ހަމަނުޖެހުންތަކާއި ގުޅިގެން ހައްޖުގެ އެއްވެސް ކަންކަމަށް ބުރޫނާރާނެ: ޝަހީމް
މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން މިއަހަރުގެ ހައްޖުގެ އެއްވެސް ކަމަކަށް ބުރޫއެއް ނާރާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތައް ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ވަޒީރުންގެ ހާއްސަ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.
ވަޒީރު ވިދާޅުވީ ހައްޖާ ގުޅޭ އެންމެހާ ކަންކަން ވަރަށް ފުރިހަމައަށް ކުރިއަށްދާނެ ކަމަށާއި، އެކަމަށް ބޭނުންވާ އިންތިޒާމުތައް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ރާއްޖެއަކީ ހައްޖުގެ އިންތިޒާމުތައް އެންމެ އަވަހަށް ނިންމި ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެއްކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
"ހައްޖާ ގުޅޭ އެންމެހާ ކަންކަން ވަރަށް ފުރިހަމައަށް ގެންދެވޭނެ. ރާއްޖެއަށް ލިބިފައިވާ 1000 ކޯޓާގައި ދަތުރުކުރާ ހައްޖުވެރިންގެ ވިސާ ވަނީ އިޝޫ ކުރެވިފައި. އެކަމޮޑޭޝަނާއި ހައްޖާއި ގުޅޭ އަރަފާތާއި މިނާގެ ކަންކަން ވެސް ވަނީ ހަމަޖެހިފައި. ހަނގުރާމައާ ގުޅިގެން ހައްޖުގެ އެއްވެސް ކަމެއްގައި ބުރޫއެއް ނާރާނެ،" ވަޒީރު ވިދާޅުވިއެވެ.
އުމްރާވެރިންގެ ހާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ ރަމަޟާން މަހުގެ ފަހު 15 ގައި ރާއްޖެއިން 2000 އަށް ވުރެ ގިނަ މީހުން އުމްރާއަށް ގޮސްފައިވާ ކަމަށާއި، އެ ހުރިހާ ފަރާތްތަކުގެ ހާލުވެސް ރަނގަޅު ކަމަށެވެ.
Ads by BMLމެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ބައެއް ފްލައިޓްތައް ކެންސަލްވުމުގެ ސަބަބުން ދަތިތަކެއް ކުރިމަތިވި ނަމަވެސް، ސަރުކާރުން ފްލައިޓެއް ޗާޓަރުކޮށްގެން ހުރިހާ އުމްރާވެރިން މައްކާއަށް ފޮނުވައިދީފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން، ފްލައިޓް ކެންސަލްވުމުގެ ސަބަބުން ރާއްޖެއަށް އެނބުރި ނާދެވިފައި ތިބި 50 އުމްރާވެރިން މާލެ ގެނައުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ. މިކަމުގައި ވެސް އަވަސް ހައްލެއް ލިބޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
Ads by MACL
