ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ހަނގުރާމައާއި ގުޅިގެން ރާއްޖޭގެ ތަރައްޤީގެ އެއްވެސް މަޝްރޫޢެއް ނުހުއްޓޭނެ: ޒަމީރު

ހަނގުރާމައާއި ގުޅިގެން ރާއްޖޭގެ ތަރައްޤީގެ އެއްވެސް މަޝްރޫޢެއް ނުހުއްޓޭނެ: ޒަމީރު

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރާއްޖޭގައި ކުރިއަށްގެންދާ ތަރައްޤީގެ އެއްވެސް މަޝްރޫޢެއް ހުއްޓާލަންޖެހޭ ހިސާބަށް ނުދާކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ މި ހަނގުރާމައާ ގުޅިގެން އަޅަމުންދާ ފިޔަވަޅުތަކާ ގުޅޭގޮތުން ސަރުކާރުން އެކުލަވާލާފައިވާ ކޮމިޓީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ވަޒީރު ޒަމީރު ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގާ ޕްރޮޖެކްޓްތައް ހުއްޓާލާކަށް ނުޖެހޭނެ ކަމަށާއި، މިނިސްޓްރީއިން ދަނީ މި ކަންކަމުގައި އެއްބާރުލުން ދޭންޖެހޭ އެންމެހާ ފަރާތްތަކަށް ބޭނުންވާ މަގު ފަހިކޮށްދެމުން ކަމަށެވެ. އަދި މިކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް ސަރުކާރުން އަޅަމުންދާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއެކު، ވަރަށް ރޭވުންތެރިކަމާއެކު މަސައްކަތްތައް ބައްޓަންކޮށްގެން ކުރިއަށްގެންދާކަމަށެވެ. އެގޮތުން ރާއްޖޭގެ މާލީ ޙާލަތަށް އަންނާނެ ބަދަލުތައް އަންދާޒާކުރުމުގެ މަސައްކަތްތައް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި މާލީ ވުޒާރާ އަދި މީރާ ގުޅިގެން ވަރަށް ގާތުން ބަލަމުންދާކަމަށް ވިދާޅުވިއެވެ.

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ތެލުގެ އަގަށް ބަދަލު އައިނަމަވެސް، މިހާތަނަށް އަސާސީ އެއްވެސް ޚިދުމަތަކަށް އޭގެ އަސަރު ކޮށްފައެއް ނުވެއެވެ.

"ކާބޯތަކެއްޗާއި އަދި ތަރައްޤީގެ މަސައްކަތްތައް ވެސް ދަނީ ކުރިއަށް. އަދި ޙާލަތެއް ކުރިމަތިވާ ހިނދުގައި ވެސް، އޭގެ އަސަރު ރައްޔިތުންނަށް ވީހާވެސް ކުޑަވާނެގޮތަށް، ކަންކަން ރާވައި ދަނީ އެކުލަވާލަމުން،" ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ރަށްރަށުގެ ތަރައްޤީއަށް ކުރިއަށްގެންދާ ޢުމްރާނީ މަސައްކަތްތަކަށްވެސް މި ޙާލަތުގެ ސަބަބުން އަސަރު ނުކުރާނެކަމުގެ ޔަޤީންކަން ވަޒީރު ވަނީ ދެއްވާފައެވެ.

ސަރުކާރުގެ އަމާޒަކީ ކޮންމެ މަސައްކަތެއްވެސް ރައްޔިތުންނަށް ދަތިތަކުގެ އަސަރު ވީހާވެސް ކުޑަވާނެ ގޮތަކަށް ބައްޓަންކޮށްގެން ކުރިއަށް ގެންދިއުމެވެ.