ސަރުކާރަށް ޖެއްސުންކުރާ ބަޔަކު ކައުންސިލަށް އަތުވެއްޖެނަމަ، އެކަމުގެ ހުރިހާ ގެއްލުމެއް ލިބޭނީ ރައްޔިތުންނަށް: ވަހީދު
ކައުންސިލުތަކަށް ރައީސްގެ ތަސައްވުރު ގަބޫލުކޮށް، އެމަނިކުފާނު ކުރައްވަމުންދާ މަސައްކަތްޕުޅުގައި އެހީތެރިވާނެ ކައުންސިލަރުން އިންތިހާބުކުރުން މުހިއްމުކަމަށާއި ސަރުކާރަށް ޖެއްސުންކުރުމުގެ ނިޔަތުގައި ބަޔަކު ކައުންސިލަށް އަތުވެއްޖެނަމަ، އެކަމުގެ ހުރިހާ ގެއްލުމެއް ލިބޭނީ ސީދާ ރައްޔިތުންނަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިފުށީ ދާއިރާގެ މެންބަރު ހަސަން ވަހީދު ވިދާޅުވެއްޖެއެވެ.
އޭނާ މިފަދައިން ވިދާޅުވީ، ލޯކަލް ކައުންސިލު އިންތިހާބުގެ ކެމްޕެއިންގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުމާލެއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން އެމްއެމްޓީވީއަށް ދެއްވި ބަސްދީގަތުމެއްގައެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާމެދު އިދިކޮޅު އެމްޑީޕީން ދައްކަމުންދަނީ ދެކޮޅުނުޖެހޭ ދޮގު ވާހަކަތަކެއްކަން ފާހަގަކުރައްވައި މެންބަރު ވަހީދު ވިދާޅުވީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާމެދު އެމްޑީޕީން މިހާރު ގެންގުޅޭ ސިޔާސަތަކީ މުޅިން ހަގީގަތާ ހިލާފު، އަދި ކުރިން އެ ބޭފުޅުން ނިންމަވާފައި އޮތް ގޮތާއި ދެއްކެވި ވާހަކަފުޅާވެސް ހިލާފު ކަމެއް ކަމަށެވެ.
"އެމްޑީޕީން މަސައްކަތްކުރަނީ، ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާމެދު ރައްޔިތުން ދެކޭ ގޮތެއް އޮޅުންފިލުވަން ސުވާލުކުރަން މަސައްކަތްކުރާތީ އެކަމަށް ހުރަސްއެޅުމަށް،" މެންބަރު ވިދާޅުވިއެވެ.
އަދި ރައްޔިތުންގެ ހިޔާލާއި ވިސްނުމަށް ބަލައިގެން ކަންކަން ކުރުމަކީ އެމްޑީޕީއަށް ތަހައްމަލުކުރަން ފަސޭހަ ކަމެއް ނޫންކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
Ads by BMLކައުންސިލުތަކަށް ރައީސްގެ ތަސައްވުރު ގަބޫލުކޮށް، އެމަނިކުފާނު ކުރައްވަމުންދާ މަސައްކަތްޕުޅުގައި އެހީތެރިވާނެ ކައުންސިލަރުން އިންތިހާބުކުރުން މުހިއްމުކަން ފާހަގަކުރައްވަމުން ވަހީދު ވިދާޅުވީ، އެނޫން ބަޔަކު ހޮވިއްޖެނަމަ ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ދަތިތަކެއް ކުރިމަތިވެދާނެ ކަމަށެވެ.
"ސަރުކާރަށް ޖެއްސުންކުރުމުގެ ނިޔަތުގައި ބަޔަކު ކައުންސިލަށް އަތުވެއްޖެނަމަ، އެކަމުގެ ހުރިހާ ގެއްލުމެއް ލިބޭނީ ސީދާ ރައްޔިތުންނަށް." ވަހީދު ވިދާޅުވިއެވެ.
މި ދައުރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ސިޓީއެއް އަދި ރަށެއްގައި ގިނަގުނަ މަސައްކަތްތައް ފެށިގެން ކުރިއަށްދާކަން ފާހަގަކުރައްވައި މެންބަރު ވިދާޅުވީ، މި މަޝްރޫއުތައް ހަލުއިކޮށް ނިންމައިލެވޭނީ ސަރުކާރަށް އެއްބާރުލުންދޭނެ ކައުންސިލުތަކެއް އޮވެގެން ކަމަށެވެ. އަދި ރައީސް ޑރ. މުއިއްޒު ގޭގެއަށް ޒިޔާރަތްކުރައްވާއިރު ރައްޔިތުންގެ ފަރާތުން ފެންނަނީ ބޮޑު ތާއީދަކާއި ލޯތްބެއް ކަމަށާއި، އެއީ އެމަނިކުފާނުގެ އިހުލާސްތެރި މަސައްކަތްޕުޅުގެ ނަތީޖާ ކަމަށްވެސް ވަހީދު ވިދާޅުވިއެވެ.
ނިންމަވާލައްވަމުން މެންބަރު ވިދާޅުވީ، އިދިކޮޅު އެމްޑީޕީން ކަންކަމުގެ ހަގީގަތް އޮޅޭ ގޮތަށް ވާހަކަދައްކަނީ ރައްޔިތުންގެ މެދުގައި ފިތުނަ އުފެއްދުމަށް ކަމަށާއި، އެފަދަ ކަންކަމަށް ރައްޔިތުން ސަމާލުވާންޖެހޭ ކަމަށެވެ.
Ads by MACL
