ވޯލްޑް ކަޕުން އީރާން ވަކިވުމުން ދެން ވާނީ ކިހިނެތް؟ ފީފާއިން ބުނަނީ ކީކޭ؟
އުތުރު އެމެރިކާ ބައްރުގެ ތިން ގައުމުކަމަށްވާ އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ބާއްވާ ވޯލްޑް ކަޕުގައި އީރާން ބައިވެރިނުވާނެ ކަން ރަސްމީކޮށް ވަނީ އިއުލާނު ކޮށްފަ އެވެ. އީރާނުން އެކަން ރަސްމީކޮށް އިއުލާނު ކުރީ ބުފަ ދުވަހުގަ އެވެ.
އީރާނަކީ މިހާރު ވޯލްޑް ކަޕަށް ކޮލިފައިވެ، 48 ގައުމަށް އިތުރުކޮށް ބާއްވާ ފުރަތަމަ ތާރީޚީ ވޯލްޑް ކަޕުން ޖާގަ ކަށަވަރުކޮށްފައިވާ 42 ޓީމުގެ ތެރެއިން އެއް ޓީމެވެ. އެ ޓީމު ހިމެނިފައިވަނީ ބެލްޖިއަމް، މިސްރު އަދި ނިއުޒީލެންޑާއެކު ގްރޫޕް ޖީ ގައެވެ.
ގަވައިދު ބުނާގޮތުން އީރާން މުބާރާތުން ވަކިވުމުން ފީފާއިން އެ ހުސްވި ޖާގަ ފުރަންޖެހޭނީ އޭޝިއަން ފުޓްބޯޅަ ކޮންފެޑަރޭޝަން (އޭއެފްސީ) ގެ އެހެން ޓީމެއް ހިމަނައިގެންނެވެ.
Ads by BMLއީރާން ވޯލްޑް ކަޕުން ވަކިވުމުން ދެން ވާނީ ކިހިނެއް؟
މި އަހަރުގެ ވޯލްޑް ކަޕަށް ފީފާއިން ކަނޑައަޅާފައިވާ އުސޫލުތަކާއި ގަވާއިދުތައް ވަރަށް ސާފެވެ. އަދި އެ އުސޫލުތަކާއި ގަވައިދުތަކުގައި ކަނޑައެޅިފައިވާ އަދަބުތައް ވެސް ވަރަށް ސާފެވެ. އެ ދަބުތަކުގެ ތެރޭގައި ވަރަށް ހަރުކަށި އަދަބުތައް ވެސް އެބަހުއްޓެވެ.
މިދިޔަ އަހަރުގެ މެއި މަހު ޝާއިއުކުރި ފީފާގެ ގަވާއިދުގެ 6.5 ވަނަ މާއްދާގައި ބުނެފައިވަނީ:
"ބައިވެރިވާ މެންބަރު އެސޯސިއޭޝަނަކުން މުބާރާތުން ވަކިވެއްޖެނަމަ، ނުވަތަ މަޖުބޫރު ހާލަތެއް މެދުވެރިވެގެން މެޗެއް ނުކުޅެވިއްޖެނަމަ ނުވަތަ މެޗު ހުއްޓާލަން ޖެހިއްޖެނަމަ، އެކަމާ މެދު ގޮތެއް ނިންމާނީ ފީފާގެ ކަމާބެހޭ އިންތިޒާމީ އިދާރާއިންނެވެ. އަދި އެ އިދާރާއަށް ފެންނަ ކޮންމެ ފިޔަވަޅެއް އެޅުމުގެ ފުރިހަމަ އިޚްތިޔާރު އެ އިދާރާއަށް ލިބިގެންވެއެވެ."
ގަވާއިދުގެ 6.7 ވަނަ މާއްދާގައި ބުނެފައިވަނީ:
"މުބާރާތުން ވަކިވި މެންބަރު އެސޯސިއޭޝަންގެ ބަދަލުގައި އެހެން އެސޯސިއޭޝަނެއްގެ ގައުމެއް ހިމެނުމަށް ފީފާއިން ނިންމިދާނެއެވެ."
މާލީ ގޮތުން ދެވިދާނެ އަދަބުތައް:
ގަވާއިދުގެ 6 ވަނަ މާއްދާ ("ވަކިވުން، ދޫކޮށްލާ މެޗުތައް، މެދުކަނޑާލާ މެޗުތައް އަދި ބަދަލުކުރުން") ގެ ދަށުން، މުބާރާތުން ވަކިވާ ކޮންމެ ޓީމަކަށް ފީފާއިން ބޮޑެތި ޖޫރިމަނާތަކެއް ކަނޑައަޅާފައިވެ އެވެ. މީގެ ތެރޭގައި؛
- ފުރަތަމަ މެޗުގެ 30 ދުވަހަށްވުރެ ކުރިން އަމިއްލަ އަށް މުބާރާތުން ވަކިވުން: މަދުވެގެން 300,000 ޑޮލަރު (275,000 ޔޫރޯ) ގެ ޖޫރިމަނާއެއް ކުރެވޭނެ.
- މެޗު ފެށުމުގެ 30 ދުވަހުގެ ތެރޭގައި އަމިއްލަ އަށް ވަކިވުން: ޖޫރިމަނާ ދެގުނަވެ، 600,000 ޑޮލަރަށް (550,000 ޔޫރޯ) އިތުރުވާނެ.
ފީފާއިން ދިން ފައިސާ އަނބުރާ އެ އިދާރާއަށް ދެއްކުން:
މުބާރށާތުން އަމިއްލަ އަށް ވަކިވާ ކޮންމެ ޓީމަކުން ވެސް އަންނަނިވި ކަންކަން ކުރަންޖެހެ އެވެ.
- ވޯލްޑް ކަޕްގެ ތައްޔާރީތަކަށް ފީފާއިން ދީފައިވާ ހުރިހާ ފައިސާއެއް އަނބުރާ ދެއްކުން.
- މުބާރާތާ ގުޅިގެން މިހާތަނަށް ބަހާފައިވާ އެހެނިހެން ފައިސާގެ އެހީތައް އަނބުރާ ދެއްކުން.
އިތުރު އަދަބުތައް
ވަކިވި ވަގުތަށާއި ހާލަތަށް ބަލައި ފީފާއިން އިތުރު ފިޔަވަޅުތައް އަޅައިފާނެއެވެ. މީގެ ތެރޭގައި ހިމެނިދާނެ ކަންކަމަކީ:
- ކުރިއަށް އޮތް ފީފާގެ އެއްވެސް މުބާރާތްތެއްގައި ނުކުޅެވޭ ގޮތަށް ސަސްޕެންޑް ކުރުން.
- އެހެން ފެޑަރޭޝަނަކަށް އެ ޖާގަ ދިނުން.
- ހާލަތުގެ ސީރިއަސްކަމަށް ބަލައި އިތުރު އަދަބުތައް ދިނުން.
ކުރިއަށް އޮތް މުބާރާތްތަކުން އީރާން ސަސްޕެންޑް ކޮށްފާނެތަ؟
ފީފާގެ އުސޫލުތަކާއި ގަވައިދުތައް ބުނާގޮތުން މުބާރާތުން އަމިއްލައަށް ވަކިވާ ޓީމަކާއި މެދު ހަރުކަށި ފިޔަވަޅު އެޅިދާނެ އެވެ. އެގޮތުން ކުރިއަށް އޮތް މުބާރާތްތަކުން އީރާން ސަސްޕެންޑް ކުރެވިދާނެ އެވެ. އަދި ވަކިވި ޓީމުގެ ބަދަލުގައި އެހެން ޓީމެއް ހިމެނުމުގެ އިޚްތިޔާރު ވެސް ފީފާއަށް އޮވެއެވެ.
އީރާން ވަކިވީ ކީއްވެ؟
މި ފަހަކާ ޖެހެންދެން ވެސް އީރާނުގެ އޮފިޝަލުން ބުނަމުން ދިޔައީ އެ ޓީމުން މުބާރާތުގައި ވާދަކުރާނެ ކަމަށެވެ. ސްޕެއިންގައި ހުންނަވާ އީރާނުގެ ސަފީރު ވިދާޅުވެފައިވަނީ، ވޯލްޑް ކަޕަށް ދާނެކަމަށެވެ. އަދި މުބާރާތައް ގޮސް އެ މުބާރާތުގައި ކުޅުމުގެ ހައްގު އީރާނަށް އެބައޮތް ކަމަށެވެ.
ނަމަވެސް، އީރާނުގެ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު ދުންޔާމަލީ ޓީވީގައި ދެއްކެވި ވާހަކަތަކަކަށްފަހު ހާލަތު ވަނީ މުޅިން ބަދަލުވެފައެވެ. އޭނާ ވިދާޅުވީ ޔަހޫދީންގެ މަކަރުވެރި ރޭވުމުގެ ދަށުން އީރާނުގެ ލީޑަރު އަވަހާރަކޮށްލާފައިވާތީ ވޯލްޑް ކަޕުގައި ބައިވެރިވާން ހާލަތު ތަން ނުދޭކަމަށެވެ.
އޭނާގެ މި ވާހަކަތަކަކީ މެދުއިރުމަތީގައި އިތުރުވަމުންދާ ހަމަނުޖެހުންތަކުގެ ތެރޭގައި އީރާނުގެ އެންމެ މަތީ ލީޑަރު އަވަހާރަކޮށްލުމާ ގުޅިގެން ދެއްކެވި ވާހަކަތަކެކެވެ. މި ހާލަތުގެ ސަބަބުން އެމެރިކާއިން ވަނީ އީރާނުގެ ސަޕޯޓަރުންނަށް ވެސް ދަތުރުފަތުރު ކުރުމުގައި ވެސް ހުރަސްތަކެއް ކުރިމަތިކޮށްފަ އެވެ. އެގޮތުން އީރާނުން ކުޅޭ މެޗުތަކަށް އެގައުމުގެ ސަޕޯޓަރުންނަށް އެމެރިކާއަށް ނުދެވޭނެ އެވެ.
އީރާނުގެ ބަދަލުގައި ދެން މުބނާރާތައް އަންނާނީ ކޮން ގައުމެއް؟
ވޯލްޑް ކަޕުގައި އޭޝިއާގެ އަށް ގައުމަކުން ވާދަކުރެ އެވެ. މުބާރާތައް ކޮލިފައިވެފައިވާ އޭޝިއާ ބައްރުގެ ޓީމުތަކަކީ:
- ސައުދީ އަރަބިއްޔާ
- އޮސްޓްރޭލިއާ
- ގަތަރު
- ސައުތު ކޮރެއާ
- އުޒްބެކިސްތާން
- ޖަޕާން
- އުރުދުން
- އީރާން
ގަވައިދު ބުނާގޮތުން އީރާން މުބާރާތުން ވަކިވުމުން އެ ޓީމުގެ ބަދަލުގައި ޓީމެއް ނަގަންޖެހޭނީ އޭއެފްސީން އިންނެވެ. އެގޮތުން އީރާނުގެ ބަދަލުގައި މުބާރާތަށް އައުން އެންމެ ގާތް ޓީމަކީ އިރާގެވެ.
އިރާގު މިވަގުތު އޮތީ ވޯލްޑް ކަޕްގެ އިތުރު ޖާގައެއް ކަށަވަރުކޮށްދޭ 'އިންޓަރކޮންޓިނެންޓަލް ޕްލޭއޮފް ބީ' ގައެވެ. މި މަހުގެ 31 ވަނަ ދުވަހު މެކްސިކޯގެ މޮންޓެރޭގައި، ބޮލީވިއާ އާއި ސުރިނާމް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށް އިރާގު ނުކުންނާނެ އެވެ.
ޕްލޭއޮފް މެދުވެރިކޮށް އިރާގަށް ކޮލިފައި ނުވެވިއްޖެނަމަ، އީރާންގެ ބަދަލުގައި ގެންނަން އެންމެ އެކަށީގެންވާ ޓީމަކީ އެއީ އެވެ. އެއީ ސީދާ ޖާގައެއް ކަށަވަރު ނުވެ، އޭއެފްސީން އެންމެ ރަނގަޅު ނަތީޖާއެއް ހޯދާފައިވާ ޓީމަކީ އިރާގު ކަމަށްވާތީ އެވެ.
ނަމަވެސް، ސަރަހައްދީ ހަމަނުޖެހުންތަކާ ހުރެ ދަތުރުފަތުރު ކުރުމުގައި ހުރި ދަތިތަކުގެ ސަބަބުން، މެޗު ފަސްކޮށްދިނުމަށް އިރާގުން ވަނީ އެދިފަ އެވެ. އިރާގުން ޕްލޭއޮފް ކާމިޔާބުކޮށްފިނަމަ، އެ ޓީމަށް ސީދާ ޖާގައެއް ލިބޭނެ އެވެ. އެހާލަތުގައި ދެން އޮތް ޓީމަށް ފުރުސަތު ލިބޭނެ އެވެ. ދެވަނަ އަށް ފުރުސަތު ލިބުން އެންމެ އެކަށީގެންވާ ޓީކަމަކީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އެވެ.
އިރާގު ކޮލިފައިވެއްޖެނަމަ، ބަދަލުގައި އަންނާނެ ޓީމަކީ ޔޫއޭއީ އެވެ. އެއީ އޭޝިއާގެ ފަހު ޕްލޭއޮފް ބުރުގައި އިރާގު އަތުން ބަލިވި ޓީމަކީ ޔޫއޭއީ ކަމަށްވާތީ އެވެ.
ފީފާގެ ކުރީގެ ނިންމުންތައް
މީގެ ކުރިން ފީފާ ކްލަބް ވޯލްޑް ކަޕްގައި ވެސް މިފަދަ ހާލަތެއް ވަނީ މެދުވެރިވެފަ އެވެ. އެފަހަރު މެކްސިކޯގެ ކްލަބް ލިއޯން މުބާރާތުން ބޭރުކުރީ ޕަޗޫކާ ކްލަބާއެކު އެއް ވެރިފަރާތެއް އޮތުމުންނެވެ. ފީފާއިން އެ ޖާގަ ފުރުވީ އެލްއޭއެފްސީ އާއި ކްލަބް އެމެރިކާގެ މެދުގައި ކުޅުނު ޕްލޭއޮފް މެޗަކުންނެވެ. އެ މެޗުން މޮޅުވީ އެލްއޭއެފްސީ އެވެ. މޮޅުވި އެލްއޭއެފްސީ އަށް ޖާގަލިބިގެން ދިޔަ އެވެ.
Ads by MACL
