އިރާނުގެ އަމާޒުތަކަށް ދޭ ހަމަލާތައް ވަރުގަދަކުރާނެ ކަމުގެ އިންޒާރު ނަތަންޔާހޫ ދީފި
އިރާނުގެ ސަރުކާރުގެ އެކި އަމާޒުތަކަށް ދެމުންދާ ހަމަލާތައް ކުރިއަށް އޮތް ތަނުގައި އިތުރަށް ވަރުގަދަ ކުރާނެ ކަމަށް ބުނެ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިންޒާރު ދީފި އެވެ.
މި ހަނގުރާމައިގެ ތެރޭގައި އެމެރިކާ އާއި އިސްރާއީލުން ގުޅިގެން އިރާނުގެ ސަރުކާރުގެ ގިނަ އަދަދެއްގެ އަމާޒުތަކަށް ހަމަލާދީފައިވާ ކަމަށް އޭނާ ފާހަގަކުރި އެވެ.
ނަތަންޔާހޫ އިތުރަށް ބުނީ އިސްރާއީލަކީ އިރާނުގެ ރައްޔިތުންގެ "އެންމެ ގާތް އެކުވެރިޔާ" ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އިރާނުގެ ރައްޔިތުންނަށް އެމީހުންގެ މުސްތަގުބަލު އަމިއްލައަށް ކަނޑައެޅުމުގެ ފުރުސަތު ލިބިގެންދާނެ ފަދަ މަގުތަކެއް ފަހިކޮށްދޭނެ ކަމަށްވެސް އޭނާ ބުންޏެވެ.
މި ހަމަލާތަކާ ގުޅިގެން އިރާނުގެ ޑެޕިއުޓީ ހެލްތު މިނިސްޓަރު އަލީ ޖަފަރިއާން އަލްޖަޒީރާއަށް މައުލޫމާތު ދެއްވަމުން ބުނީ އެމެރިކާ އާއި އިސްރާއީލުން އިރާނަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް މަދުވެގެން 1,255 މީހުން މަރުވެ، 12,000 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށެވެ.
މީގެ އިތުރުން، އިރާނުން އދ. އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އާމިރު ސައީދު އިރަވާނީ ވިދާޅުވި ގޮތުގައި، މި ހަމަލާތަކުގައި އާންމުން ދިރިއުޅޭ 10,000 އެއްހާ ތަންތަން ވަނީ ސުންނާފަތިކޮށްލާފައެވެ. މީގެ ތެރޭގައި 65 ސްކޫލަކާއި ތައުލީމީ މަރުކަޒުތަކުގެ އިތުރުން ގާތްގަނޑަކަށް 8,000 ގެދޮރު ހިމެނޭ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
Ads by MACL
