ނޭމާ އާއި މެދު ކުރާނެ ބަހުސެއް ނެޔް، އޭނާ ވޯލްޑް ކަޕް ސްކޮޑުގައި ހިމަނަން ޖެހޭ: ތިއާގޯ ސިލްވާ
މި އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕަށް އެކުލަވާލާ ބްރެޒިލްގެ ގައުމީ ސްކޮޑުގައި ނޭމާ ހިމެނުމަކީ ބަހުސެއް އޮތް ކަމެއް ނޫން ކަމަށާއި، އޭނާއަކީ ޓީމަށް ކޮންމެހެން މުހިންމު ކުޅުންތެރިއެއް ކަމަށް ބްރެޒިލްގެ ތަޖުރިބާކާރު ޑިފެންޑަރު ތިއާގޯ ސިލްވާ ބުނެފިއެވެ.
އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާ ދުރުގައި ހުރުމަށްފަހު ސަންތޯސްއާ ގުޅިގެން ރަނގަޅު ފޯމެއްގައި ހުންނަން ނޭމާ މަސައްކަތް ކުރަމުންދާއިރު، ސިލްވާ ގަބޫލުކުރާ ގޮތުގައި ނޭމާއަކީ އަދިވެސް ދުނިޔޭގެ ފެންވަރުގައި ތަފާތު ދެއްކޭނެ ކުޅުންތެރިއެކެވެ.
އުމުރުން 41 އަހަރުގެ ސިލްވާ ބުނި ގޮތުގައި ނޭމާގެ ހުނަރާއި ނޭމާގެ ފަރާތުން ޓީމަށް ލިބޭ އެހީތެރިކަމަކީ ބްރެޒިލްގެ ހަވަނަ ތަށި ހޯދުމަށް މުހިންމު އެއްޗެއް ކަމަށެވެ. 2023 ވަނަ އަހަރުން ފެށިގެން ގައުމީ ޓީމަށް ނޭމާ މެޗެއް ކުޅެފައި ނުވި ނަމަވެސް، ނޭމާގެ އަމާޒު ހުރީ އުތުރު އެމެރިކާގައި ބާއްވާ ވޯލްޑް ކަޕަށެވެ.
ޓީއެންޓީ ސްޕޯޓްސްއާ ވާހަކަ ދައްކަމުން ސިލްވާ ބުނީ ނޭމާ ފިޓްކޮށް ހުރިނަމަ، އޭނާ ވޯލްޑް ކަޕް ސްކޮޑުގައި ހިމެނުން މުހިންމު ކަމަށެވެ. އަދި އޭނާގެ މިހާރުގެ ކުޅުމުގެ ފެންވަރަށް ބަލާއިރު އެއީ ބަހުސެއް އޮތް ކަމެއް ނޫން ކަމަށް އޭނާ ބުންޏެވެ. ނޭމާ ދަނޑުމަތީގައި ހުރުމަކީ އިދިކޮޅު ޓީމަށް އޮތް ބޮޑު ޕްރެޝަރެއް ދެވޭނެ ކަމެއް ކަމަށް ވެސް އޭނާ ބުންޏެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އަންނަ މާޗް މަހު ފްރާންސާއި ކްރޮއޭޝިއާއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗުތަކަށް ކާލޯ އަންޗެލޮޓީ އެކުލަވާލި ޕްރިލިމިނަރީ ސްކޮޑުގައި ނޭމާ ވަނީ ހިމަނާފައެވެ. އަންޗެލޮޓީއަކީ ތަޖުރިބާކާރު އަދި މޮޅު ކުޅުންތެރިންނަށް އިސްކަންދޭ ކޯޗަކަށްވާއިރު، ކުރިއަށް އޮތް މަސްތަކުގައި ނޭމާގެ ފިޓްނަސް ދެމެހެއްޓިއްޖެނަމަ އޭނާއަށް ފުރުސަތު ލިބުމުގެ ފުރުސަތު ބޮޑެވެ.
ވޯލްޑް ކަޕްގެ ފައިނަލް ސްކޮޑު ކަނޑައެޅުމަށް ތިން މަސް ދުވަހަށް ވެފައިވާއިރު، ނޭމާއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ބައިނަލްއަގުވާމީ ބޮޑު މުބާރާތަކަށް އޭނާ ފިޓުކަން ސާބިތުކޮށްދިނުމެވެ. އޮޕަރޭޝަނަށްފަހު އެނބުރި އައިސް މި ސީޒަނުގައި އޭނާ ސަންތޯސްއަށް ކުޅެދީފައިވަނީ އެންމެ ތިން މެޗެވެ.
ނަމަވެސް ރެއާލް މެޑްރިޑްގެ ތަރި ރޮޑްރީގޯއަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާ އަށް ނުކުޅެވޭނެ ކަން މިހާރު ކަށަވަރިވެފައިވާއިރު، ބްރެޒިލްގެ އެޓޭކު ވަރުގަދަ ކުރުމަށް ނޭމާއަށް އެ ޖާގަ ލިބިގެން ހިނގައިދާނޭ ކަމަށް ބެލެވެއެވެ.
އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ބާއްވާ މި މުބާރާތަށް ބްރެޒިލް ތައްޔާރުވަމުންދާއިރު، ނޭމާ ސްކޮޑުގައި ހިމެނުމާ މެދު ކުރެވޭ ބަހުސްތައް ކުރިއަށް އޮތް ތަނުގައިވެސް ހޫނުވާނެ ކަމަށް ބެލެވެއެވެ.
Ads by MACL
