ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ތެލުގެ ހަރަދުތައް ހަމަޖެއްސުމަށް ބޭރުގެ ދެ އެޖެންސީއަކުން ރާއްޖެއަށް 100 މިލިޔަން ޑޮލަރު

މާލީ ވަޒީރު މޫސާ ޒަމީރު. ފޮޓޯ: ޕީއެސްއެމް
މާލީ ވަޒީރު މޫސާ ޒަމީރު. ފޮޓޯ: ޕީއެސްއެމް

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފެލެމުންދާތީ، އެކަމަށް ކުރަންޖެހޭ ހޭދަ ހަމަޖެއްސުމަށް ބޭރުގެ ދެ މާލީ އިދާރާއަކުން ރާއްޖެއަށް 100 މިލިޔަން ޑޮލަރުގެ އެހީއެއް ހަމަޖެހިފައިވާކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރާ އަސަރު ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޒީރުންގެ ފެންވަރުގައި އެކުލަވާލާފައިވާ ކޮމެޓީން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. މިގޮތުން މަރުކަޒީ ބޭންކުގެ ގަވަރުނަރާއެކު ރާއްޖޭގެ ރިޒާވުގެ ކަންކަން ވަރަށް ގާތުން ބަލަހައްޓަމުންދާކަން ވަޒީރު ފާހަގަކުރެއްވި އެވެ.

ވަޒީރު ވިދާޅުވީ ރިޒާވަށް އިތުރު 100 މިލިޔަން ޑޮލަރު ހޯދުމަށް ބޭރުގެ ދެ މަލްޓިލެޓްރަލް އެޖެންސީއަކާއެކު މަސައްކަތްކޮށް، އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ.

 "އެއީ އަސްލު ތެލުގެ އަގު މިހާރު މި ބޮޑުވާ އަދަދު، އެއީ މިސާލަކަށް ކުރިން 100 ޑޮލަރަށް ލިބޭ އެއްޗެއް 150 ޑޮލަރަށް ބަދަލުވީމަ އެއަންނަ ބައި ފައިނޭން ކުރުމަށް އަޅުގަނޑުމެން ހަމަޖައްސާ ފެސިލިޓީއެއް،" ވަޒީރު ވިދާޅުވިއެވެ.

މި ފައިސާ ހޯދުމުގެ މަސައްކަތް މިހާރު އޮތީ އެންމެ ފަހުގެ މަރުހަލާގައި ކަމަށާއި، ދިވެހި ސަރުކާރުން މިކަމުގައި ނަގަންޖެހޭ އެންމެ ފަހުގެ ހުއްދަ ހޯދުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވާފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.

ހަނގުރާމަ ދެމިގެންދާ ހާލަތެއްގައި ދައުލަތަށް ލިބޭނެ ގެއްލުންތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، މި ހާލަތު އެއް މަސް ދުވަހަށް ދެމިގެން ގޮސްފިނަމަ ދައުލަތުގެ އާމްދަނީއަށް 85 މިލިޔަން ޑޮލަރާއި 100 މިލިޔަން ޑޮލަރާއި ދެމެދުގެ އަދަދެއްގެ ގެއްލުން ވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މި އަންދާޒާއަކީ ސަރުކާރުގެ ޓެކްނިކަލް ޓީމުން ތައްޔާރުކޮށް، ވޯލްޑް ބޭންކުން ވެސް އެއީ ރަނގަޅު އަދަދެއް ކަމަށް ބުނެފައިވާ އަންދާޒާއެއް ކަމަށް ވަޒީރު ވިދާޅުވި އެވެ.

މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖެ އަންނަ ފަތުރުވެރިން ޓްރާންސިޓްވާ ބައެއް ވައިގެ ބަނދަރުތައް ބަންދުވުމާ ގުޅިގެން، ފަތުރުވެރިކަމަށް ވެސް އޭގެ އަސަރު ކުރަމުންދާކަން ސަރުކާރުން ވަނީ ފާހަގަކޮށްފަ އެވެ. އެހެންކަމުން މި ހުރިހާ ގެއްލުންތަކެއް ކޮމްޕެންސޭޓް ކުރެވޭނެ ފައިނޭންސިންގ މެކޭނިޒަމްތައް ހޯދުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.