އީރާނަށް ދިން ހަމަލާތައް އެމެރިކާއިން އިންޒާރު ދިން ފަދަ ވަރުގަދަ ހަމަލާތަކަކަށް ނުވި
އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު، އީރާނަށް ދޭނެ ކަމަށް އިންޒާރު ދިން "އެންމެ ވަރުގަދަ ހަމަލާތައް" މިއަދު ފެނިގެން ގޮސްފައި ނުވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. ހެގްސެތު ކުރިން ވިދާޅުވެފައިވަނީ މިއަދަކީ އީރާނަށް ދޭ ހަމަލާތަކުގެ އެންމެ ވަރުގަދަ ދުވަހަށް ވެގެންދާނެ ކަމަށެވެ.
ތެހެރާނުން ލިބޭ ރިޕޯޓްތަކަށް ބަލާއިރު، ރޭގަނޑުގެ ވަގުތުތަކުގައި ބައެއް ހަމަލާތައް ދީފައިވީ ނަމަވެސް، މިއީ ކުރީގެ ދުވަސްތަކާ އަޅާބަލާއިރު މަދު އަދަދެއްގެ ހަމަލާތަކެކެވެ. މިއަދުގެ ވަގުތުތަކުގައި ތެހެރާނާއި އެ ސަރަހައްދުގެ ވަށައިގެންވާ ރަށްތަކުން ގޮވުންތަކެއްގެ އަޑު އިވިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
މީގެ އިތުރުން އީރާނުގެ ދެކުނުން ކަރްމާން އަދި ޝީރާޒަށް ވެސް ވަނީ ހަމަލާތަކެއް އަމާޒުވެފައެވެ. ޝީރާޒަށް ދިން ހަމަލާތަކުގައި ތިން މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނާއިރު، ކަރަޖް އަދި އިސްފަހާނަށް ވެސް މިއަދުގެ ކުރީކޮޅު ވަނީ ހަމަލާތަކެއް ދީފައެވެ.
ކޮންމެ ދުވަހަކުވެސް އީރާނަށް ހަމަލާތައް އަމާޒުވަމުންދާ މި ދަނޑިވަޅުގައި، އެމެރިކާއިން އިންޒާރު ދިން ފަދަ ބޮޑު ހަމަލާތަކެއް މިއަދު ފެނިފައި ނުވާކަން ފާހަގަކުރެވެއެވެ.
މިއަދުގެ ހަމަލާތަކަކީ އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ވިދާޅުވި ފަދަ "އެންމެ ވަރުގަދަ ދުވަސް" ކަމަށް ބެލެވޭ ވަރުގެ ހަމަލާތަކެއް ނޫން ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
Ads by MACL
