ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރައީސްގެ ތާޢީދު, ހަމައެކަނި ޕީއެންސީގެ ކެންޑިޑޭޓުންނަށް، އެމްޑީޕީ ކެންޑިޑޭޓަށް ތާޢީދުކުރާ ވާހަކަ އަކީ ދޮގެއް

ރައީސް ޕީއެންސީ ކެމްޕެއިން ހަރަކާތުގައި ބައިވެރިވެވަޑައިގަންނަވަނީ
ރައީސް ޕީއެންސީ ކެމްޕެއިން ހަރަކާތުގައި ބައިވެރިވެވަޑައިގަންނަވަނީ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބުގައި އެމަނިކުފާނު ތާޢީދު ކުރައްވަނީ ހަމައެކަނި ޕީޕަލަސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓުންނަށް ކަަމަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ހުޅުމާލެ ދެކުނު ދާއިރާގައި ކުރިއަށްގެންދިޔަ ދޮރުން ދޮރަށް ހަރަކާތް ނިންމަވާލެއްވުމަށްފަހު އެމްއެމްޓީވީއަށް ދެއްވި ބަސްދީގަތުމެއްގައެވެ. ރައީސް ވަނީ މާލޭގެ ހުރިހާ ދާއިރާތަކެއްގެ އިތުރުން ވިލިމާލެ އަދި ހުޅުމާލޭގެ އެކި ދާއިރާތަކުގައި ދޮރުން ދޮރަށް ހިންގަވައި، ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ.

ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓަށް ރައީސް ތާޢީދުކުރައްވާ ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދުދެއްވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނު ޒިޔާރަތް ކުރެއްވި ބައެއް ގޭގެއިން އެކަން ސާފުކޮށްދިނުމަށް ރައްޔިތުން އެދިފައިވާ ކަމަށެވެ. އެގޮތުން އެ ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓު، ރައީސްގެ ތާޢީދު އޭނާއަށް އޮތް ކަމަށް ބުނަމުންދާ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

މިކަން ދޮގުކުރައްވަމުން ރައީސް ވިދާޅުވީ، "ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި އަޅުގަނޑު ތާޢީދުކުރާ ކެންޑިޑޭޓުން ތިބޭނީ ޕީއެންސީ ޓިކެޓްގައި. ޚާއްސަކޮށް މި ދާއިރާގައި (ހުޅުމާލެ ދެކުނު ދާއިރާ) އަށް ނިކުމެ ހުރި އެމްޑީޕީ ކެންޑިޑޭޓަށް އަޅުގަނޑު ތާޢީދު ކުރާ ކަމަށް ބުނާ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް،" ކަމަށެވެ. އަދި އެމަނިކުފާނުގެ ތާޢީދު އޮންނާނީ ހަމައެކަނި ޕީއެންސީގެ ކެންޑިޑޭޓުންނަށް ކަމަށާއި، މިނިވަން ކެންޑިޑޭޓަކަށް ނުވަތަ އެހެން ޕާޓީއެއްގެ ކެންޑިޑޭޓަކަށް ތާޢީދު ނުކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އެމަނިކުފާނަކީ ޕާޓީ ނިޒާމު ޤަބޫލުކުރައްވާ ބޭފުޅެއް ކަމަށާއި، އެހެންކަމުން އެފަދަ ދޮގު ވާހަކަތައް ރައްޔިތުން ޤަބޫލުނުކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. ހުޅުމާލެ ދެކުނު ދާއިރާއިން ރައީސްގެ ފުރިހަމަ ތާޢީދު އޮތީ ޕީއެންސީގެ ކެންޑިޑޭޓް އަޙްމަދު ޢުބައިދު (އުބޭ) އަށް ކަމަށް އެމަނިކުފާނު ކަށަވަރުކޮށްދެއްވިއެވެ.

ހުޅުމާލެ ދެކުނު ދާއިރާގެ ގޮނޑިއަށް ޕީއެންސީގެ ކެންޑިޑޭޓުގެ އިތުރުން އެމްޑީޕީގެ ކެންޑިޑޭޓަކާއި އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓަކު ވާދަކުރައްވައެވެ.