ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އިންތިހާބުގައި ވޯޓުލެވޭ މީހުންގެ ލިސްޓް އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފި

އިންތިހާބުގައި ވޯޓުލެވޭ މީހުންގެ ލިސްޓް އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފި

ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓުލުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓް އިލެކްޝަންސް ކޮމިޝަނުން މިއަދު އާންމުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި އިންތިހާބުގައި ޖުމްލަ 294,876 މީހަކަށް ވޯޓުލުމުގެ ހައްޤު ލިބިގެންވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 150,370 ފިރިހެނުންނާއި 144,506 އަންހެނުންނެވެ.

އަންނަ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ތާވަލްކޮށްފައިވާ މި އިންތިހާބުގައި، ލޯކަލް ކައުންސިލް އިންތިހާބުގެ އިތުރުން ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމާ މެދު އާންމުންގެ ހިޔާލު ހޯދުމަށް ނަގާ ވޯޓުލުންވެސް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

ވޯޓުލުމުގެ އިންތިޒާމުތަކާ ގުޅޭގޮތުން ކޮމިޝަނުން ބުނީ، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޖުމްލަ 588 ވޯޓުފޮށި ބެހެއްޓުމަށް ނިންމާފައިވާ ކަމަށެވެ. މީގެ ތެރޭގައި މާލެ ސަރަހައްދުގައި ބަހައްޓާ 190 އަށްވުރެ ގިނަ ފޮށްޓާއި، އަތޮޅުތަކުގައި ބަހައްޓާ 322 ފޮށި ހިމެނެއެވެ. ނަމަވެސް، ކަނޑައެޅިފައިވާ އަދަދަށް މީހުން ރަޖިސްޓްރީވެފައި ނުވާތީ، ރިސޯޓުތަކާއި ސިނާއީ ރަށްތަކުގައި މިފަހަރު ވޯޓުފޮށި ނުބަހައްޓާނެއެވެ.

މީގެ އިތުރުން، ރާއްޖެއިން ބޭރުގެ އެއްވެސް ގައުމެއްގައިވެސް މިފަހަރު ވޯޓުފޮށި ނުބަހައްޓާނެކަން އިލެކްޝަންސް ކޮމިޝަނުން ވަނީ ކަށަވަރުކޮށްދީފައެވެ. ރާއްޖެއިން ބޭރުގައި ފޮށި ބެހެއްޓުމަށް ކަނޑައަޅާފައިވާ އުސޫލަކީ މަދުވެގެން 2,000 މީހުން ރަޖިސްޓްރީވުމެވެ. ނަމަވެސް، އެންމެ ގިނައިން މީހުން ރަޖިސްޓްރީވި މެލޭޝިއާއިންވެސް ރަޖިސްޓްރީވީ 499 މީހުންނެވެ. އަދި ސްރީލަންކާއިން ރަޖިސްޓްރީވެފައިވަނީ 189 މީހުންނެވެ.