ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކުރިޔަށް އޮތީ ބޮޑު "ސަޕްރައިޒެއް" ކަމަށް ބުނެ އީރާނުގެ ލީޑަރަށާއި ހެޒްބުﷲ ގެ ލީޑަރަށް ބަތަންޔާހޫ އިންޒާރުދީފި

ކުރިޔަށް އޮތީ ބޮޑު "ސަޕްރައިޒެއް" ކަމަށް ބުނެ އީރާނުގެ ލީޑަރަށާއި ހެޒްބުﷲ ގެ ލީޑަރަށް ބަތަންޔާހޫ އިންޒާރުދީފި

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، އީރާނުގެ މުޖްތަބާ ޚާމަނާއީ އާއި ހިޒްބުﷲގެ ލީޑަރު ނައީމް ގާސިމަށް އަމާޒުކޮށް ވަރުގަދަ އިންޒާރެއް ދީފިއެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ނަތަންޔާހޫ ވަނީ ކުރިއަށް އޮތް ތަނުގައި "ހައިރާންކުރުވަނިވި" ކަންތައްތަކެއް ފެންނާނެ ކަމަށް ބުނެފައެވެ.

ނަތަންޔާހޫ ބުނީ އިޒްރޭލުން އުންމީދު ކުރި ވަރަށް ވުރެ ބޮޑަށް މިހާރު މަސްރަހުގެ ކޮންޓްރޯލް އޮތީ އިޒްރޭލުގެ އަތްދަށުގައި ކަމަށެވެ. އަދި ކަނޑައަޅާފައިވާ ހުރިހާ ލަނޑުދަނޑިތަކެއް ހާސިލްކުރާނެ ކަމުގެ ޔަގީންކަން އޭނާ ވަނީ ދީފައެވެ.

"އަޅުގަނޑުމެންނަށް ލިބިފައިވާ ކުރިއެރުންތައް އަޅުގަނޑުމެން އުންމީދު ކުރި ވަރަށް ވުރެ މާ ބޮޑު. އަދި އަޅުގަނޑުމެންގެ ހުރިހާ މަގްސަދުތަކެއް ހާސިލްކުރާނަން،" ނަތަންޔާހޫ ބުންޏެވެ.

މި ބައްދަލުވުމުގައި އޮޕަރޭޝަނަލް ސިއްރުތައް ހިފެހެއްޓުމުގެ މުހިންމުކަމަށް އަލިއަޅުވާލަމުން އޭނާ ބުނީ ބައެއް ކަންކަން ސިއްރުގެ ގޮތުގައި ބަހައްޓަން ޖެހޭ ކަމަށެވެ. ނަމަވެސް، ކުރިއަށް އޮތް ތަނުގައި ފެންނާނެ ކަންތައްތަކަކީ ހައިރާންކުރުވަނިވި ކަންތައްތަކެއް ކަމަށް އޭނާ ތަކުރާރުކޮށް ބުންޏެވެ.

ނަތަންޔާހޫގެ މި އިންޒާރު އައިސްފައިވަނީ ސަރަހައްދީ ހަނގުރާމަ ވަރުގަދަވެ، އިޒްރޭލުން ދެމުންދާ ހަމަލާތައް ވަރުގަދަކޮށްފައިވާ ދަނޑިވަޅެއްގައެވެ. މި ބަޔާނާ ގުޅިގެން، އީރާނުގެ އިސް ވެރިންނާއި ހިޒްބުﷲގެ ލީޑަޝިޕަށް އަމާޒުކޮށް އިޒްރޭލުން ހާއްސަ އޮޕަރޭޝަންތަކެއް ނުވަތަ އަވަހާރަކޮށްލުމުގެ ހަމަލާތަކެއް ދީފާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.

މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގައި އިޒްރޭލުން ސްޓްރެޓީޖިކް ގޮތުން ކުރި ހޯދާފައިވާ ކަމަށް ނަތަންޔާހޫ ބުނި ނަމަވެސް، އެކަމުގެ އިތުރު ތަފްސީލެއް އޭނާ ހާމައެއް ނުކުރެއެވެ. މިކަމުގެ ސަބަބުން ކުރިއަށް އޮތް ދުވަސްތަކުގައި މެދުއިރުމަތީގެ މަސްރަހު އިތުރަށް ގޯސްވެގެންދާނެ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ.