ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ދިގުރަށުން 5 ބިދޭސީން މަރުވުން: އަލިފާނުގެ ހާދިސާ ހިނގީ ގޭސް ލީކުވެގެން

ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާ.......
ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާ.......

އދ. ދިގުރަށުގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއަކީ ގޭސް ލީކުވެގެން ހިނގި ހާދިސާއެއް ކަމަށް އެ ރަށު ކައުންސިލުން މިއަދު ހާމަކޮށްފިއެވެ. މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ ރޭ ދަންވަރު 2:00 ހާއިރު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި ހާދިސާ ހިނގާފައިވަނީ އެ ރަށުގައި ބިދޭސީން ދިރިއުޅޭ އެކޮމޮޑޭޝަން ބްލޮކެއްގައެވެ. މި ހާދިސާގައި ޖުމްލަ އަށް މީހަކަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާއިރު، އޭގެ ތެރެއިން ފަސް މީހަކު ވަނީ މަރުވެފައެވެ. އަދި ބޮޑަށް ފިހިގެން އަނިޔާވި ދެ މީހަކަށް އިތުރު ފަރުވާ ދިނުމަށްޓަކައި މިހާރު ވަނީ މާލެ ގެނެސްފައެވެ.

ދިގުރަށު ކައުންސިލްގެ ރައީސް އިބްރާހިމް އުސްމާން ވިދާޅުވީ، އެކޮމޮޑޭޝަން ބްލޮކުގައި ރޯވީ ގޭސް ލީކުވެގެން ކަމަށެވެ.

"އެ ސަރަހައްދު ބަންދުކޮށް މިހާރު ފުލުހުން އަންނަނީ ހަރަކާތްތެރިވަމުން،" އުސްމާން ވިދާޅުވިއެވެ.

ރޯވި އަލިފާންގަނޑު މިހާރު ވަނީ އެއްކޮށް ނިއްވާލާފައެވެ.

މި ހާދިސާ ހިނގި އެކޮމޮޑޭޝަން ބްލޮކުގައި ދިރިއުޅޭ މީހުންގެ ސީދާ އަދަދާއި، އެތަން ހިންގާ ކުންފުނީގެ މައުލޫމާތު އަދި ސާފުވެފައެއް ނުވެއެވެ. މިކަމާ ގުޅޭ އިތުރު ތަފްސީލު ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން އަންނަނީ ކުރަމުންނެވެ.

މި ހާދިސާގެ ތަހުގީގަށް މެޑިކަލް ޑޮކްޓަރެއް ހިމެނޭ ގޮތަށް މާލެއިން ޚާއްސަ ޓީމެއް މިހާރު ވަނީ ދިގުރަށަށް ގޮސް ހަރަކާތްތެރިވާން ފަށާފައެވެ. ފުލުހުން އަންނަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އިތުރަށް ތަހުގީގު ކުރަމުންނެވެ.