އީރާނުގެ ހަމަލާތަކާ ގުޅިގެން ނަތަންޔާހޫ އާއި އޭނާގެ ކެބިނެޓް މިނިސްޓަރުން ބައްދަލުވުން ދޫކޮށް ފިލައިފި
އީރާނުން އިސްރާއީލަށް އަމާޒުކޮށް ފޮނުވާލި މިސައިލްތައް އެ ގައުމުގެ ސަރަހައްދަށް ވަންނަން ފެށުމާއެކު، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ސެކިއުރިޓީ ކެބިނެޓްގެ މެންބަރުން ބައްދަލުވުން ދޫކޮށް ފިލާފައިވާ ކަމަށް އިޒްރޭލުގެ މީޑިއާއިން ރިޕޯޓުކޮށްފި އެވެ. މި ހާދިސާ ހިނގާފައިވަނީ ސަލާމަތީ ކަންކަމާ ބެހޭ މުހިންމު ބައްދަލުވުމެއް ކުރިއަށް ދަނިކޮށެވެ.
މި ބައްދަލުވުމުގައި ބޮޑުވަޒީރު ނަތަންޔާހޫގެ އިތުރުން، އިސްރާއީލުގެ ސެކިއުރިޓީ މިނިސްޓަރާއި، ފައިނޭންސް މިނިސްޓަރާއި، އިންޓާނަލް ސެކިއުރިޓީ މިނިސްޓަރުގެ އިތުރުން ޖަސްޓިސް މިނިސްޓަރު ބައިވެރިވި އެވެ. މީގެ އިތުރުން ސަލާމަތީ ބާރުތަކުގެ އިސް ވެރިންނާއި އަސްކަރީ އޮފިޝަލުން ވެސް މި ބައްދަލުވުމުގައި ތިއްބެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި، ކެބިނެޓް މެންބަރުން ބައްދަލުވުން ދޫކޮށް ފިލީ އެ ވަގުތު ބައްދަލުވުން ކުރިއަށްދިޔަ ތަނަކީ އީރާނުގެ މިސައިލް ހަމަލާތަކުގެ އަމާޒަކަށް ނުވާނެ ކަމުގެ ޔަގީންކަން ނެތުމުންނެވެ. މިސައިލްތައް އަންނަން ފެށުމާއެކު ސަލާމަތީ ސަބަބުތަކަށްޓަކައި އެންމެން ވަނީ ރައްކާތެރި ބަންކަރުތަކަށް ގެންގޮސްފައި ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އިސްރާއީލުގެ ކަންކަމާ ބެހޭ މާހިރު އަލީ ހައިދަރު ފާހަގަކުރެއްވި ގޮތުގައި، މިއީ އިސްރާއީލުގެ އިސް ލީޑަޝިޕަށް ކުރިމަތިވި ވަރަށް ނުތަނަވަސް ވަގުތުކޮޅެކެވެ. އީރާނުގެ މި ހަމަލާތަކަކީ ފަހުގެ ތާރީޚެއްގައި އިސްރާއީލަށް ކުރިމަތިވި އެންމެ ވަރުގަދަ އެއް ހަމަލާއެވެ.
މި ހާދިސާއާ ގުޅިގެން އިސްރާއީލުގެ ސަރުކާރުން އަދި ރަސްމީކޮށް ވަކި އެއްޗެއް ހާމަކޮށްފައި ނުވި ނަމަވެސް، ސަލާމަތީ ބާރުތަކުން ދަނީ ހާލަތު އިތުރަށް ވަޒަންކުރަމުންނެވެ. އީރާނުން ބުނެފައިވަނީ މިއީ އިސްރާއީލުން ދެމުންދާ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ފޮނުވާލި މިސައިލްތަކެއް ކަމަށެވެ.
Ads by MACL
