ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ދުނިޔޭގެ އެންމެ ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކުގެ އޮފީސްތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި

ދުނިޔޭގެ އެންމެ ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކުގެ އޮފީސްތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި

އީރާނުން ހަމަލާދިނުމަށް ކަނޑައަޅާފައިވާ އަމާޒުތަކުގެ ލިސްޓު އިތުރަށް ފުޅާކޮށް، ދުނިޔޭގެ އެންމެ ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކުގެ އޮފީސްތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދީފިއެވެ.

ސީއެންއެން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އީރާނުން ވަނީ އިސްރާއީލާއި، ދުބާއީ އަދި އަބޫދާބީގައި ހުރި ބައެއް މުހިންމު އޮފީސްތަކަކީ ހަމަލާދިނުމަށް ކަނޑައެޅިފައިވާ ރަސްމީ އަމާޒުތަކެއްގެ ގޮތުގައި ކަނޑައަޅާފަ އެވެ.

އީރާނުން އާންމުކޮށްފައިވާ މި ލިސްޓުގައި ހިމެނޭ ކުންފުނިތަކުގެ ތެރޭގައި ގޫގުލް (Google)، އެމެޒޯން (Amazon)، މައިކްރޯސޮފްޓް (Microsoft)، އެންވީޑިއާ (Nvidia)، އައިބީއެމް (IBM)، އޮރަކަލް (Oracle) އަދި ޕަލަންޓިއާ (Palantir) ހިމެނެއެވެ.

މި ކުންފުނިތަކުގެ އޮފީސްތަކަށް ހަމަލާދީފާނެ ކަމުގެ ބިރު މިހާރު ވަނީ ބޮޑުވެފައެވެ.

މި ނިންމުމާ ގުޅިގެން މެދުއިރުމަތީގެ ޓެކްނޮލޮޖީ ދާއިރާއަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެފައިވާއިރު، މި ސަރަހައްދުގައި ކޮށްފައިވާ ބިލިއަން ޑޮލަރުގެ ބޮޑެތި އިންވެސްޓްމަންޓްތައް ސުންނާފަތިވެގެން ހިނގައިދާނެ ކަމުގެ ކަންބޮޑުވުން ވަނީ އިތުރުވެފަ އެވެ. ޚާއްޞަކޮށް ޔޫއޭއީ އާއި އިސްރާއީލަކީ ބައިނަލްއަޤުވާމީ ޓެކް ކުންފުނިތަކުގެ މުހިންމު މަރުކަޒުތަކަކަށް ވުމުން، މުޅި ދުނިޔޭގެ އިޤްތިޞާދަށް މީގެ ނޭދެވޭ އަސަރު ކުރާނެ ކަމަށް ބެލެވެއެވެ.

މި ލިސްޓު އާންމުކުރުމާ ގުޅިގެން، ކަމާބެހޭ ފަރާތްތަކުން ދަނީ މި ސަރަހައްދުގައި ހުރި ބައިނަލްއަޤުވާމީ ކުންފުނިތަކުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރަމުންނެވެ.

އީރާނުގެ މި އިންޒާރަކީ ސަރަހައްދީ ހަމަނުޖެހުންތައް އައު ހަރުފަތަކަށް ގޮސްފައިވާ ކަމުގެ ނިޝާނެއް ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.