ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އޮޑި ސްޕޯޓްސް ކުލަބުގައި ތިބީ ކުލަބުގެ ފަހުރަށްޓަކައި ކުޅޭ ކުޅުންތެރިންތަކެއް: ޝިފާޒް

އޮޑި ސްޕޯޓްސް ކުލަބުގެ ސެކްރެޓަރީ ޖެނެރަލް ޢަލީ ޝިފާޒް
އޮޑި ސްޕޯޓްސް ކުލަބުގެ ސެކްރެޓަރީ ޖެނެރަލް ޢަލީ ޝިފާޒް

މުޅިން އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރި އޮޑި ސްޕޯޓްސް ކުލަބުގައި ތިބީ، އެ ކުލަބުގެ ފަހުރަށްޓަކައި ކުޅޭ ކުޅުންތެރިންތަކެއް ކަމަށް އެ ކުލަބުގެ ސެކްރެޓަރީ ޖެނެރަލް ޢަލީ ޝިފާޒް ވިދާޅުވެއްޖެއެވެ. ޝިފާޒް މިހެން ވިދާޅުވީ ކުރު މުއްދަތެއްގެ ތެރޭގައި އެ ކުލަބުން ހޯދި ބޮޑެތި ކާމިޔާބީތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުންނެވެ.

އޮޑި ސްޕޯޓްސް ކުލަބުން ފުރަތަމަ ޑިވިޝަނުގައި ކުޅުނު ފުރަތަމަ މުބާރާތް ކަމަށްވާ ދިވެހި ޕްރިމިއާ ލީގުގައި ވަނީ ފާހަގަކޮށްލެވޭ ނަތީޖާތަކެއް ހޯދާފައެވެ. އެގޮތުން 12 މޮޅާއެކު ލީގުގެ ފައިނަލަށް ދަތުރުކޮށް، މުޅި މުބާރާތުގައި 40 ގޯލު ކާމިޔާބުކުރިއެވެ. އަދި 8 ކްލީން ޝީޓާއެކު ލީގުގެ ދެވަނަ މަގާމު އެ ކުލަބުން ވަނީ ކަށަވަރުކޮށްފައެވެ.

ލީގުގެ ފައިނަލުގައި މާޒިޔާ އަތުން 1-0 އިން ބަލިވި ނަމަވެސް، އޭގެ ފަހުން ކުޅުނު ޕްރެސިޑެންޓްސް ކަޕްގެ ފައިނަލުގައި މާޒިޔާ ބަލިކޮށް އޮޑިން ވަނީ ތަށި އުފުލާލާފައެވެ.

ކުލަބުގެ ކާމިޔާބީއާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެމުން ޝިފާޒް ވިދާޅުވީ، މިއީ ކުލަބުގެ ބޯޑާއި، މެންބަރުންނާއި، ކުޅުންތެރިންގެ އިތުރުން ކޯޗުންނާއި އޮފިޝަލުން ކުރި ވަރަށް ބުރަ މަސައްކަތެއް ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑުމެން ޓީމުގައި ތިބި ހަމަ ކޮންމެ ކުޅުންތެރިއެއްވެސް ކުޅެނީ ކުލަބަށްޓަކައި، ކުލަބުގެ ފަޚުރަށްޓަކައި" ޝިފާޒް ވިދާޅުވިއެވެ.

މީގެ އިތުރުން ކުޅުންތެރިންގެ އާއިލާތަކުން ލިބޭ އެއްބާރުލުންވެސް އޭނާ ފާހަގަކުރެއްވިއެވެ.

އޮޑި ސްޕޯޓްސް ކުލަބުގެ ޓީމުގައި ހިމެނޭ ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި އަހުޒަމް ރަޝީދު، އިބްރާހީމް ވަހީދު، ގޯލް ކީޕަރު މުހައްމަދު ޝަފީއު، މުހައްމަދު ރަޝީދު (ހޮކޭ)، ހުސެއިން ނިހާން (ނިހާޓް)، މުޒުދާން ހަސަން، އަދި އަބްދުﷲ ލޫތް އިބްރާހިމްގެ އިތުރުން ބިދޭސީ ކުޅުންތެރިން ހިމެނެއެވެ. ކުޅުންތެރިން ބުނާ ގޮތުގައި މި ކާމިޔާބީގެ އަސްލަކީ މެނޭޖުމެންޓުގެ އެހީތެރިކަމާއި ސަޕޯޓަރުންގެ ހިތްވަރެވެ.

އޮޑިން މިހާރު ތައްޔާރުވަމުން އަންނަނީ މި މަހުގެ 10 އިން 18 އަށް ބޭއްވުމަށް ހަމަޖެހިފައިވާ އެފްއޭ ކަޕަށެވެ. ތިން އަހަރުގެ މެދުކެނޑުމަކަށްފަހު ބާއްވާ މި މުބާރާތުގައި 8 ކުލަބަކުން ވާދަކުރާއިރު، އޮޑިން ކުޅޭ ފުރަތަމަ މެޗުގައި މި މަހުގެ 10 ވަނަ ދުވަހު ނިކުންނާނީ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނަކީ މާޒިޔާއެވެ.