އާޔަތުﷲ އަލީ ޚާމަނާއީގެ އަނބިކަނބަލުން ދުނިޔޭގައި އެބަހުންނެވިކަން އީރާނުގެ ދައުލަތުގެ މީޑިއާއިން ކަށަވަރުކޮށްދީފި
އީރާނުގެ ކުރީގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީގެ އަނބިކަނބަލުން މަންސޫރާ ޚުޖަސްތާ ބާގިރުޒާދާ އަވަހާރަވެފައިވާ ކަމަށް ފެތުރެމުންދާ ޚަބަރުތަކަކީ ދޮގު ޚަބަރުތަކެއް ކަމަށާއި އެކަމަނާ އަދިވެސް ދުނިޔޭގައި އެބަ ހުންނެވިކަން އީރާނުގެ ދައުލަތުގެ މީޑިއާއިން ކަށަވަރުކޮށްދީފިއެވެ.
އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް (އައިއާރުޖީސީ) އާ ގުޅުން އޮންނަ ފާރްސް ނިއުސް އޭޖެންސީން ހާމަކުރި ގޮތުގައި، މަންސޫރާ އަދިވެސް ދުނިޔޭގައި އެބަހުންނެވިއެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ތެހެރާނަށް ދިން މިސައިލް ހަމަލާތަކުގައި މަންސޫރާ އަވަހާރަވި ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވަނީ އޮޅުމަކުންނެވެ. ނަމަވެސް، އެ ހަމަލާތަކުގައި އޭނާއަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށާއި، މިހާރު ރައްކާތެރި ތަނެއްގައި ފަރުވާ ހޯއްދަވަމުން ގެންދަވާ ކަމަށް އީރާނުގެ ރަސްމީ މަސްދަރުތަކުން ބުނެއެވެ.
Ads by BMLއާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވުމަށްފަހު، އައު ލީޑަރު މުޖްތަބާ ޚާމަނާއީ ދެއްވި ފުރަތަމަ ބަޔާނުގައި މަންސޫރާގެ ވާހަކަ ފާހަގަކުރައްވާފައި ނުވުމުން އާންމުންގެ މެދުގައި ވަނީ އޮޅުންތަކެއް އުފެދިފައެވެ.
އީރާނުގެ އިސްލާމީ އިންގިލާބުގެ މޭސްތިރި ކަމަށްވާ އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވީ އެމެރިކާ އާއި އިޒްރޭލު ގުޅިގެން ހިންގި "އޮޕަރޭޝަން އެޕިކް ފިއުރީ" ގައެވެ. އިޒްރޭލުގެ ޖެޓްތަކުން ތެހެރާނުގެ ސެކިއުރިޓީ ކޮންފަރެންސެއް ކުރިއަށްދިޔަ އިމާރާތަކަށް ބަންކަރް-ބަސްޓާ ބޮން ބޭނުންކޮށްގެން ދިން މި ހަމަލާގައި ޚާމަނާއީގެ އިތުރުން އޭނާގެ އާއިލާގެ ބައެއް މެންބަރުން ވެސް ވަނީ އަވަހާރަވެފައެވެ.
މަންސޫރާ ޚުޖަސްތާ ބާގިރުޒާދާ އަކީ މަޝްހަދުގެ ދީނީ އާއިލާއަކަށް އުފަން ބޭފުޅެކެވެ. އުމުރުން އެންމެ 17 އަހަރުގައި 1964 ވަނަ އަހަރު އަލީ ޚާމަނާއީއާ ކައިވެނި ބެއްލެވި އިރު، މި ދެމަފިރިންނަށް ވަނީ ހަ ދަރިން ލިބިފައިވެއެވެ. އަލީ ޚާމަނާއީގެ ސިޔާސީ ހަޔާތުގައާއި، ޖަލުގެ ދުވަސްވަރުގައި ވެސް މަންސޫރާ ވަނީ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައެވެ. ޚާމަނާއީ ވަނީ އޭނާގެ ކާމިޔާބީގެ ސިއްރަކީ އަނބިކަނބަލުންގެ ހިތްވަރާއި ވިސްނުންތެރިކަން ކަމަށް ކުރިން ވިދާޅުވެފައެވެ.
އީރާނުގެ ސަރުކާރުން މިހާތަނަށް މަންސޫރާގެ ހާލަތާ ގުޅޭގޮތުން އިތުރު ތަފްސީލެއް ހާމަކޮށްފައި ނުވަނީ ސަލާމަތީ ސަބަބުތަކަށްޓަކައެވެ. ނަމަވެސް، އޭނާ އަވަހާރަވި ކަމަށް ދެކެވޭ ވާހަކަތަކަކީ ހަމައެކަނި އަނިޔާވި ކަމުގެ ރިޕޯޓްތަކަށް ބިނާކޮށް ފެތުރިފައިވާ އަސާސެއް ނެތް އަޑުތަކެއް ކަމަށް ވަނީ ކަށަވަރުވެފަ އެވެ.
Ads by MACL
