މެކްސިކޯގެ ގޯލްކީޕަރ މަލަގޮން އަށް ސީރިއަސް އަނިޔާއެއް، ވޯލްޑް ކަޕް ގައި ނުކުޅެވިދާނެ!
މެކްސިކޯ ގައުމީ ޓީމުގެ ގޯލްކީޕަރު ލުއިސް އަންހެލް މަލަގޮންގެ ފައިގެ ކުޑަހުޅަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން، ކުރިއަށް އޮތް ވޯލްޑް ކަޕްގައި އޭނާއަށް ނުކުޅެވިދާނެކަމުގެ ބިރު ހީވެއްޖެއެވެ.
ކްލަބް އެމެރިކާގެ ކޯޗު އަންދްރޭ ޖާޑިން ބުނި ގޮތުގައި، މަލަގޮންއަށް މި އަނިޔާ ލިބުނީ ކޮންކާކަފް ޗެމްޕިއަންސް ކަޕްގައި ފިލަޑެލްފިއާ ޔޫނިއަންއާ ދެކޮޅަށް ކުޅުނު މެޗުގައެވެ.
މެޗަށްފަހު ވާހަކަދައްކަމުން ޖާޑިން ބުނީ މަލަގޮންގެ ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާއަކީ ސީރިއަސް އަނިޔާއެއް ކަމަށް ބެލެވޭ ކަމަށެވެ.
"މިއީ ވަރަށް ސީރިއަސް އަނިޔާއެއް ކަމަށް ފެންނަނީ. މީގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ،" ކޯޗު ބުންޏެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި މަލަގޮންގެ ވައަތު ފަޔަށް ލިބުނު މި އަނިޔާއާ ގުޅިގެން އޭނާ ވަނީ 42 ވަނަ މިނެޓުގައި ބަދަލުކޮށްފައެވެ. އޭނާގެ ބަދަލުގައި ކުޅެން އެރީ ބެކަޕް ކީޕަރު ރޮޑޮލްފޯ ކޯޓާއެވެ. ކްލަބް އެމެރިކާއިން ބުނެފައިވަނީ މަލަގޮންގެ ހާލަތު ދެނެގަތުމަށް އިތުރު ޓެސްޓުތަކެއް ހަދަމުންދާ ކަމަށެވެ.
Ads by BMLވޯލްޑް ކަޕް ފެށެން އެންމެ ތިން މަސް ދުވަހަށް ވެފައިވާއިރު، މަލަގޮންއަށް ލިބުނު މި އަނިޔާއާއި ގުޅިގެން ނުކުޅެވިއްޖެ ނަމަ މެކްސިކޯގެ އެއް ނަންބަރު ކީޕަރުގެ މަގާމަށް ދެން އައުން އެންމެ ގާތީ ޗިވާސްގެ ކީޕަރު ރައުލް ޓަލާ ރަންޖެލްއެވެ. މީގެ އިތުރުން ސަންޓޯސް ލަގޫނާގެ ކާލޯސް އަސެވޭޑޯ އަދި ތަޖުރިބާކާރު ކީޕަރު ގިލާމޯ އޮޗޯއާއަކީ ވެސް މެކްސިކޯ ޓީމުން ފެނިދާނެ ކުޅުންތެރިންނެވެ.
ކްލަބް އެމެރިކާއަށް ބަލާއިރު، ކުރިއަށް އޮތް ލީގު މެޗުތަކާއި ކޮންކާކަފް ޗެމްޕިއަންސް ކަޕްގެ ދެވަނަ ލެގުގައި ގޯލް ބަލަހައްޓާނީ ރޮޑޮލްފޯ ކޯޓާއެވެ. މަލަގޮންއަށް ލިބުނު މި އަނިޔާއަކީ ޓީމަށް ލިބުނު ވަރަށް ބޮޑު ހިތާމައެއް ކަމަށް ކޯޗު ޖާޑިން ވަނީ ފާހަގަކޮށްފައެވެ.
Ads by MACL
