ރާއްޖޭގައި ދުއްވާ އިލެކްޓްރިކް ވެހިކަލްތަކަށް ފެހި ކުލައިގެ ނަންބަރު ބޯޑެއް ތައާރަފުކުރަނީ
ރާއްޖޭގައި ދުއްވާ އިލެކްޓްރިކް ނުވަތަ "އީވީ" ވެހިކަލްތަކަށް ހާއްސަ ފެހި ކުލައިގެ ނަންބަރު ބޯޑެއް ތައާރަފުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.
މިކަން އިއުލާންކުރެއްވީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުހައްމަދު އަމީން މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މިނިސްޓަރު އަމީން ވިދާޅުވީ މި ފެށޭ އާ ބަދަލާއެކު، ރާއްޖޭގައި ފުރަތަމަ ފަހަރަށް އިލެކްޓްރިކް ވެހިކަލްތަކުގައި ފެހި ކުލައިގެ ނަންބަރު ބޯޑު ހަރުކުރެވި، މަގުމަތީގައި އެފަދަ އުޅަނދުތައް ފަސޭހައިން ވަކިކުރަން އެނގޭނެ ކަމަށެވެ. މިއީ އެއްގަމުގައި ދުއްވާ އުޅަނދުފަހަރާ ބެހޭ ގަވާއިދަށް ގެންނަ ހަތްވަނަ އިސްލާހުގެ ދަށުން ތައާރަފުކުރާ ބޯޑެއް ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"މިއީ ތިމާވެއްޓާ ރައްޓެހި ދަތުރުފަތުރުގެ ނިޒާމެއް ކުރިއެރުވުމަށާއި ކޮޕް29 ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވި ތިމާވެށީގެ ވައުދުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ކުރިއަށް ގެންދާ މުހިންމު މަސައްކަތެއް،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ހިއްސާކުރެއްވި ނަމޫނާ ބޯޑުތަކަށް ބަލާއިރު، އަމިއްލަ ފަރާތްތަކުން ބޭނުންކުރާ އީވީ ވެހިކަލްތަކުގެ ފެހި ބޯޑުގައި އަކުރުތައް ހުންނާނީ ހުދު ކުލައިގައެވެ. ނަމަވެސް ޓެކްސީގެ ގޮތުގައި ބޭނުންކުރާ އީވީ އުޅަނދުތަކުގެ ނަންބަރު ބޯޑުގައި އަކުރުތައް ހުންނާނީ ރީނދޫ ކުލައިގައެވެ.
Ads by BMLއީވީ ވެހިކަލްތަކަށް ހާއްސަ ނަންބަރު ބޯޑެއް ތައާރަފުކުރާއިރު، ކުރިއަށް އޮތް އަޟްޙާ އީދާ ދިމާކޮށް ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ފެށުމަށް އެމްޓީސީސީއާ ގުޅިގެން ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ. މި ހިދުމަތް ދިނުމަށް އެމްޓީސީސީން ބޭނުންކުރާނީ މުޅިންވެސް އިލެކްޓްރިކް އުޅަނދުތަކެވެ.
މި މަޝްރޫއުގެ ދަށުން ތިން ސައިޒެއްގެ ޖުމްލަ 100 އިލެކްޓްރިކް ކާރު ރާއްޖެ ގެނައުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ތިމާވެއްޓާ ރައްޓެހި ނިޒާމަކަށް ބަދަލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ މުހިންމު ފިޔަވަޅެކެވެ.
Ads by MACL
