ހަނގުރާމައިގެ ހަމަނުޖެހުމާ ގުޅިގެން ނުފުރި ތިބި ފަތުރުވެރިންނަށް އަށް ގައުމަކުން 23 ފްލައިޓް ބާއްވައިފި
މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖޭގައި ނުފުރި ތިބި ފަތުރުވެރިން އަނބުރާ ގައުމަށް ފޮނުވުމަށްޓަކައި 8 ގައުމަކަށް 23 ފްލައިޓް ބާއްވާފައިވާ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
ވަޒީރު މިހެން ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް މި ހާލަތުގެ ސަބަބުން ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުންނެވެ.
ވަޒީރު އަމީން ވިދާޅުވީ ރާއްޖެއަށް ދުވާލަކު އަންނަ 60 އެއްހާ ފްލައިޓްގެ ތެރެއިން 19 އާއި 20 އާ ދެމެދުގެ އަދަދަކަށް ފްލައިޓަކީ މެދުއިރުމަތިން އަންނަ ފްލައިޓްތައް ކަމަށެވެ. ނަމަވެސް ފެބުރުވަރީ 19 އިން މާރިޗު 3 އާ ހަމައަށް ދުވާލަކު ގާތްގަނޑަކަށް 19 ފްލައިޓް ކެންސަލްވެފައިވާ ކަމަށާއި، މީގެ ސަބަބުން ދުވާލަކު 2800 އާއި 3000 އާ ދެމެދުގެ އަދަދަކަށް ފަތުރުވެރިންނަށް ރާއްޖެ ނާދެވި ނުވަތަ ނުފުރި މަޑުކުރަން ޖެހުނު ކަމަށް ވަޒީރު ފާހަގަކުރެއްވި އެވެ.
Ads by BMLމި ހާލަތުން އަރައިގަތުމަށް ކުރެވުނު މަސައްކަތްތަކާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، ނުފުރި ތިބި މީހުންނަށް ފުރޭނެ ގޮތް ހަމަޖެއްސުމަށް ޔޫރަޕްގެ 8 ގައުމަކަށް 23 ފްލައިޓް ބާއްވާފައިވާ ކަމަށާއި ރަޝިޔާގެ އެއިރޯ ފްލޮޓްގެ ދަތުރުތައް ދުވާލަކު ދެ ފަހަރަށް އިތުރުކުރެވި، 2000 އެއްހާ ސީޓް ވަނީ އިތުރުވެފައި ކަމަށެވެ. އަދި އެއަރ އިންޑިއާގެ ދަތުރުތައް ވެސް ޑަބަލް ކުރެވިފައިވާ ކަމަށް ވަޒީރު ވިދާޅުވި އެވެ.
"ނުފުރި ތިބި މީހުހުންނަށް ފުރޭނެ ގޮތް ހަމަޖެއްސުމަށް ޔޫރަޕްގެ 8 ޤައުމަކަށް 23 ފްލައިޓް ވަނީ ބާއްވާފައި. ދެން ރާއްޖެއަށް މީހުން ގެނައުމަށް ކުރެވުނީ ކޮން ކަމެއްތޯ.؟ އެގޮތުން ރަޝިޔާގެ އެއަރލައިން އެއިރޯ ފްލޮޓްގެ ދަތުރުތައް ދުވާލަކު ދެ ފަހަރު ބާއްވާގޮތަށް މިވަނީ އިތުރުކުރެވިފައި. 2000އެއްހާ ސީޓް އެއިތުރުވީ. އެއަރ އިންޑިއާ ޑަބަލް ކުރެވިއްޖެ." ވަޒީރު އަމީން ވިދާޅުވިއެވެ
މީގެ އިތުރުން ޔޫރަޕާއި އެމެރިކާގެ ކަނެކްޝަންތައް ވަރުގަދަކުރުމަށް އިއްތިޙާދު އެއަވޭސްގެ ދަތުރުތައް އިތުރުކުރުމާއި، އެއަރ އޭޝިއާގެ ދަތުރުތަކަށް ބޮޑެތި ބޯޓުތައް ބޭނުންކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ. އަދި ބަންގްލަދޭޝްގެ ޑާކާއަށް މެދުކެނޑިފައި އޮތް ދަތުރުތައް މިހާރު އަލުން ފަށާފައިވާކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
ވަޒީރު އިތުރަށް ވިދާޅުވީ މި ދުވަސްވަރު ރާއްޖެއަށް ދަތުރުކުރާ ޕްރައިވެޓް ޖެޓްތަކުގެ އަދަދު އިތުރުވަމުންދާ ކަމަށާއި، މިއީ އިގްތިސާދީ ގޮތުން ލިބޭ ހެޔޮ ފާލެއް ކަމަށެވެ.
ސަރުކާރުން ކުރި މި އަވަސް މަސައްކަތްތަކުގެ ސަބަބުން، މެދުއިރުމަތީގެ ހަމަނުޖެހުމާ ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާއަށް ލިބުނު ކުއްލި ސިހުމަށް ބޮޑު ލުޔެއް ލިބިފައިވާ ކަމަށް ވެސް ވަޒީރު އަމީން ވިދާޅުވި އެވެ.
Ads by MACL
