ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އިޒްރޭލުގެ ސިޓީތަކަށާއި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން ވަރުގަދަ ހަމަލާތަކެއް ދީފި

އިޒްރޭލުގެ ސިޓީތަކަށާއި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން ވަރުގަދަ ހަމަލާތަކެއް ދީފި

އިޒްރޭލުގެ މުހިންމު ސިޓީތަކެއް ކަމަށްވާ ހައިފާ، ތެލް އަވީވް އަދި ގުދުސްގެ އިތުރުން މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފައިވާނެ ކަމަށް އީރާނުން ބުނެފިއެވެ. އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން ބުނި ގޮތުގައި މިއީ އިޒްރޭލާއި އެމެރިކާގެ މަސްލަހަތުތަކަށް އަމާޒުކޮށް ދިން ހަމަލާތަކުގެ 37 ވަނަ ރާޅެވެ.

މި ހަމަލާތަކުގައި އީރާނުގެ "ސުޕަރ-ހެވީ ހޮރަމްޝަހަރު" މިސައިލްތައް ބޭނުންކޮށްފައިވާ ކަމަށާއި، ތިން ގަޑިއިރަށް ވުރެ ގިނަ ވަގުތަށް ދެމިގެންދިޔަ މި ހަމަލާތަކަކީ އެކި ފަންތީގެ ވަރުގަދަ ބަރޭޖްތަކެއް ކަމަށް އީރާނުގެ ފާރްސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވެއެވެ.

އަމާޒުކުރި މުހިންމު ތަންތަން


އައި.އާރު.ޖީ.ސީގެ ބަޔާނުގައިވާ ގޮތުން، ތެލް އަވީވްގެ ދެކުނުގައި ހުންނަ ހައޭލާ ޓަލައިޓް ކޮމިއުނިކޭޝަން ސެންޓަރަށް ދެވަނަ ފަހަރަށް ވަނީ ހަމަލާދީފައެވެ. މީގެ އިތުރުން ހުޅަނގު ގުދުސް، ހައިފާ އަދި ބީރް ޔައުގޫބްގައި ހުރި އަސްކަރީ މަރުކަޒުތަކަށް ވެސް ވަނީ ހަމަލާ އަމާޒުކޮށްފައެވެ.

އިޒްރޭލުގެ އިތުރުން، އިރާގުގެ އަރުބީލްގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި ބަހްރޭންގެ މަނާމާގައި ހުންނަ އެމެރިކާގެ ފަސްވަނަ ކަނޑުގެ ފްލީޓްގެ މައި މަރުކަޒަށް ވެސް އީރާނުގެ ސިފައިން ވަރުގަދަ ހަމަލާތަކެއް ދީފައިވާ ކަމަށް އެ ގައުމުން ވަނީ ކަށަވަރުކޮށްދީފައެވެ.

އީރާނުގެ އިންޒާރު


އީރާނުން ބުނެފައިވަނީ އެ ގައުމުގެ މަގްސަދުތައް ހާސިލްވަންދެން މިފަދަ ބާރުގަދަ ހަމަލާތައް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި މި ހަނގުރާމައިގެ ބޭނުމަކީ ދުޝްމަނުން ބަލިވެ، އަމާންދިނުން ކަމަށް ވެސް އައި.އާރު.ޖީ.ސީގެ ބަޔާނުގައި ބުނެފައިވެއެވެ.

މި ހަމަލާތަކާ ގުޅިގެން އިޒްރޭލުން ނުވަތަ އެމެރިކާއިން އަދި ރަސްމީކޮށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް މި ހަމަލާތަކުގެ ސަބަބުން މެދުއިރުމަތީގެ މަސްރަހު އިތުރަށް ގޯސްވެ، ބޮޑު ހަނގުރާމައަކަށް ފެތުރިގެން ހިނގައިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.