ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ނުކައްކާ ހުރި، އިންސްޓަންޓް ނޫޑްލްސް ޕެކެޓްތަކެއް ކައިގެން މިޞްރުގެ އުމުރުން 13 އަހަރުގެ ކުއްޖަކު މަރުވެއްޖެ

ނުކައްކާ ހުރި، އިންސްޓަންޓް ނޫޑްލްސް ޕެކެޓްތަކެއް ކައިގެން މިޞްރުގެ އުމުރުން 13 އަހަރުގެ ކުއްޖަކު މަރުވެއްޖެ

މިޞްރުގެ ވެރިރަށް ގާހިރާގެ އަލް-މަރްޖް ސަރަޙައްދުގައި، ނުކައްކާހުރި ތިން ޕެކެޓް އިންސްޓަންޓް ނޫޑްލްސް ކެއުމުގެ ސަބަބުން 13 އަހަރުގެ ފިރިހެން ކުއްޖަކު މަރުވެއްޖެ ކަމަށް ޢަރަބި މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

ގާހިރާގެ ސެކިއުރިޓީ ޑައިރެކްޓަރޭޓާ ހަވާލާދީ ޚަބަރުތައް ބުނާގޮތުގައި، އަލް-މަރްޖްގެ ފުލުހުންނަށް މި ކުއްޖާ މަރުވިކަމުގެ ރިޕޯޓް ލިބުނީ އޭނާ ދިރިއުޅޭ ގޭގެ ތެރެއިންނެވެ. ސަލާމަތީ ބާރުތަކުން އެތަނަށް ދިޔައިރު، ކުއްޖާގެ ހަށިގަނޑުން އެއްވެސް އަނިޔާގެ ނިޝާނެއް ނުވަތަ ޝައްކުކުރެވޭ ފަދަ ކަމެއް ބޭރުފުށުން ފެންނާކަށް ނެތެވެ.

އެހެން ނަމަވެސް، ފުރަތަމަ މަރުހަލާގެ ތަޙުޤީޤުން އެނގުނު ގޮތުގައި، އެއްފަހަރާ ކައްކާފައި ނުވާ ތިން ޕެކެޓް ނޫޑްލްސް ޕެކްޓް ރޮލަށް ހުއްޓާ ކެއުމުގެ ސަބަބުން ކުއްޖާ ބަލިވެ، އެންމެ ފަހުން އެ ބަލީގައި މަރުވީއެވެ.

މި ހާދިސާއާ ގުޅިގެން، އެ ކުއްޖާއަށް ނޫޑްލްސް ވިއްކި ފިހާރައިގެ ވެރިޔާ ބަންދުކުރުމަށް ޕްރޮސެކިއުޝަނުން ވަނީ އަމުރުކޮށްފަ އެވެ. އަދި ނޫޑްލްސްގެ ސާމްޕަލްތައް ޓެސްޓްކުރުމަށް ފޮނުވާފައިވާއިރު، ކުއްޖާ މަރުވި ސީދާ ސަބަބު ދެނެގަތުމަށްޓަކައި ޕޯސްޓްމޯޓަމް ހެދުމަށް ހަށިގަނޑު ވަނީ ލެބޯޓްރީއަށް ފޮނުވާފައެވެ.

ތަޙުޤީޤުގެ ކުރީގެ ހޯދުންތަކުން ދައްކާގޮތުގައި، އެ ނޫޑްލްސްއަކީ ކަނޑައެޅިފައިވާ މިންގަނޑުތަކަށް ފެތޭ އެއްޗެކެވެ. އެހެންކަމުން، މި މަރު ދިމާވީ ކައްކާފައި ނުވާ ނޫޑްލްސް މާ ގިނައިން ކެއުމުގެ ސަބަބުން ގޮހޮރަށް ދިމާވި ސީރިއަސް މައްސަލައެއްގެ ސަބަބުން ކަމަށް ބެލެވެއެވެ. ކައްކާފައި ނުވާ ނޫޑްލްސް ކެއުމަކީ ހަޖަމުކުރަން އުނދަގޫވެ، ގޮހޮރު ބެދުން ފަދަ ނުރައްކާތެރި ޞިއްޙީ މައްސަލަތައް ކުރިމަތިވެދާނެ ކަމެކެވެ.

މިޞްރުގައި "އިންޑޯމީ" ބްރޭންޑްގެ ނޫޑްލްސްއަކީ އަގުހެޔޮވުމާއި ތައްޔާރުކުރަން ފަސޭހަވުމުގެ ސަބަބުން، ޚާއްޞަކޮށް ކުޑަކުދިންނާއި ޒުވާނުންގެ މެދުގައި ވަރަށް މަޤްބޫލު އެއްޗެކެވެ. ނަމަވެސް، އޭގައި ހިމެނޭ އެމް.އެސް.ޖީ އާއި ޕްރިޒަވޭޓިވްސްގެ ސަބަބުން ޞިއްޙީ ނުރައްކާތަކެއް ހުރި ކަމަށް ބުނެވޭތީ، ފާއިތުވި އަހަރުތަކުގައި މިފަދަ ބައެއް ހާދިސާތައް ވަނީ ރިޕޯޓްކުރެވިފަ އެވެ.

މިޞްރުގެ ނޭޝަނަލް ނިއުޓްރިޝަން އިންސްޓިޓިއުޓުން ހާމަކޮށްފައިވާ ގޮތުގައި، އިންސްޓަންޓް ނޫޑްލްސް ކެއުމަކީ ސީދާ މަރުވާން ދިމާވާ ސަބަބެއް ކަމަށް ސައިންޓިފިކް ހެއްކެއް ނެތެވެ. އެ އިދާރާއިން ބުނާ ގޮތުގައި މިފަދަ ހާދިސާތައް ދިމާވަނީ ނޫޑްލްސް ބޭނުންކުރަންޖެހޭ ގޮތް ނޫން ގޮތަކަށް ބޭނުންކުރުމުން ނުވަތަ ރަނގަޅަށް ރައްކާކޮށްފައި ނުބެހެއްޓުން ފަދަ ކަންކަމުގެ ސަބަބުންނެވެ.