ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އިޒްރޭލުގެ ނަމުގައި ދައުލަތެއް އޮތްހާ ހިނދަކު ސުލްހައިގެ މަޝްވަރާއެއް ކުރުމެއް ނޯންނާނެ: އީރާނުން

އިޒްރޭލުގެ ނަމުގައި ދައުލަތެއް އޮތްހާ ހިނދަކު ސުލްހައިގެ މަޝްވަރާއެއް ކުރުމެއް ނޯންނާނެ: އީރާނުން

ޔަހޫދީ އިޒްރޭލުގެ ދައުލަތް ވުޖޫދުގައި އޮތްހާ ހިނދަކު ހަނގުރާމަ ހުއްޓާލުމުގެ ވިސްނުމެއް ނެތް ކަމަށާއި އަދި ސުލްހައިގެ ވާހަތަކުގައި ބައިވެރި ނުވާނޭ ކަމަށް އީރާނުން ބުނެފި އެވެ.

އީރާނުން މިފަދައިން ބުނެފައި މިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އޮމާން މެދުވެރިކޮށް ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކަށް އެދިވަޑައިގެން އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ވެރިޔާ އަލީ ލަރީޖާނީ އަށް ފޮނުއްވި މެސެޖާއި ގުޅިގެން ނެރުއްވި ބަޔާނެއްގަ އެވެ.

ޓްރަމް އެދުނު ނަމަވެސް އަދި އެހެން ގައުމަކުން އެދުނު ނަމަވެސް، އިޒްރޭލުގެ ދައުލަތް ދެމިއޮތްހާ ހިނދަކު އެފަދަ އެއްވެސް މަޝްވަރާއެއްގައި ބައިވެރިނުވާނެ ކަމަށް އީރާނުން ވަނީ ބުނެފަ އެވެ.

އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ވެރިޔާ އަލީ ލަރީޖާނީ ވިދާޅުވީ، އޮމާން މެދުވެރިކޮށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މެސެޖުތަކެއް މިރޭ ލިބިފައިވާ ކަމަށެވެ. އެ މެސެޖުތަކުގައި އެދިވަޑައިގެންފައިވަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އައުމަށްޓަކައި މަޝްވަރާ ކުރުމަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"އެމެރިކާގެ ރައީސްގެ މެސިތަކެއް މިރޭ އަޅުގަނޑަށް ލިބުނު، އެ މެސެޖުތަަކުގައި ވަނީ ހަނގުރާމަ ހުޢްޓާލުމުގެ އެއްބަސްވުމަކަށް އައުމަށްޓަކލައި މަޝްވަރާކުރަން ބޭނުންވާ ކަމަށް." ލަރިޖާނީ ވިދާޅުވި އެވެ.

މިކަމާ ގުޅޭގޮތުން އީރާނުގެ ރަސްމީ ޖަވާބު ހާމަކުރައްވަމުން ލަރީޖާނީ ވިދާޅުވީ، އިޒްރޭލުގެ ނަމުގައި ދައުލަތެއް ދުނިޔޭގައި އޮތްހާ ހިނދަކު، އެއްވެސް ބާވަތެއްގެ މަޝްވަރާއެއްގައި ބައިވެރިވުމަށް އީރާނުން ގަބޫލު ނުވާނެ ކަމަށެވެ. މިއީ ސަރަހައްދީ މަސްލަހަތާ ގުޅޭގޮތުން އީރާނުން ގެންގުޅޭ ހަރުކަށި ސިޔާސަތު އަނެއްކާވެސް ތަކުރާރުކުރި ކުރުމެކެވެ.

އެމެރިކާއިން މިފަދަ ހުށަހެޅުމެއް ހުށަހަޅާފައިވާ ކަމަށް އީރާނުން ބުނެފައިވާއިރު، މިއީ މެދުއިރުމަތީގެ މަސްރަހު އިތުރަށް ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައި އައި ހުށަހެޅުމެކެވެ. ނަމަވެސް، އީރާނުގެ މި ނިންމުމާއެކު ސުލްހައިގެ މަޝްވަރާތަކަށް އޮތް ފުރުސަތު މިވަގުތަށް ވަނީ ބަންދުވެފައެވެ.