ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ދިގުރަށުގައި އެކޮމަޑޭޝަން ބްލޮކެއްގައި އަލިފާން ރޯވެ 5 މީހަކު ނިޔާވެއްޖެ

ދިގުރަށުގައި އެކޮމަޑޭޝަން ބްލޮކެއްގައި އަލިފާން ރޯވެ 5 މީހަކު ނިޔާވެއްޖެ

އދ. ދިގުރަށުގައި ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ އެކޮމަޑޭޝަން ބްލޮކެއްގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި ފަސް މީހަކު ނިޔާވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު 2:00 އެހާކަންހާއިރު ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި، މި ހާދިސާގައި ޖުމްލަ އަށް މީހަކަށް އެކިވަރުގެ އަނިޔާ ލިބިގެން ދިގުރަށު ސިއްޙީ މަރުކަޒަށް ގެންގޮސްފައިވެއެވެ. އޭގެ ތެރެއިން ފަސް މީހަކު ނިޔާވެފައިވާކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ. ނިޔާވި މީހުންނަކީ އެ އެކޮމަޑޭޝަން ބްލޮކްގައި ދިރިއުޅެމުންދިޔަ ބިދޭސީންނެވެ.

މި ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބި، ހަށިގަނޑުގެ ބޮޑުބައެއް ފިހިފައިވާ ދެ މީހަކަށް އިތުރު ފަރުވާ ދިނުމަށްޓަކައި މިހާރު ވަނީ މާލެ ގެނެސްފައެވެ. އަދި މި ހާދިސާގައި ރޯވި އަލިފާންގަނޑު މިހާރު އެއްކޮށް ނިއްވާލާފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މި ހާދިސާގެ ތަހުގީގަށް މާލެއިން ފުލުހުންގެ ހާއްސަ ޓީމެއް ދިގުރަށަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ. ފުލުހުން ހާމަކުރި ގޮތުގައި މި ތަހުގީގު ޓީމުގައި މެޑިކަލް ޑޮކްޓަރެއްވެސް ހިމެނެއެވެ.

ފުލުހުން ދަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އިތުރަށް ތަހުގީގު ކުރަމުންނެވެ.