ވޯލްޑް ކަޕްގައި އީރާނުން ބައިވެރިނުވާނެކަން ރަސްމީކޮށް އިއުލާން ކުރައްވައިފި
އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕްގައި އީރާނުން ބައިވެރިނުވާން ނިންމައިފިއެވެ. މިކަން ރަސްމީކޮށް އިއުލާން ކުރެއްވީ އީރާނުގެ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު ދުންޖަމާލީ އެވެ.
މެދުއިރުމަތީގެ މަސްރަހު ގޯސްވެ، އެމެރިކާ އާއި އިޒްރޭލުން ދިން ހަމަލާތަކެއްގައި އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން އުފެދުނު ނުތަނަވަސްކަމުގެ ތެރެއިން އީރާނުން ވަނީ މި ނިންމުން ނިންމާފަ އެވެ.
ވަޒީރު ދުންޖަމާލީ އީރާންގެ ގައުމީ ޓީވީ މެދުވެރިކޮށް ދެއްވި ބަޔާނެއްގައި ވިދާޅުވީ، އެމެރިކާއިން އެ ގައުމުގެ ރޫހީ ލީޑަރު އަވަހާރަކޮށްލާފައިވާތީ، ވޯލްޑް ކަޕްގައި ބައިވެރިވުމުގެ އެއްވެސް ނިޔަތެއް އީރާނުގެ ނެތް ކަމަށެވެ.
މީގެ އިތުރުން ވަޒީރު ވަނީ ފާއިތުވި އަށް މަސް ދުވަހުގެ ތެރޭގައި އީރާނާ ދެކޮޅަށް ކުރެވުނު ހަނގުރާމަތަކުގައި އެތައް ހާސް ރައްޔިތުންނެއް މަރުވެފައިވާކަން ފާހަގަކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި މިހާލަތުގައި އެމެރިކާގައި ބާއްވާ މުބާރާތެއްގައި އީރާނުގެ ގައުމީ ޓީމު ކުޅުމަކީ ނުވާނޭ ކަމެއް ކަމެކެވެ.
މި ނިންމުމަކީ ފީފާއަށް ލިބުނު ކުއްލި ސިހުމެކެވެ. ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ދާދި ފަހުން ވައިޓް ހައުސްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލުކުރެއްވުމަށްފަހު ވިދާޅުވެފައިވަނީ، އީރާނުގެ ޓީމަށް އެމެރިކާއިން މަރުހަބާ ކިޔާނެ ކަމުގެ ޔަގީންކަން ޓްރަމްޕް ދެއްވާފައިވާ ކަމަށެވެ. ނަމަވެސް އީރާނުން މިވަނީ އެ ފުރުސަތު ދޫކޮށްލާފަ އެވެ.
އީރާނުން މުބާރާތުން ވަކިވުމާ ގުޅިގެން އެ ގައުމުގެ ބަދަލުގައި މުބާރާތުން ފުރުސަތު ދޭނެ ގައުމެއް ނިންމާނީ ފީފާއިންނެވެ. ފީފާގެ ގަވާއިދުގެ 6.7 ވަނަ މާއްދާގައިވާ ގޮތުން، ގައުމަކުން މުބާރާތުން ވަކިވެއްޖެނަމަ އެ ގައުމެއްގެ ބަދަލުގައި އެހެން ގައުމަކަށް ފުރުސަތު ދިނުމުގެ ފުރިހަމަ އިހުތިޔާރު ފީފާއަށް ލިބިގެންވެ އެވެ.
މި ފުރުސަތު އިޓަލީ ފަދަ ފުޓުބޯޅައިގައި ވަރުގަދަ ތާރީޚެއް އޮތް ގައުމަކަށް ނުވަތަ އޭޝިއާ ސަރަހައްދުގެ އިރާގު ފަދަ ގައުމަކަށް ޖާގަ ލިބުމުގެ ފުރުސަތު އެބައޮތެވެ. އިރާގަކީ މިހާރުވެސް ވޯލްޑް ކަޕް ޕްލޭ-އޮފްގައި ކުޅުމަށް ތައްޔާރުވަމުންދާ ގައުމެކެވެ. ފީފާއިން މިކަމާ މެދު ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށް ބެލެވެއެވެ.
Ads by MACL
