ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެއްވެސް ޤައުމަކަށް ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ނުދޭނެ ކަމަށް ސަރުކާރުން ބުނެފި

އެއްވެސް ޤައުމަކަށް ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ނުދޭނެ ކަމަށް ސަރުކާރުން ބުނެފި

އެއްވެސް ޤައުމަކަށް ހަމަލާދިނުމަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންނުކުރެވޭނެ ކަމަށާއި، އަދި މިހާތަނަށް ވެސް އެއްވެސް ޤައުމަކަށް އެ ފުރުސަތު ދީފައިނުވާނެ ކަމަށް ދިވެހި ސަރުކާރުން މިއަދު ހާމަކޮށްފިއެވެ.

މިކަން ހާމަކުރެއްވީ މެދުއިރުމަތީގައި ފެށިފައިވާ ހަނގުރާމައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެކުލަވާލެއްވި ވަޒީރުންގެ ޚާއްޞަ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

ނޫސްވެރިންނާ ވާހަކަދައްކަވަމުން ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ، ރާއްޖޭގެ ވައިގެ ސަރަހައްދު އެއްވެސް ގައުމަކަށް ހަމަލާދިނުމަށް ބޭނުންކުރުމުގެ ހުއްދަ ނުދޭނެ ކަމަށެވެ. އަދި އެއްވެސް ޤައުމަކުން އެފަދަ ފުރުސަތަކަށް އެދުނު ނަމަވެސް އެ ފުރުސަތު ދެވެން ނޯންނާނެ ކަން އަންގަމުންދާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ޚާރިޖީ ވަޒީރު ވިދާޅުވީ، އެފަދަ ރިކުއެސްޓްތައް ވެސް ލިބުނު ކަމަށާއި އެހެން ނަމަވެސް އެއްވެސް ޤައުމަކަށް އެކަމުގެ ހުއްދަ ނުދޭނެ ކަމަށެވެ.

"އެފަދަ ރިކުއެސްޓްތައް ވެސް އަޅުގަނޑުމެން ރިޖެކްޓް ކުރަމުންދާކަން ތިބޭފުޅުންގެ މަޢުލޫމާތަށްޓަކައި ދަންނަވަން. އެއްވެސް ޤައުމަކަށް އެކަމުގެ ހުއްދަ އެއް ރާއްޖޭގެ ވައިގެ ސަރަޙައްދު ބޭނުން ކުރުމުގެ ހުއްދައެއް ނުދޭކަން ތިބޭފުޅުންނަށް ދަންނަވާލަން," ވަޒީރު ވިދާޅުވި އެވެ.

ސަރުކާރުން މިކަން ސާފުކޮށްދީފައި މިވަނީ، އީރާނަށް ހަމަލާދިނުމަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދަ ދީފައިވާ ކަމަށް ބުނެ ސިޔާސީ ބަޔަކު ހަގީގަތާ ހިލާފު ވާހަކަތަކެއް ފަތުރަމުންދާ ދަނޑިވަޅެއްގައެވެ.

މީގެ އިތުރުން، އެމެރިކާގެ ހަނގުރާމަމަތީ ބޯޓުތަކެއް އީރާނަށް ހަމަލާދިނުމަށްފަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސުމުގެ ހުއްދަ ދިން ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ވެސް އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.