ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ހަނގުރާމައާ ގުޅިގެން ވޯލްޑް ކަޕް ކޮލިފައިން މެޗުތައް ފަސްކޮށް ދޭން އިރާގުން ފިފާގައި އެދިއްޖެ

އިރާގުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗު ގްރަހަމް އާނޯލްޑް، އަދި އިރާގުގެ ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން
އިރާގުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗު ގްރަހަމް އާނޯލްޑް، އަދި އިރާގުގެ ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން

އިޒްރޭލާއި އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ކުރިމަތިވެފައިވާ ދަތިތަކާ ހުރެ، ވޯލްޑް ކަޕް ކޮލިފައިންގައި އިރާގުން ކުޅެންޖެހޭ ޕްލޭއޮފް މެޗުތައް ފަސްކޮށްދިނުމަށް އެ ގައުމުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗު ގްރަހަމް އާނޯލްޑް ފީފާގައި އާދޭހާއެކު އެދިއްޖެއެވެ.

އިރާގުން މި މަހުގެ 31 ވަނަ ދުވަހު މެކްސިކޯގެ މޮންޓެރޭގައި ސުރިނާމް ނުވަތަ ބޮލީވިއާއާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ ޕްލޭއޮފް މެޗަށް ތައްޔާރުވުމުގައި ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

ހަނގުރާމައިގެ ސަބަބުން އޭޕްރީލް މަހުގެ އެއްވަނަ ދުވަހާ ހަމައަށް އިރާގުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައިވުމުން، ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންނަށް ގައުމުން ބޭރަށް ދެވޭނެ ގޮތެއް ނެތެވެ. މީގެ އިތުރުން ބޭރު ގައުމުތަކުގެ އެމްބަސީތައް ބަންދުކުރުމުގެ ސަބަބުން ކުޅުންތެރިންނަށް ވިސާ ހޯދުމުގައި ދަތިތަކާ ކުރިމަތިވެފައިވާއިރު، ކޯޗު އާނޯލްޑް ވެސް ހުރީ ޔޫއޭއީގައި ތާށިވެފައެވެ.

އާނޯލްޑް ހުށަހަޅާފައިވަނީ ސުރިނާމް އަދި ބޮލީވިއާގެ މެޗު މިމަހު ކުޅުނު ނަމަވެސް، ފައިނަލް ޕްލޭއޮފް މެޗު ވޯލްޑް ކަޕް ފެށުމުގެ އެއް ހަފްތާ ކުރިއަށް ފަސްކުރުމަށެވެ. އޭނާ ފާހަގަކުރި ގޮތުގައި އިރާގުން ބޭރުގައި ކުޅޭ ކުޅުންތެރިން އެކަނި ހިމަނައިގެން ޓީމެއް އެކުލަވާލުމަކީ 1986 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ވޯލްޑް ކަޕަށް ކޮލިފައިވުމަށް ކުރާ އުންމީދަށް އެޅޭ ހުރަހެކެވެ.

 "އެއީ ގައުމުގަ މިވަގުތު ތިބި ކުޅުންތެރިން ޓީމުގައި ހިމަނައިގެން އަޅުގަނޑުމެންގެ އެންމެ ވަރުގަދަ ޓީމަކަށް ނުވާނެ. ފާއިތުވި 40 އަހަރުގެ ތެރޭގައި ގައުމަށް ކުރިމަތިވާ އެންމެ މުހިންމު ގައުމީ ފެންވަރުގެ މެޗުތަކަށް އެންމެ މޮޅު ކުޅުންތެރިން ހިމަނަން ބޭނުންވޭ،" އޭނާ އިތުރަށް ބުންޏެވެ.

މީގެ އިތުރުން، އީރާނުން ވޯލްޑް ކަޕަށް ކޮލިފައިވެފައިވީ ނަމަވެސް، އެމެރިކާއިން އީރާނަށް ދެމުންދާ ހަމަލާތަކާއި އެހެނިހެން ގޮތްގޮތުން ކުރިމަތި ވެފައިވާ ދަތިތަކުގެ ސަބަބުން އެ ގައުމުގެ ބައިވެރިވުމާމެދު ވަނީ ސުވާލު އުފެދިފައެވެ. އާނޯލްޑް ބުނި ގޮތުގައި އީރާނުން މުބާރާތުން ވަކިވެއްޖެނަމަ އިރާގަށް ފުރުސަތު ލިބި، ކޮލިފައިންގައި އިރާގު އަތުން ބަލިވި ޔޫއޭއީއަށް ވެސް ޕްލޭއޮފް ކުޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އިރާގުގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް އަދުނާން ދިރްޖާލް މިކަމަށް ހައްލެއް ހޯދުމަށް ރޭދުވާލު މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކުރަމުން، އާނޯލްޑް ބުނީ އިރާގުގެ ރައްޔިތުންނަކީ ފުޓްބޯޅައަށް އިންތިހާއަށް ލޯބިކުރާ ބައެއް ކަމަށާއި، އެމީހުންގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް ފީފާއިން މިކަމަށް ރަނގަޅު ނިންމުމެއް ނިންމަންޖެހޭ ކަމަށެވެ.