ޓްރަމްޕް ދިން ދައުވަތު އެމެރިކާގެ އަންހެން އައިސް ހޮކީ ޓީމުން ގަބޫލު ނުކުރި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވާ 'ސްޓޭޓް އޮފް ދަ ޔޫނިއަން' ތަގުރީރު ބައްލަވައިލެއްވުމަށް އެމެރިކާގެ އަންހެން އައިސް ހޮކީ ޓީމަށް އެރުވި ދައުވަތު އެ ޓީމުން ގަބޫލުނުކުރަން ނިންމައިފި ކަމަށް އެމެރިކާގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.
މި ދައުވަތު އެ ޓީމަށް ދީފައިވަނީ، އެ ޓީމަށް ދައުވަތު ނުދީފިނަމަ ރައީސް "އިމްޕީޗް" ކޮށްފާނެ ކަމަށް ވިދާޅުވެ ޓްރަމްޕް މަޖާ ކުރެއްވުމަށްފަހުގައެވެ.
އެމެރިކާގެ ކޮންގްރެސްގައި ރައީސް ދެއްވާ އަހަރީ ތަގުރީރު ބެއްލެވުމަށް ރިޕަބްލިކަން އަދި ޑިމޮކްރެޓިކް ޕާޓީގެ މެންބަރުން އާންމުކޮށް މެހެމާނުން ގެންދަވައެވެ. ޓްރަމްޕް ވަނީ އޮލިމްޕިކް ރަން މެޑަލް ހޯދި އެމެރިކާގެ ފިރިހެން އައިސް ހޮކީ ޓީމަށް ވެސް މި ތަގުރީރަށް ވަޑައިގަތުމަށް ދައުވަތު ދެއްވާފައެވެ.
އެމެރިކާގެ އަންހެން ޓީމުން ރަން މެޑަލް ހޯދާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކެނެޑާ އަތުން 2-1 އިން މޮޅުވެގެންނެވެ.
އިންޓަނެޓްގައި އާންމުވެފައިވާ ވީޑިއޯއެއްގައި، ފިރިހެން ޓީމާ ފޯނުން ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވެފައިވަނީ، އަންހެން ޓީމުވެސް ގެންނަން ޖެހޭނެ ކަމަށެވެ. އަދި އެ ޓީމަށް ދައުވަތު ނުދީފިނަމަ އޭނާ މަގާމުން ވަކިކޮށްފާނެ ކަމަށް ވިދާޅުވެ ޓްރަމްޕް ވަނީ ޖޯކު ޖައްސަވާފައެވެ.
ފިރިހެން ޓީމުން މި ދައުވަތު ރަސްމީކޮށް ގަބޫލުކުރިކަން ސާފުނުވި ނަމަވެސް، އެ ޓީމުން ވަނީ ދައުވަތަށް މަރުހަބާ ކިޔާފައެވެ.
އެންބީސީ އިން އާންމުކުރި އަންހެން ޓީމުގެ ބަޔާނެއްގައި ބުނެފައިވަނީ، ސްޓޭޓް އޮފް ދަ ޔޫނިއަން ތަގުރީރުގައި ބައިވެރިވުމަށް ކުޅުންތެރިން "އުޒުރުވެރިވާ" ކަމަށެވެ. އެ ބަޔާނުގައި ޓީމުން ހޯދި ކާމިޔާބީ ފާހަގަކޮށް ދައުވަތު ދެއްވި ކަމަށްޓަކައި ޝުކުރު އަދާކޮށްފައިވެއެވެ.
ނަމަވެސް، އޮލިމްޕިކްސްއަށް ފަހު ކުޅުންތެރިންގެ ތައުލީމީ އަދި މަސައްކަތުގެ ދާއިރާގެ ކުރިން ރޭވިފައިވާ ކަންތައްތަކެއް ހުރުމުގެ ސަބަބުން، މި ވަގުތު އެ ހަރަކާތުގައި ބައިވެރިވެވެން ނެތް ކަމަށް ޓީމުން ވަނީ ހާމަކޮށްފައެވެ.
Ads by MACL
