ބީއެމްއެލްގެ އިންޓަނޭޝަނަލް ވޮލެޓް "ސްޕައިޕް" އައްޑުއަށް ތައާރަފުކޮށްފި
ބީއެމްއެލްގެ ޑިޖިޓަލް ވޮލެޓު، ސްވައިޕް އައްޑު އަތޮޅުގައި ރޭ ތައާރަފުކޮށްފި އެވެ.
ބީއެމްއެލުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހު ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތެއްގައި އިންޓަނޭޝަނަލް ވޮލެޓް "ސްވައިޕް" ތައާރަފުކޮށްދެއްވީ ރައީސް މުހައްމަދު މުއިއްޒެވެ.
ރޭ އައްޑޫގައި ބޭއްވި ރަސްމިއްޔާތެއްގައި ސްވައިޕްގެ ހިދުމަތް އެ ތޮޅުގައި ތައާރަފުކުރި އިރު އައްޑޫގެ ގިނަ ވިޔަފާރިތަކުން މިހާރު ސްވައިޕްގެ ހިދުމަތް ލިބޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
Ads by BMLބީއެމްއެލުން އައްޑޫގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ސުވައިޕް އެ ސިޓީއަށް ތައާރަފުކޮށްދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާނެވެ.
އައްޑޫގައި ބޭއްވި މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ، ޑިޖިޓަލް އިގްތިސޯދެއް ގާއިމްކުރުމަށް އޮތް އެންމެ މުހިއްމު އެއްކަމަކީ ހަރުދަނާ އޮންލައިން ޕޭމެންޓް ނިޒާމެއް އޮތުން ކަމަށެވެ.
"ސްވައިޕް އަކީ 100 އިންސައްތަ ދިވެހިން އުފައްދާފައިވާ ދިވެހިންގެ އުފެއްދުމެއް. މިއީ ރާއްޖޭގެ ރެގިޔުލޭޓަރީ މިންގަނޑުތަކާއި ބައިނަލްއަގުވާމީ ޕޭމެންޓް ސްޓޭންޑަޑްތަކާ އެއްގޮތަށް ތަރައްގީކޮށްފައިވާ އުފެއްދުމެއް،" ޝަރީފް ވިދާޅުވިއެވެ.
ސްވައިޕަކީ ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ފަސޭހަކަމާއެކު ފައިސާގެ މުއާމަލާތް ކުރެވޭނެ މަލްޓިކަރަންސީ ޑިޖިޓަލް ވޮލެޓެކެވެ. މީގެ ސަބަބުން ކަސްޓަމަރުންނަށް ވަގުތުން ފައިސާ ފޮނުވުމާއި، ދުނިޔޭގެ ކޮންމެ ގައުމަކުންވެސް އެމީހުންގެ އެކައުންޓަށް ފައިސާ ލިބިގަތުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. މީގެ އިތުރުން، ދުނިޔޭގެ ކޮންމެ ބޭންކަކުން ދޫކޮށްފައިވާ ކާޑެއް ބޭނުންކޮށްގެންވެސް ވޮލެޓަށް ފައިސާ ޖަމާކުރެވޭނެއެވެ.
ފްރީލާންސަރުންނާއި ވިޔަފާރިތަކަށް އޮތް ފުރުސަތެއް
ސްވައިޕްގެ ސަބަބުން ފްރީލާންސަރުންނާއި އޮންލައިން ވިޔަފާރި ކުރާ ފަރާތްތަކަށް ބޭރުގެ ކްލަޔަންޓުންގެ އަތުން ފައިސާ ހޯދުމަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. ރާއްޖެއިން ބޭރުން ޕާސަނަލް ވޮލެޓަށް ގެންނަ ފައިސާއަށް އެއްވެސް ފީއެއް ނުނަގާނެ ކަމަށާއި، ވިޔަފާރިތަކަށް ކަސްޓަމަރުން ފޮނުވާ ފައިސާ ވަގުތުން ޖަމާވާނެ ކަމަށްވެސް ބޭންކުން ބުނެއެވެ.
މީގެ އިތުރުން، ސްވައިޕް އަކީ ރާއްޖެ އަންނަ ފަތުރުވެރިންނަށް ފައިސާ ދެއްކުމަށް ކަނޑައަޅާފައިވާ ރަސްމީ ވޮލެޓެވެ. ސީއީއޯ ޝަރީފް ފާހަގަކުރެއްވި ގޮތުގައި، އެހެން ވޮލެޓުތަކާއި ކާޑުތަކުން 2.5 އިންސައްތައަށް ވުރެ މަތިން ކޮމިޝަން ނެގި ނަމަވެސް، ސްވައިޕް މެދުވެރިކޮށް ކުރާ މުއާމަލާތްތަކުން ނަގާނީ އެންމެ 1 އިންސައްތައެވެ.
ބީއެމްއެލް އިން ބުނީ މި ވޮލެޓަކީ މި ސަރަހައްދުގެ އެންމެ މޮޅު ޑިޖިޓަލް ބޭންކަށް ވުމަށް އެ ބޭންކުން ކުރާ މަސައްކަތަށް ލިބުނު ވަރަށް މުހިއްމު ކުރިއެރުމެއް ކަމަށެވެ. މި ހިދުމަތާއެކު ކަސްޓަމަރުންނަށް އެމީހުންގެ ހަރަދުތަކުގެ ތަފާސްހިސާބުތައްވެސް އަމިއްލައަށް ބަލާލެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.
ދުނިޔޭގެ ކޮންމެ ގައުމެއްގައި ހުރެގެން ވެސް އިންޓަނޭޝަނަލް ވޮލެޓް "ސްޕައިޕް" ބޭނުން ކުރެވޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ. އެއްވެސް ފީއަކާ ނުލައި ކޮންމެ ގައުމަކުން ވެސް އެ ހިދުމަތް މެދުވެރިކޮށް ވަގުތުން ފައިސާ ލިބޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
"ސްވައިޕް" އަކީ 100 ޕަސަންޓު ދިވެހި އުފެއްދުމެކެވެ. އެއީ ދުނިޔޭގެ މަޝްހޫރު ޕޭމަންޓް ވޮލެޓްތަކާ އެއް ފެންވަރުގެ އުފެއްދުމެކެވެ.
Ads by MACL
