ރަމަޟާންމަސް ވަކިވެގެން ދިޔަނަމަވެސް, މަރު ބައްދަލުކުރަންދެން ހެޔޮ ޢަމަލުކުރުންމަތީ ދެމިތިބެން ޖެހޭ: ޚުތުބާ
ބަރަކާތްތެރި ރަމަޟާންމަސް އަޅުގަނޑުމެންނާ އަލްވަދާޢުކިޔަމުންދާއިރު، ހެޔޮ ޢަމަލުކުރުމަކީ ވަކި މޫސުމަކަށް އޮތް ކަމެއް ނޫންކަމަށާއި، މަރު އަހަރެމެންނާ ބައްދަލުކޮށްފުމަށްދާންދެން ހެޔޮ ޢަމަލުކުރުންމަތީ ދެމިތިބުމަށް އިލްތިމާސްކޮށްފިއެވެ.
މިއަދުހެ ޚުތުބާގެ މައުޟޫއަކީ "ރަމަޟާންމަހަށް ފަހު ހެޔޮ ޢަމަލުކުރުންމަތީ ދެމިތިބޭށެވެ!" މިއެވެ.
ޚުތުބާގައި ބުނީ އަޅުކަންކުރުމަކީ، މާތް ﷲ އަހަރެމެން ޚަލްޤުކުރައްވައި، އަހަރެމެންގެ މައްޗަށް ވާޖިބުކުރައްވައިފައިވާ ކަމެއް ކަމަށާއި އެހެންކަމުން އަޅުކަން ކުރުމަކީ، ހަމައެކަނި ވަކި މޫސުމަކާ ގުޅިފައި އޮންނާންވާނޭކަމެއް ނޫންކަމަށެވެ.
މުއުމިނުންގެ މުޅި ޙަޔާތުގައި ވެސް އަޅުކަންކުރާން ޖެހޭނެކަން ފާހަގަކުރައްވައި ޚުތުބާގައި ބުނީ މުސްލިމުތަކުންގެ ތެރެއިން އެންމެން ވެސް ބައެއް މޫސުންތަކުގައި އަޅުކަންކުރުން ގިނަވާކަމަށާއި ރަމަޟާންމަހަކީ އެ ފަދަ މޫސުމެއް ކަމަށެވެ. އަދި އެއީ އެ މޫސުމުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް ކަމަށާއި އެ މަސް ނިމުނީމާ ވެސް މުސްލިމުން އަޅުކަމުގައި ދެމިތިބޭނޭ ކަމަށެވެ.
ހެޔޮ ޢަމަލެއްކުރުމަށް ފަހު، އެންމެ މުހިންމުކަމަކީ، އެ ޢަމަލު ޤަބޫލުކުރައްވައިތޯ ދެންނެވުމާއި، އެ ކުރެވުނު ހެޔޮ ޢަމަލުކުރުންމަތީ ދެމިހުރުމުގެ ތައުފީޤަށް އެދި ދުޢާކުރުން ކަމަށް ޚުތުބާގައި ބުންޏެވެ.
މީގެ އިތުރުން ޚުތުބާގައި ބުނީ ރަމަޟާން މަސް އަހަރެމެންނާއި ވަކިވެގެން އެ ދަނީ ޝައްވާލުމަހުގެ ހަ ރޯދައިގެ ނިޢުމަތަށް މަގުފަހިކޮށްދީފައިކަމަށެވެ. އެހެންކަމުން ތިބާއީ ހެޔޮކަމަށް އެދޭ މީހަކަށް ވުމަށާއި އަދި ދީލަތިވަންތަ ﷲ ދެއްވި މި ނިޢުމަތުގެ ބޭނުންހިފުމަށް ޚުތުބާގައި ވަނީ ގޮވާލާފަ އެވެ. އަދި މުޅި އަހަރު ދުވަހު ރޯދަހިފިކަމުގެ ސަވާބު ޝައްވާލު މަހުގެ ހަތް ރޯދައިން ލިބިގަތުމަށް ވަނީ ނަސޭހަތްތެރިވެފަ އެވެ.
"މުސްލިމް އަޚުންނޭވެ! ރަމަޟާންމަސް އަހަރެމެންނާ ވަކިވަނީ، ޝައްވާލުމަހުގެ ހަ ރޯދައިގެ ނިޢުމަތަށް މަގުފަހިކޮށްދީފައެވެ. އެހެންކަމުން ތިބާއީ ހެޔޮކަމަށް އެދޭ މީހަކަށް ވާށެވެ! އަދި ދީލަތިވަންތަ ﷲ ދެއްވި މި ނިޢުމަތުގެ ބޭނުންހިފާށެވެ! މުޅި އަހަރު ދުވަހު ރޯދަހިފިކަމުގެ ސަވާބު ލިބިގަންނާށެވެ! މާތް ނަބިއްޔާ z ޙަދީޘްކުރައްވައިފައި ވެއެވެ. (مَنْ صَامَ رَمَضَانَ، ثُـمَّ أَتْبَعَهُ سِتًّا مِنْ شَوَّالٍ، كَانَ كَصِيَامِ الدَّهْرِ) މާނައީ: "ރަމަޟާންމަހު ރޯދަހިފައި އެއަށް ފަހު އެއާ ވިދިގެން ޝައްވާލުމަހުން ހަ ދުވަހު ރޯދަހިފި މީހާ މުޅި އަހަރުދުވަހު ރޯދަހިފިފަދައެވެ." އެހެންކަމުން ޝައްވާލުމަހުގެ ހަ ރޯދައަށް ރައްކާތެރިވެ ހެޔޮ ޢަމަލުކުރުންމަތީ ދެމިތިބުމަށް ތިޔަ އެންމެތަކުންނަށް ނަސޭހަތްތެރިވަމެވެ. އެހެނީ ހެޔޮ ޢަމަލުތަކަކީ ނުބައިކަންތައް ފޮހެލާ ކައްފާރާއެކެވެ." ޚުތުބާގައި ބުންޏެވެ.
ޚުތުބާގައި އިތުރަށް ބުނީ މުސްލިމުންގެ މައްޗަށް އޮތީ ގިނަގިނައިން ތައުބާވެ، މާތް ﷲއަށް އިސްތިޣުފާރު ކުރުން ކަމަށާއި އެކަލާނގެއީ ތައުބާވާ މީހުންގެ ތައުބާ ޤަބޫލުކުރައްވާ، ފާފަފުއްސަވާ ރަސްކަލާނގެކަމަށެވެ. މާތް ﷲގެ ރަޙުމަތުގެ ދޮރުކޮޅަކީ އެ ކަމަށް އެދޭ ކޮންމެ މީހަކަށް ހުޅުވިފައިވާ ދޮރުކޮޅެއްކަން ހަނދާންކޮށްދީ، ފާފަފުއްސެވުމަށް އެދި ދެންނެވުމުގައި ދެމިތިބުމަށް ވަނީ ބާރުއަޅާފައެވެ.
ޚުތުބާ ނިންމާލަމުން، ރަމަޟާންމަހު ފަރުޟު ފަސްނަމާދަށް ބެހެއްޓި ސަމާލުކަން އެ މަސް ނިމުމުންވެސް ދެމެހެއްޓުމަށާއި، ކޮންމެ ދުވަހަކުވެސް ކީރިތި ޤުރްއާނުން މިންވަރެއް ކިޔެވުމަށް ވަނީ އިލްތިމާސްކޮށްފައެވެ. ހެޔޮ ޢަމަލު ކިތަންމެ މަދުން ކުރެވުނަސް، މެދުކަނޑާނުލައި އެ ކަމެއްގައި ދެމިހުރުމަކީ ނަބަވީ މަންހަޖުކަން ޚުތުބާގައި ވަނީ ހަނދާންކޮށްދީފަ އެވެ.
Ads by MACL
