތުން ބައިކޮޅަށް ވަންނަން ދިޔަ ބޯޅައެއްވެސް ކީޕަރު ޗަކީރް ވަނީ ދިފާއުކޮށްފައެވެ.
މި މެޗުގައި ދެ ޓީމުން ޖެހި ދެ ގޯލެއް ރެފްރީ ވަނީ ކެންސަލްކޮށްފައެވެ. ގަލަތަސަރާއީގެ ވިކްޓަރ އޮސިމްހެން ޖެހި ގޯލު ކެންސަލްކުރީ ބަރީޝް ޔިލްމާޒް އޮފްސައިޑްގައި ހުރުމުންނެވެ. އަދި ލިވަޕޫލުން ޖެހި ގޯލު ކެންސަލްކުރީ އިބްރާހީމާ ކޮނާޓޭގެ އަތުގައި ބޯޅަ ޖެހިފައި އޮތުމުންނެވެ.
ލިވަޕޫލު އަތުން ހޯދި މި މޮޅާއެކު ގަލަތަސަރާއީ އަށް ވަނީ ބޮޑު ހިތްހަމަޖެހުމެއް ލިބިފަ އެވެ. އެއީ ދެވަނަ ލެގާ ކުރިމަތިލާއިރު ތިން ޕޮއިންޓުގެ އެޑްވާންޓޭޖެއް ލިބިފައި އޮތުމުންނެވެ.
ގަލަތަސަރާއީ އަދި ލިވަޕޫލް ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު ކުޅޭނީ މި މަހުގެ 19ގައި އެވެ. މި މެޗު ކުޅޭނީ ލިވަޕޫލް ގެ އޭންފީލްޑް ސްޓޭޑިއަމްގަ އެވެ.
Ads by MACL
