އެއާޕޯޓުން ފައިސާ ފޭރުނު މައްސަލައިގައި އަށް މީހަކަށް ދަޢުވާ އުފުލައިފި
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓުގައި ހުންނަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެކްސްޗޭންޖް ކައުންޓަރަށް ގެންދިޔަ ގިނަ އަދަދެއްގެ ފައިސާ އަޅާފައިވާ ސޫޓްކޭހެއް ވަޅިން ބިރުދެއްކުމަށްފަހު ފޭރިގަނެފައިވާ މައްސަލާގައި އަށް މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށައަޅައިފި އެވެ. ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ވަނީ މިކަން ކަށަވަރުކޮށްދީފަ އެވެ.
މި މައްސަލާގައި ދަޢުވާ އުފުލާފައިވަނީ ތ. ވިލުފުށި، އެހީވާގެ، އަޙްމަދު މާޙިދާއި، ސ. ހިތަދޫ، ވަށަގުލިމާގެ، ޢަލީ އަފްޒަލާއި، ގއ. ވިލިނގިލި، ބިނާ، ޢަބްދުލްއައްވަލް އިބްރާހީމް އަބޫބަކުރާއި، ކ. ގުރައިދޫ، އަޅިވިލާގެ، ޙުސައިން ޝަހުދާއި، ލ. މާވައް، ރޭޝަމް، މާޒިން މޫސާއާއި، މ. ކޯރަސް، އަޙްމަދު ރައިހާން ނަޢީމާއި، ކ. ގުރައިދޫ، އަޅިވިލާގެ، އިބްރާހީމް އަނޫފްގެ އިތުރުން ރ. މަޑުއްވަރި، މީޒާން، އިސްމާޢީލް ސިރްހާންގެ މައްޗަށެވެ.
މީގެ ތެރެއިން އަޙްމަދު މާޙިދުގެ މައްޗަށް ފޭރުމުގެ ކުށުގެ ދަޢުވާގެ އިތުރުން، ތޫނުއެއްޗެއް ބޭނުންކޮށްގެން މީހަކަށް ބިރުދެއްކުމާއި މަޤްބޫލު ސަބަބެއްނެތި ޢާންމު ތަނެއްގައި ތޫނުއެއްޗެއް ގެންގުޅުމުގެ ދަޢުވާ ވަނީ އުފުލާފަ އެވެ. ޢަލީ އަފްޒަލްގެ މައްޗަށް ފޭރުމުގެ ދަޢުވާ އާއި ތޫނުއެއްޗެއް ގެންގުޅުމުގެ ދަޢުވާ އުފުލާފައިވާއިރު، ޢަބްދުލް އައްވަލް އިބްރާހީމްގެ މައްޗަށް ވަނީ ފޭރުމުގައި ބައިވެރިވުމާއި ބިރުދެއްކުމުގައި ބައިވެރިވުމުގެ ދަޢުވާ އުފުލާފަ އެވެ. ދެން ތިބި ފަސް މީހުންގެ މައްޗަށް އުފުލާފައިވަނީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ އެވެ.
މި ދައުވާތައް ކޮށްފައި ވަނީ 27 އޮކްޓޯބަރ 2025 ދުވަހުގެ ހަވީރު 4:15 އެހައިކަށްހައިއިރު އެވެ. އެއަރޕޯޓުގެ އައު ޓަރމިނަލްގެ ގޭޓް 1 ގެ ކުރިމަތީގައި ބީއެމްއެލްގެ ދެ މުވައްޒަފަކު ތިއްބައި، އެ މީހުންނަށް ވަޅިން ބިރުދައްކައި ފޭރިގަތް ސޫޓްކޭހުގައި ގިނަ އަދަދެއްގެ ބޭރު ފައިސާ ހުއްޓެވެ. އޭގެ ތެރޭގައި 106,120 ޔޫއެސް ޑޮލަރާއި، 4,900 ޔޫރޯ އާއި، 1,735 ޕައުންޑާއި، 334,000 ޖަޕަނީސް ޔެންގެ އިތުރުން އެހެނިހެން ގައުމުތަކުގެ ފައިސާ އާއި ދިވެހި ރުފިޔާ ވެސް ހިމެނެ އެވެ.
ޕީޖީ އޮފީހުން ބުނީ މި ޢަމަލުގެ ސަބަބުން ބޭންކް އޮފް މޯލްޑިވްސްއަށް ލިބުނު ގެއްލުމުގެ ބަދަލު، ދަޢުވާލިބޭ މީހުންގެ އަތުން ނަގައިދިނުމަށް ވެސް ކޯޓުގައި އެދިފައިވާނެ ކަމަށެވެ. މި މައްސަލައަކީ އެއަރޕޯޓް ފަދަ ރައްކާތެރިކަން ވަރުގަދަ ތަނެއްގައި ހިނގާފައިވާ ނުރައްކާތެރި ޖަރީމާއެކެވެ.
Ads by MACL
